ބޮޑު ރަސްގެފާނެއް ނޫން ދޮގު ރަސްގެފާނު
ފަތިސް ނަމާދުން ފައިބާ ގައުމިއްޔަތު ކޮނޑަށްލައިގެން ރިޝްވަތުގެ ކަޅުފައިސާ ބެހުން
އައު އަހަރަށް ރަސްގެފާނު ވިދާޅު ބަސްފުޅު އިއްވައިފިއެވެ. ރަސްރަނި ބަގީޗާއިން ނިކުމެ ރަސްފަންނަށް އެރި ރަސްމާލޭގައި ރަސްކަން ކުރަން ތައްޔާރުވާ ބޮޑުރަސްގެފާނުގެ ވިދާޅު ބަސްފުޅެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންވުމާއި ވެރިންނަށް އެއްބާރުލުން ދޭންވީޔޯލައެވެ. ދޮގު ރަސްގެފާނުގެ ވާހަކަ އަޑު އިވުނީމާ އަންނަނީ ހިންޏެވެ. ލަވަނީ ހޮޑެވެ. ކުރަނީ މޭނުބައެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ.
ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ރައްޔިތުންނާއި ވެރިންގެ ގުޅުން ކަން ދޮގުރަސްގެފާނަށް އެނގުނީ ވެރިކަމަށް އެރުނީމައެވެ. ދިވެހި މަސްއޮޑިއެއް ބަންނަގޮތް ވެސް އެ ފަކީރަށް އެނގުނީ ވެރިކަން ލިބުނީމައެވެ. ފަށަނުގެ ދެފަރާތަށް މަޑޫ އިންދި ދެބަނޑުފިލާ ގެތިގެން އަރާކަން އެގުނީ ވެސް ވެރިކަން ލިބުނީމައެވެ.
ވެރީން ވަޢުދަށް ކަމޭހިތަން ޖެހޭ ކަމަށް ދޮގު ރަސްގެފާނު ބުނީމާ ދެކަމު ހާޖަތަށް ނުދެވުނީތީ ގައި ނަސީބެވެ. ވެރިއެއް ކަމަކު ގޮތްފޮތް ނުތުނީމާ ނުބުނާނެ އެއްޗެއް ނެތެވެ. ވެރިކަމަށް އަރާ ފުރަތަމަ ދުވަހު ދޫކޮށްލަން ވައުދުވި ހުސްގޮނޑި މަނިއްޕުޅު އަދިވެސް އެ ހުންނެވީ ބަންދުގައެވެ. ސިޔާދަތުގެ ފަލަރޮނގު ދަމައިގެން ވެރިކަމަށް އަރާ ގޮތަށް ބާލަން ބުނި އުތުރުކަރާ ސިފައިން އަދިވެސް އެތިބީއެވެ. ގެއްލިގެން އުޅުނު ކަނޑު އޮތްތަނެއް އަދިވެސް ނޭނގެއެވެ.
ފަނޑިޔާރުގެއަށް އަތްނުބާނަމޭ ބުނީމާ ހުސްގޮނޑި މަނިއްޕުޅު މިނިވަން ކުރުމުގެ ވައުދު ފުދުނީއެވެ. ތިބި އުތުރުކަރާ ސިފައިން ބާލަން ރައްޔިތުން އެދޭކަމަށް އެކަރައިގެ ކޮޅުފިލާ ގޮނޑިއެއްގައިން ތަކުރަކު ގާތުގައި ބުނެލީމާ ސިފައިން ބޭލުމުގެ ވައުދުވެސް ފުދުނީއެވެ. ވިއްކާލި ކަމަށް ބުނި ކަނޑުގެ މައްސަލާގައި ގޯހެއް ހަދާފައި އޮތްތޯ ބަލަން ކޮމެޓީއެއް ހެދީމާ އެވައުދު ވެސް ފުދުނީއެވެ. އަޅެ ދޮގު ރަސްގެފާނުގެ ވައުދުފުއްދުން ކިހާ ފައްކާ ހެއްޔެވެ.
ރައްޔިތުން ވެރީންނަށް ކިޔަމަންވުމާއި، ރައްޔިތުން ވެރިންނަށް އެއްބާރުލުން ދިނުމުގެ ވާހަކަ ދައްކަން ކުޑަވެސް ލަދުގެ ކަންފުޅެއްވެސް ދޮގު ރަސްގެފާނުގެ ނެތީހެއްޔެވެ. ތަނުތިބިހާ ކަތުންނަކީ ބުއްދިއެއް ފިކުރެއް ނެތް ބަޔެކޭ ދޮގުރަސްގެއަށް ހީވާ ކަހަލައެވެ. މީގެ ކުރީން އޮތީ ކަތުންގެ މާބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކޮށްފައި އޮތް ވެރިކަމެކެވެ. ދިގުރަސްގެފާނު އިސްވެހުރެ ހޭނުބަހައްޓާ އެ ވެރިކަމާ ދެކޮޅަށް ކަތުންގެ ހިތުގައި ނަފްރަތު އުފައްދަން ދޮގާ ވަގާ މަކަރާ ހެދިއިރު ތިޔަ ބުނާ ކިޔަމަން ތެރިވުމާއި އެއްބާރުލުން އޮތީ ގެންގުޅުނު ހުސްގޮނޑީ ތަންދޮށުގައި ހެއްޔެވެ. ގައުމީ ސަލާމަތެއް ބައިނަލް އަގުވާމީ ގުޅުމެއް ފަނޑިޔާރުގޭގެ ހުރުމަތެއް އެ ދުވަހަކު ނެތެވެ.
އިވޭ އަޑުތަކާއި ލިބޭ މަޢުލޫމާތުގެ ދޮގުތެދު ވަކިކުރާ ވާހަކަ ދޮގު ރަސްގެފާނު ނުދައްކާށެވެ. ވެރިކަން ލިބުމާއެކު ހުސްގޮނޑީ މަނިއްޕުޅު ދޫކޮށްލާނޭ ކަމަށް ހެދި ބުހުތާން ދޮގު ގަބޫލުކޮށްގެން އެތައްބަޔަކު ބައިއަތު ހިފީ ހުވާކުރާ ދުވަހު ހުސްގޮނޑީ މަނިއްޕުޅު ދޫކޮށްލާނެ ކަމަށެވެ. ވައުދު ވީމައެވެ. ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ ދުލުގައި ގޮއްޖެހޭ ވަރުގެ ދޮގު ހަދައިގެން ވެސް އެތައް ބަޔަކު ބައިއަތު ހިފިއެވެ. ހާސް ހާހުން ކަރައަކުގެ އަސްކަރީ ސިފައިން ތިބި ކަމަށް ބުނެ ކަތުންނަށް އޮޅުވާލީ ކިހާ ބޮޑަކަށް ދޮގު ހަދއިގެން ހެއްޔެވެ. ދޮގު ރަސްގެފާނު ކީހާ އެއްޗެއް ބަޔަކު ގަބޫލު ކުރީމާ ތިޔަ ހުރީ ވެރިކަމަށް އެރިފައެވެ. އެކަމަކު އެއީ ވެރިކަން ހޯދަން ހެދި ބުހުތާން ދޮގުކަން އެންމެނަށް ވެސް މިހާރު އެނގެއެވެ.
ވެރިކަމުގައި ހުރެ ވަކީން ތެދެއް ނުހަދާނެކަން ތިބީންނަށް މިހާރު އެނގެއެވެ. ވެރިކަމުގެ ބާރު ނަގަހައްޓާ ދަމަހައްޓަން ކޮންމެ ފަދަ ބޮޑު ދޮގެއް ހަދާ ކޮންމެ ފަދަ ކަމެއްވެސް ދޮގު ރަސްގެފާނު ކޮށްފާނެކަން މިހާރު އެނގެއެވެ. ފަތިސް ނަމާދުކޮށްގެން ނިކުމެ ގައުމިއްޔަތު ކޮނޑަށްލައިގެން ރިޝްވަތުގެ ކަޅުފައިސާ ބަހާ މެންބަރުން ގަންނަ ހިސާބަށް ސާޅީހަކަށް ދުވަހުގެ ތެރޭގައި މީހާ މުޑުދާރު ވީމާ ދޮގުތެދުގެ ވާހަކަ ދޮގު ރަސްގެފާނު ނުދައްކާށެވެ.