ސޮދަގާތެއްގެ ގޮތުގައި އާޒިމާއަށް ވޯޓެއް!
މައްސަލަތައް ކޯޓުގައި ފުނިޖެހިފަ
އާސްތާނާ އާޒިމާ ޝުކޫރަކީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ހާފްގައި ދިގު 30 އަހަރުގެ އެވެރިކަން ނިމުނަ ނުދޭން ދަނޑަށް ނެރުނު ފޯވާޑެކެވެ. ބަންޑާރަ ނައިބު ކަމާ ހޯމް މިނިސްޓަރ ކަމުގައި ރައްޔިތުންގެ ގިނަ ބަޔަކާ ދައުލަތަށް ދުއްތުރާ ވާނެ އެތައް ދުއްޕާނެއް މެދުވެރިވި ސަބަބެވެ.
ފުންނާބު އުސް އާޒިމާގެ ގާނޫނީ ލަފާ ތަކަށް ވުރެ ވަކި ނުލަފާ ކަމެއް ނެތް ފަދައެވެ. ބޮޑެތިހާ މަގާމު ތަކުން މީހާއަށް ލިބުނު ހުރިހާ މޮޅަކާ ފޮންޏެއް ލިބުނީ ރައީސް މައުމޫނުގެ ފުށުންނެވެ. ނަމަވެސް ރައީސް މައުމޫނު މޫނުވަތަށް ޖެހުނު ޖަލު ބަންދާ، ޕީޕީއެމް ފިރުކައިގަތުމަށް ރައީސް ޔާމީނު ރައީސް މައުމޫނާ ދެކޮޅަށް ރުވާފައި ދޫކުރި ސިޔާސީ ހުރިހާ ދުންޏެއްގެ ކަނިފަށަށް ވިހަލައިދޭން ރައީސް އޮފީހުގައި ހުންނެވި ލީގަލް ވަޒީރަކީ އާޒިމާއެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ، ސުޕްރީމް ކޯޓު ފުރާޅުން ޓިނުނެގުމާ މަޖިލިހުން މެމްބަރުން ނެރެ އުކާލި ހުރިހާ ޖަރީމާ އަކަށް ގާނޫނީ އައިވީ ގުޅައިދޭން ހުރި ގާނޫނީ ލަފާދާރަކީ އާޒިމާއެވެ.
މައުމޫނަށް ދޯކާ ދިނުމަށްފަހު މިފަހުން ޔާމީނަށް ވެސް ދޯކާދީ، މުއިއްޒުގެ ތޮއްވަރިއަށް ވަދެ މާލޭގެ މޭޔަރުކަން ހޯދަން ނުކުމެ އުޅޭ އާޒިމާ ޝުކޫރުގެ މައްސަލަތައް ކޯޓުތަކުގައި އެބަހުއްޓެވެ.
ނިޔަނެތި ހެދި ބުރުގާ އަޅައިގެން ހުޅުމާލޭގައި ހެދިކާ ހަދަން އުޅުނު އާޒިމާ މިހާރު އެހުރީ ފާޅުވެފައެވެ. މީހާ އާއި ނުގުޅޭ ޒާތުގެ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައިގެން އުޅޭ އިރު އެތައް މިލިއަނުން ބޭންކް ތަކަށް އާޒިމާ ދަރާ ބޯހިކެން ނެތްކަން މިފަޅާއެރީ މިއަދު ސިވިލް ކޯޓުން ކުރި ހުކުމަކުންނެވެ.
ހުޅުމާލޭގައި އޮތް އަމިއްލަ ބިމަކާ އަމިއްލަ އެޕަރޓްމަންޓް މަދުވެގެން އެ 2 ތަން މޯގޭޖް ކޮށްފައި އަނެއްކާ އަނެއް އެޕަރޓްމަންޓް ގަންނަން އިސްލާމިކް ބޭންކުން ނެގި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ޢާޒިމާ އެ އުޅުއްވަނީ މާލޭގެ މޭޔަރުކަން ހޯއްދަވާށެވެ.
ވީހާގިނަ މާލޭގެ ބިމާ އެޕަރޓްމަންޓްތައއ އަމިއްލަ ކުރަން ބޭނުންވާ މީހަކު މާލޭގެ މޭޔަރު ކަމަށް ވަރަށް ފައްކާ ވާނެތާއެވެ. ގައިމު ވެސް މާލޭގެ ބިމަށް އާޒިމާގެ ހުރި ދަހިވެތިކަމާ ލޯބި މިއޮތީ ހާމައަށް އެނގިފައެވެ.
އިސްލާމިކް ބޭންކަށް އާޒިމާ ދައްކަން ޖެހޭ 4 މިލިއަން ރުފިޔާ ދައްކާ އަނެއްކާ އަނެއް އެޕަރޓްމަންޓް އާޒިމާ އަށް މިލްކު ކުރެވެން މިހާރު އޮތް އެންމެ އަވަސް މަގަކީ ޢާޒިމާއަށް މާލޭގެ މޭޔަރުކަން ލިބުންކަން މިހާރު ސާފުވެއްޖެއެވެ.
ޢާޒިމާއެވެ. ކަމަނާ މާލޭގެ މޭޔަރުކަން ބޭނުންވެގެން ތިޔަ އުޅުއްވާ ސަބަބު އެނގިއްޖެއެވެ. ލޮބުވެތި މާލޭގެ ރައްޔިތުންނޭވެ. ޢާޒިމާ އެހުންނެވީ ބޭންކަށް 4 މިލިއަން ރުފިޔާ ނުދެއްކިގެން ބޯހިޔާވަހިކަން ގެއްލި މަގުމަތި ވެފައެވެ. އެ ކަމަނާ އަށް ޞޮދަގާތުގެ ގޮތުގައި ރުފިޔާ ނުދެވުނަސް މާލޭގެ މޭޔަރު ކަމަށް އެ ކަމަނާ ގެންނަން ސޮދަގާތު ވޯޓެއް ދެއްވައިފިނަމަ، އެކަމަނާ ދަރަނިން ސަލާމަތްވެ ބޯހިޔާކޮށްލެވޭނެ އެޕަރޓްމަންޓް ގަނޑު މިލްކު ކުރެވޭ ވަރު ވިޔަސް އެއީ ހެޔޮ ކަމަކަށް ވާނެއެވެ.