ދެއިންތިހާބު އެއްވާ ހިސާބުން އެންމެ ފުރަތަމަ ކަނޑާލަނީ އާސަންދަ!

އާސަންދަ ހުއްޓާލަން 95 އިންސައްތަ މީހުން ދެކޮޅު

ދެއިންތިހާބު އެއްވާ ހިސާބުން އެންމެ ފުރަތަމަ ކަނޑާލަނީ އާސަންދަ!

އިންތިހާބުތަކާ ދިމާކޮށް އެންމެ ބާރު ބޮޑުވާ އެކައްޗަކީ އާސަންދައެވެ. ވޯޓު ހޯދަން ރައްޔިތުން ގާތަށް ދިޔުމުން ދިމާވަނީ ބަލިހާލުގައި ގޮތްހުސްވެފައި ތިބި އެތައް ހާސް ރައްޔިތުންނާއެވެ. ނުރައްކާތެރި ދިގުލީ އެތައް ބައްޔަކާ ހަނގުރާމަ ކުރަމުންދާ ރައްޔިތު މީހުންނާ ދިމާވުމަކީ ވޯޓާ އާސަންދަ ލާޖެހޭ ސަބަބެވެ. ވޯޓު ހޯދުމަށް އާސަންދަ ދޭން މަޖުބޫރުވާ ސަބަބު އެ ނައްތާލަނީ އިންތިހާބުތައް އެއްކޮށްގެންނެވެ. 

އެހެން ކަމުން ހަރަދު ކުޑަކުރުމުގެ ނަމުގައި މުއިއްޒު ސަރުކާރުން ދިމާކޮށްފައިހުރީ ރައްޔިތުންގެ ދިރިތިބުމާއި ދިރިއުޅުމާ ގުޅުން ހުރި ހަދަދުތައް ކުރުން ހުއްޓާލުމަށެވެ. މުއިއްޒު ސަރުކާރުން ހީލަތްތެރި ކަމާއެކު މިހާރު ރާވަމުންދަނީ އުމުރުން ދުވަސްވީ މީހުނަށްދޭ އިނާޔަތާއި ބޭސްސިޓީއަށް ސަލާންޖެހުން ހުއްޓުވާލުމަށް އެމްޑީޕީން ތައާރަފްކުރި އާސަންދަ ހުއްޓާލުމަށެވެ. ދެއިންތިހާބު އެއްވާ ހިސާބުން އާސަންދަ ކަނޑާލާނެއެވެ.  

މުއިއްޒު ހަރަދު ކުޑަކުރުމުގެ ނަމުގައި އާސަންދަ ހުއްޓާލުމާ ރައްޔިތުންގެ 95 އިންސައތަ މީހުން ދެކޮޅެވެ. ކުރެވުނު މިނިވަން ސާވޭއަކުން ދައްކާ ގޮތުގައި އާސަންދަ ހުއްޓާލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. 

ރައްޔިތުންގެ އިހުސާސަށް އެއްވެސް ބެލުމެއްނެތި މުއިއްޒު ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި އާސަންދަ ހުއްޓާލުމަށް ދަނީ ތައްޔާރުވަމުންނެވެ. އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި އާސަންދަ ހުއްޓާލުމުގެ ބިލް ލަހެއްނުވެ މަޖިލީހުގެ އިދާރާއަށް ފޮނުވާނެއެވެ. ދަނޑިވަޅުބަލާ އެޖެންޑާކޮށްގެން އާސަންދަ ހުއްޓާލުމަށް މުއިއްޒު ހުރީ ފޫގަޅައިގެންނެވެ. 

މުއިއްޒަށް ދައުލަތް ހިންގަން އިރުޝާދުދޭ އޭނާގެ ދެބެންގެދެދަރި ބޭބެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނަމިރާ ނާޒިމުގެ ބަހުން ވެސް މިސަރުކާރުން އާސަންދަ ހުއްޓާލަން އުޅޭކަން ވަނީ ކަށަވަރުވެފައެވެ. ނަމިރާ ނާޒިމު ބުނާ ގޮތުގައި އާސަންދައަކީ ރިފޯމްކޮށްގެން ވެސް ހިންގޭވަރުގެ ސްކީމެއް ނޫނެވެ. ނަމިރާ ނާޒިމު ބުނާގޮތުން އާސަންދަ ޖެހެނީ ހުއްޓާލާށެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. އާސަންދަ ކަޑާލައިގެން ދައުލަތުގެ ހަޒާނައިން ކުރާކަށް އެހެން ކަމެއް ނުއޮންނާނެއެވެ. ދައުލަތުގެ ހަޒާނާއަކީ މުއިއްޒާއި ސާޖިދާ އަޗާތަޅާ ދުނިޔެ ބަލަން ދަތުރު ކުރަން އޮތް އެއްޗެއްނޫނެވެ. މުއިއްޒުގެ ބައި ގިނަކުރަން ބަޔަކަށް އަތްގުޅިނުކާ ވަރަށް މުސާރަ ދޭން އޮތްތަނެއްވެސް ނޫނެވެ. 

ބަލިހާލުގައި އުޅޭ ރައްޔިތުމީހާ މަރަށްތެޅެން ދޫކޮށްލާފައި ދައުލަތުގެ ފައިސާއިން ކުރާކަށް އެހެން ކަމެއް ނުއޮންނާނެއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް އާސަންދަ ނުދީ ބައިއަޅައިގެން ދައުލަތް ދަވާލަން ރައްޔިތުން ތިބީ މުއިއްޒަށް ފުރުސަތުދޭ ގޮތަކަށް ނޫނެވެ.