މެންބަރު އަލީ ހުސައިން: ޓެސްޓުކޮށް ފާސްވެފައިވާ މޮޅު ޕްރޮޑަކްޓެއް
ޓެސްޓަށް ކޮށްލެވޭ ބަދަލުގެ ނަތީޖާ ވިހަވެދާނެ!
ގައުމީ މަސްލަހަތަށްވުރެ އެބައެއްގެ ޒާތީ މަސްލަހަތާއި ސިޔާސީ މަސްލަހަތު އިސްކުރުމުގެ ސަބަބުން ސިޔާސީ ވެރިންނާއި މެދު ރައްޔިތުން ކުރާ އުންމީދާއި އިތުބާރު ވަނީ ނެތިފައެވެ. އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ މާޔޫސްކަން އިތުރުވުން ނޫންކަމެއް ނެތްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސަރުކާރެއް ފަނޑިޔާރުގެއެއް ރައްޔިތުންގެ މަޖިލީހެއް މިނިވަން މުއައްސަސާއެއް ސިޔާސީ ޕާޓީތަކެއް ކިޔާނެ ކަމެއް ނެތެވެ. ނަޒާހަތްތެރިން މަދުވެ ކޮރަޕްޝަނާއި ފަސާދަ އާންމެވެ.
ރާއްޖޭގައި ރައްޔިތުންގެ މަޖިލީސް މެމްބަރުނަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރެވެނީ މަދެއް ސުމާރެއްކޮށް ނޫނެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެކަކު ދެމީހަކަށް ނޫނެވެ. މަޖިލީހުގެ މެންބަރު ކަމުގައި ހުރެ އެއްވެސް ގޮތަކަށް ކޮރަޕްޝަނުގެ އަމަލެއް ހިންގިކަމުގެ ތުހުމަތެއް ނެތް މީހަކު މަދެވެ. މަޖިލީހުގެ މެންބަރު ކަމުގައިހުރެ ކޮ
މަޖިލީހުގެ ތެރޭގައި ހިނގާ ބާރު ސިޔާސީ އޮއިވަރުގައި ބެހިގެން ނުގޮސް ނަޒާހަތްތެރިކަން ދިފާއު ކުރުމުގައި 10 އަހަރު އެއްހަމައެއްގައި ހިފަހައްޓާ ލެވޭނީ ލައްކަ ހިއްވަރު ހުރެގެންނެވެ. ލައްކަ ހުސިޔާރު ވެގެންނެވެ. ޕާޓީ ބަދަލުކުރުމާއި ހައްގުނޫން ފައިދާ ނެގުމުގެ ބޮޑެތި ރާޅުބާނިތައް އަރާފައިބަމުން ދާއިރު އެއިން ކަމެއްގައި ނުޖެހި ހިފަހައްޓާ ލުމަކީ ފަސޭހަ ކަމެއްނޫނެވެ. އެހެނެއް ކަމަކު މެންބަރު އަލީ ހުސައިންގެ މެންބަރު ކަމުގެ ދެވަނަ ދައުރު ނިންމަވާ އެލަނީ އެއިން ކަމެއްގައި ނުޖެހިއެވެ.
މިފަދަ ހައްސާސް ދުވަސްތަކެއްގައި އަދި ކޮރަޕްޝަނާ ފަސާދާ އިންތިހާއަށް ގޮސްފައިވާ ޒާމާނެއްގައި ވެސް ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ހުސެއިންގެ ނަން ފާހަގަ ކުރެވެނީ ތަފާތު ނަމެއްގެ ގޮތުގައިއެވެ. ފަސްބައި ސާފެވެ. އަހުލާގީ މިންގަޑު ދަމަހައްޓައެވެ. ދައްކާ ވާހަކައިގައި އޮއްޓަރު ހުރެއެވެ. އަދިވެސް އަލީ ހުސައިން ފެންނަނީ އެންމެ އުންމީދީ އެއް މެމްބަރު ގޮތުގައިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2014ވަނަ އަހަރު ކެންދޫ ދާއިރާގެ މެންބަރުކަމަށް އަލީ ހުސައިން އިންތިހާބުވީ ކެންދޫ ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ތަސްމީނު އަލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބ. އަތޮޅު ތަމްސީލު ކުރުމުގައި 20 އަހަރު ރައްޔިތުންގެ މަޖިލީހުގައި އިންނެވި ތަސްމީނު އަލީ އަކީ ސަމާސާ ބޭފުޅެއް ނޫނެވެ. އިލްމުވެރިކަމާއި މުއްސަނދިކަމާއި ސިޔާސީ ބާރުވެރިކަމަށް ބަލާއިރު ރާއްޖޭގެ ބޮޑުބާރެކެވެ. ތަސްމީނުގެ މައްޗަށް އަލީ ހުސެއިން ކާމިޔާބު ކުރުމަކީ ގިނަ ބައެއްގެ ސަމާލުކަން މެމްބަރު އަލީ ހުސެއިންނަށް ހުއްޓުނު ކަމެކެވެ. އެބަދަލު ވެގެން ދިޔައީ ލެޖެންޑަރީ ބަދަލަކަށެވެ.
މަޖިލީހުގެ މެންބަރަކީ ޒަމާނުއްސުރެ ގޮނޑި ހޫނުކުރަން އިންނަ ދާއިރާގެ ވެލްފެއަރ އޮފިސަރ ނުވަތަ ޕްރޮޖެކްޓް މެނޭޖަރ ގޮތުގައި އޮތް އޮތުން އަލީ ހުސައިން ބަދަލުކޮށް ލެއްވިއެވެ. އަހަރީ ބަޖެޓާއި ގާނޫނީ ބަހުސްތަކުގައި ރައްޔިތުންގެ އަޑު ހިއްޕާލެއްވިއެވެ. ގައުމީ ކަންކަމުގައި އަޑު ހަރުކޮށް ބަސް ބުނުމާއި އިންސާފާއި ހަމަހަމަ ކަމަށް ވަކާލާތުކޮށް ގިނަ އަދަދެއްގެ ބައެއްގެ ލޯތްބާއި ތާއިދު އަލީ ހުސެއިން ހޯއްދެވިއެވެ.
ނަތީޖާއެއްގެ ގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހް ގެ ރަނިންގ މޭޓަކަށް ވުމާގާތަށް އަލީ ހުސައިންގެ މަގުބޫލުކަން އުފުލިގެން ދިޔައެވެ. އެންމެ ވޯޓެއްގެ ފަރަގުން ރަނިން މޭޓްކަން ގެއްލުނަސް ކާމިޔާބު ކުރެއްވި ވާދަވެރިޔާގެ ފަހަތްޕުޅައް އަރާ އިބޫފައިސަލްގެ ކެންޕޭނުގައި އެންމެ އިންޗިއެއްވެސް އަލީ ހުސައިން ފަހަށް ނުޖެހެއެވެ. އެހެން ކަމުން އަލީ ހުސައިންގެ ސާބިތުކަމާއި ގައުމު އިސްކުރުމުގެ ކެރުންތެރިކަމަށް އެންމެންހެން ސެލިއުޓް ކުރިއެވެ.
2014 އިން 2018އަށް ރާއްޖޭގެ ސިޔާސީ ހަމަ ޖެހުން ގެއްލިގޮސް ސިޔާސީ އެތައް ބަޔަކު ތިބީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. އަނިޔާވެރި ކަމާއެކު ކުއްލި ނުރައްކަލުގެ ހާލަތަށް އޭރުއޮތް ސަރުކާރުން ގައުމު ވައްޓާލުމުން ޖެހިލުމެއް ނެތި ހައްގު ބަސް ބުނަން ފުރަތަމަ ނިކުތް މަދު މީހުންގެ ތެރޭން އެކަކީ އަލީ ހުސައިންއެވެ. ހަމަޔާއި އިންސާފަށް އެންމެ ބާރަށް ވަކާލާތު ކުރި އެއް މެމްބަރަކީ އަލީ ހުސެއިންކަން ތާރީހު ހެކިވާނެއެވެ.
މަޖިލީހުގައި ރައްޔިތުންގެ ލާބަޔަށް ލީ އެއްވެސް ވޯޓަކުން މެމްބަރު އަލީ ހުސެއިން ބަރީއަ ވެފައެއް ނުވެއެވެ. ބަސް ބުނަން ޖެހުނު އެއްވެސް ވަގުތެއްގައި ބަސް ނުބުނެ ދޫކޮށްލާފައެއް ނެތެވެ. ރައްޔިތުންގެ ހައްގުގައި ދެ ދައުރު ބަޓަނަށް ފިތީ މިނިވަންކަމާއި ސާބިތުކަމާއި އެކު ވަކިފަރާތަކަށް ނުޖެހި ގައުމު އިސްކޮށްގެނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ފަސް އަހަރަށް އަލީ ހުސެއިން ކުރިމަތި ލަނީ 3 ވަނަ ދައުރަކަށެވެ. ސާފު ރެކޯޑަކާއި ޝަރަފްވެރި ތާރީހަކާއި އެކުގައެވެ. މަޖިލީހުގައި ތިމަންނަމެން ތަމްސީލު ކުރާ މެމްބަރަކީ ނަމޫނާ މެމްބަރެކޭ ބުނެ ކެންދޫ ދާއިރާގެ ކޮންމެ ރައްޔިތަކަށް ފަހުރުވެރި ކަމާއި އެކު މޭގައި އަތް ޖަހާލެވޭނެއެވެ. ރަނގަޅު އެއްޗެއް އަތުގައި އޮވެ ގިނަދުވަސް ވުމަކުން ބަދަލުކުރަން ހެޔޮ ނުވާނެއެވެ. ޓެސްޓްކޮށް ކަށަވަރު ކުރެވިފައި އޮތް ރަނގަޅު ގޮތް އޮއްވާ ޓެސްޓަކަށް ބަދަލެއް ކޮށްލުން ހެޔޮނުވާނެވެ. ޓެސްޓަށް ބަދަލު ކުރެވޭ ކުރުމުގެ ހިތި ތަޖުރިބާ އަބަދުމެ ދިވެހިން މިތިބެނީ ކޮށްކޮށެވެ.