ދެ އިންތިހާބު އެއްކުރަން ނޫނެކޭ ބުނަންޖެހޭ ސަބަބު މިއޮތީ!

ދެ އިންތިހާބު އެއްކުރަން ނޫނެކޭ ބުނަންޖެހޭ ސަބަބު މިއޮތީ!

ރާއްޖެއަކީ ތިންބާރު ވަކިވެފައި އޮންނަ މިނިވަން ޑިމޮކްރެޓިކް ދައުލަތެކެވެ. ރާއްޖޭގައި އޮންނަނީ ބަރުލަމާނީ ނިޒާމަށް ހިންގާ ވެރިކަމެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ބަރުލަމާނުން އެކުއެކީގައި އެއް އިންތިހާބެއްގެ ތެރޭގައި ހޮވުމަކީ ތިންބާރު ވަކިވެފައި އޮންނަ އޮތުމާ ފުށުއަރާ ކަމެކެވެ. ދެ ބާރު އެކުގައި އިންތިހާބު ކުރުމަކީ އެއް އިންތިހާބުގެ ސަބަބުން އަނެއް އިންތިހާބަށް ނުފޫޒު ފޯރާނޭ ކަމެކެވެ. އެއްވެސް ގޮތަކުން އިންތިހާބުތަކަށް ނުފޫޒެއް ފޯރުމަކީ ހުއްދަ ކަމެއް ނޫނެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނަންޖެހެއެވެ. ދެ އިންތިހާބު އެއްކޮށްލުމުން ގައުމަށް އޮތް ގެއްލުން ބޮޑެވެ. ހާއްސަކޮށް ރައްޔިތުންނަށް އެމީހުންގެ ބަސް ބުނަން ލިބޭ ފުރުސަތު ހަނިވެގެން ދެއެވެ. 

ރިޔާސީ އިންތިހާބާއި ގުޅިގެން ރިޔާސީ ވައުދުތަކެއް ރައްޔިތުންނަށް ހުށަހެޅެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރާގެ މެންބަރުވެސް ވައުދުތަކެއްވެއެވެ. ވޯޓު ހޯދުމަށްޓަކައި ގިނަ ކަންތައް ތަކެއް ދާއިރާގެ މެންބަރު ކަމަށް ވާދަކުރާ މީހުން ރައްޔިތުންނަށް ކޮށްދެއެވެ. 

ދެ އިންތިހާބު އެއްކޮށްލުމުން މަޖިލިސް މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ފަރާތުން ދާއިރާގެ ރައްޔިތުންނަށް ލިބެން އޮތް ހުރިހާ މަންފާއެއްހެން ގެއްލިގެން ދާނެއެވެ. ހިހޫތަނުން ކާލައިގެން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ މަޖިލީހުގެ ގޮނޑިއަށް މެންބަރު ހޮވެން ދޭ ފުރުސަތަކަށް ދެ އިންތިހާބު އެއްކޮށްލުން ވެގެން ދާނެއެވެ. 

ދެ އިންތިހާބު އެއްކޮށްލުމުން އިންތިހާބުގެ މުޅި ފޯކަސް ބަދަލުވެގެން ދާނީ ރައީސުލްޖުމްހޫރިއްޔާ ހޮވުމަށެވެ. ރައީސަށް ދޭވޯޓާއެކު އޭނާގެ މަޖިލީސް ޓީމަށް ވޯޓު ޖެހިގެން ދާނެއެވެ. ނަތީޖާއަކަށް ވާނީ މަދު ފަހަރެއްގައި ނޫނީ މަޖިލީހުގެ ސްޕަރމެޖޯރިޓީ ރައީސަށް ލިބުމެވެ. އެ ހިސާބުން ބަސްބުނުމަށް އޮތް ބާރު ރައްޔިތުންނަށް ފަސް އަހަރަށް ގެއްލުނީއެވެ. 

ދެ އިންތިހާބު ވަކީން އޮތުމުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށްޓަކާވެސް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްދީ ރައްޔިތުން ރުއްސަން މަޖުބޫރުވެއެވެ. ކޮށްދޭން ވައުދުވެ ނުކުރެވިފައި ހުންނަ ކަންކަން ކޮށްދޭން ކަށީގެ މަދަށް ސަރުކާރުން މަސައްކަތް ކުރެއެވެ. އެކަމަކު ދެ އިންތިހާބު އެއްކޮށްލުމުން ފަސް އަހަރުވަންދެން ރައްޔިތުން ރުއްސަން އެއްވެސް ކަމެއް ކުރާކަށް ސަރުކާރަކަށް ނުޖެހޭނެއެވެ. އެހެނެކޭ ކިޔާ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނުއޮންނާނެއެވެ. 

ދެ އިންތިހާބު އެއްކޮށްލުމަކީ ދާއިރާގެ މެންބަރުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ އެހީތެރިކަމާއި އެއްބާރުލުން ނިމުމަކަށް އައިސް ސަރުކާރު ރުއްސަން މެންބަރުން ހޮވުމަށް ދެވޭ ފުރުސަތެކެވެ. ދެ އިންތިހާބު އެއްކޮށްލުމުން ވަކިވަކި ފަރުދުންނަށް އިންތިހާބުތަކާ ގުޅުވައިގެން ލިބޭ މަންފާ ނުލިބި ޑިމާންޑް ކުރުމުގެ މަގު ފަސް އަހަރަށް ގެއްލިގެން ދާނެއެވެ. އެހެން ކަމުން ދެއިންތިހާބު އެއްކުރަން ނޫނެކޭ ބުނާށެވެ.