މުއިއްޒު ވެރިކަމުން ބޭލުމަށްވުރެ މުހިންމު އެހެން ކަމެއްނެތް
ރައްޔިތުން އިންތިހާބު ކޮށްފާ ހުއްޓަސް މުއިއްޒު އަޒުލު ކުރުމަށް ގާނޫނު އަސާސީ ލާޒިމުކުރޭ
ދޮން ބަންޑާރައިންގެ ވާހަކަ ދައްކަނީ ހިތުން ދޮންބަންޑާރަ ހެދިގެންނެވެ. ހަސަން ތާޖުއްދީނުގެ ދެ ދަރިންނޭ ޣައްދާރުވުމޭ ޑރ. މުއިއްޒު ކީމާ ނިކަން ހުތުރެވެ. އާރާބާރު ހޯދަން ކޮންމެ ގޮތެއް ރައްޔިތުންނާއި ގައުމަށް ވިޔަސް ވަރިހަމައީ އެހެން ބަޔަކަށް ނޫނެވެ. ޑރ. މުއިއްޒަށެވެ.
ކޮންމެ ފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލާ ކިތަންމެ ބޮޑު ދޮގުތަކެއް ހަދައިގެން ވެސް ވެރިކަން ހޯދެނިކޮށް ޑރ. މުއިއްޒަށް ވަރިހަމައެވެ. މުޅި ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެން ސަހުސު އޮޅުވާލައިގެން ވެރިކަން ހޯދެނިކޮށް ޑރ. މުއިއްޒަށް ވަރިހަމައެވެ. ހޯދުނު ގޮތަކުން ވެރިކަން ހޯދަން ވީމާ ރާއްޖެއާއި ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް ޑރ. މުއިއްޒަށް ވަރިހަމައެވެ.
ޑރ. މުއިއްޒަށް ވުރެ ވަކީން ބޮޑު ޣައްދާރެއް ދިވެހި ތާރީހު ނުދެކެއެވެ. އުފެދުމުއްސުރެ ޑރ. މުއިއްޒާ ގުޅިފައިވަނީ މަކަރާއި ހީލަތާއި ދޮގެވެ. ހަސަބެއް ނަސަބެއް ކިޔާނެ ކަމެއްނެތެވެ. ތަރިކައެއް މުދަލެއް ކިޔާނެ ކަމެއް ނެތެވެ.
ޣައްދާރުވުމުގައި ޑރ. މުއިއްޒަކީ ދެވަނައެއް ނެތް މީހެކެވެ. އޮޅުވާނުލާ އޮޅުވާލުމެއް ނެތްކަމެއް ނެތެވެ. މުޅި ގައުމުގައި ބިރުވެރިކަން އުފައްދާ ހަނގުރާމައެއްގެ ނުރައްކަލަށް ގައުމު ވެއްޓޭ ހިސާބަށް ގައުމީ ސަލާމަތަށް ޑރ. މުއިއްޒު ނުރައްކާކޮށްފިއެވެ.
އާރާ ބާރުގެ ގޮތުން ގަދަފަދަ އިންޑިއާއަށް ނިސްބަތްކޮށް ޑރ. މުއިއްޒު ނުހަދާ ދޮގެއް ނެތެވެ. އިންޑިއާގެ ދެހާސް ތިންހާސް ސިފައިން ރާއްޖޭގައި ހަތިޔާރާއެކު އަރާތިބެ ރާއްޖޭގެ މިނިވަންކަން ނަގާލާފައިވާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލިއެވެ. ވެރިކަމަށް އަންނަނީ އިންޑިއާ ސިފައިން ބާލަން ކަމަށް ބުނެ ދޮގު ހެދިއެވެ. ވެރިކަމަށް އަރާ މަސް ދުވަސް ވީއިރު އެބުނި އިންޑިއާ ސިފައިން ތިބި ވަރެއް ތިބި ތަނެއް ބުނެއެއް ނުދެވުނެވެ. ނުވެސް ބޭލުނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތަށް ދުނިޔޭގެ ކަނޑުގެ އިމުގެ މައްސަލަ ފައިސަލާ ކުރާ ކޯޓުން ކުރި ހުކުން ގަބޫލުނުކޮށް ކަނޑުން ބައެއް ވިއްކާލުމުގެ ދޮގު ތުހުމަތު ދިވެހި ސަރުކާރަށްކޮށް ނަފްރަތު އުފައްދާ ފިތުނައިގެ ހުޅު މުޅި ގައުމުގައި ޑރ. މުއިއްޒު ރޯކުރިއެވެ.
ވެރިކަމުގެ ފުރަތަ ދުވަހު ރައީސް ޔާމީނު މިނިވަން ކުރަން ބުނެ ރައީސް ޔާމީނުގެ ފޮޓޯއާއި ހުސްގޮނޑިއެއް ދައްކައިގެން ރައްޔިތުންގެ ގިނަބައެއްގެ ބޮލަށް ޗިޕް ޖަހައިގެން ވޯޓު ހޯދިއެވެ. ވެރިކަމަށް މަހެއް ވީއިރުވެސް ރައީސް ޔާމީނު ހުންނެވީ ހުކުމް ތަންފީޒު ކުރެއްވުމުގައެވެ. ރައީސް ޔާމީނު މިނިވަން ނުކޮށް ވާން އޮތް ހުރިހާ ގޮތެއް ދަނީ ހަދަމުންނެވެ. ގާނޫނުތައް ހުރި ގޮތުން ރައީސް މުއިއްޒު ބޭނުން ވުމުން ރައީސް ޔާމީނު މިނިވަން ނުކުރެވޭނެކަން މުއިއްޒަށް އެނގުނީ ވެރިކަން ލިބުމުންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީނު މިނިވަން ކުރާނެ ކަމަށް ވެރިކަން ހޯދަން އުޅުނުއިރު މުއިއްޒު ބުނަމުން އައީ ގާނޫނުތައް އެހުރި ގޮތަށް ހުއްޓައެވެ.
ވެރިކަމަށް އަންނަން ވެގެން ރާއްޖޭގެ ޖުޑިޝަރީއަކީ ރިޝްވަތާ ނުފޫޒުން ފޯވެފައިވާ ތަނެއް ކަމަށް ޑރ. މުއިއްޒު ތަކުރާރުކޮށް ބުނެ ކޯޓުތަކުގެ ހުރުމަތް ވަނީ ކަނޑާފައެވެ. ކޯޓުތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރުވަނީ ނަގާލާފައެވެ. ކޯޓުތަކުން ކުރަނީ ހަރާން ހުކުންކަމަށް ރައްޔިތުންނަށް ވަނީ ވިސްނާ ދީފައެވެ. ވެރިކަމަށްޓަކައި ދައުލަތުގެ އެއްބާރު ކަމުގައިވާ އަދުލު އިންސާފު ގާއިމުކުރާ ބާރުގެ ހުރުމަތް ޑރ. މުއިއްޒުވަނީ ކަނޑާލާފައެވެ.
ކެންޕޭނުގައި ރަށްރަށަށް އެރުމުން ކަންފަތް ދޮށުގައި އެންމެ ގިނައިން މީހުން އެދުނީ ދީފައިވާ ވަޒީފާ ތަކުން މީހުން ކަނޑާނުލުމަށް ކަމަށް ޑރ. މުއިއްޒު ބުންޏެވެ. ރަށްރަށުގެ ރައްޔިތުން ކުރިމަތީ އަނގަފުރާ އެތައް ފަހަރަކު އެއްވެސް ރަށެއްގެ އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބުންޏެވެ. އެހެން ނަމަވެސް ފުރަތަމަ ދެހަފްތާ ނުވަނީސް އެތައް ސަތޭކަ ބަޔަކު ނޯޓިސެއް ދިނުމެއް ނެތި ކަނޑާ އުކާލާ މަގުމަތި ކޮށްލައިފިއެވެ.
މީހަކަށް ޣައްދާރުވެވޭނީ މިހާކަށް ވަރަށެވެ. ރައްޔިތުން އިންތިހާބު ކުރިޔަސް އަޒުލުކޮށް ވެރިކަމުން ބޭލުމަށް ގާނޫނު އަސާސީ ލާޒިމު ކުރަނީ މުއިއްޒު ކަހަލަ ޣައްދާރުންނެވެ. ޣައްދާރުވެގެން ވެރިކަމުން މީހަކު ބާލަންޏާ މުއިއްޒު ވެރިކަމުން ބޭލުމަށްވުރެ މުހިންމު އެހެން ކަމެއް ދިވެހީންނަކަށް ނެތެވެ.