ދައްޖާލު އޮންނަނީ ކަސްތަޅުއަޅާ ހައްޔަރުކޮށްފަ!

ޕީޕީއެމުން ގަބޫލު ނުކޮށްގެން ރައީސް ސާލިހު އެ ހުންނެވީ ފިއްކަޑައިގެން ގޮސްގޮސް!

ދައްޖާލު އޮންނަނީ ކަސްތަޅުއަޅާ ހައްޔަރުކޮށްފަ!

2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޕީޕީއެމުން ގަބޫލު ނުކޮށްގެން ރައީސް ސާލިހު އެހުންނެވީ ފިއްކަޑައިގެން ގޮސްގޮހެވެ. އަޅެ ކިހާ ދެރަހެއްޔެވެ. ޕީޕީއެމުން އެކަން ގަބޫލުކުރާނެ ގޮތެއްވެސް އޮތީއެއް ނޫނެވެ.

ޕީޕީއެމުން ރައީސް ސާލިހަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ގަބޫލު ނުކޮށްގެން އިބޫއަށް ރިޔާސީ ބަޔާން އިއްވުނީއެއް ނޫނެވެ. ރައީސް އޮފީހަށް ވެންނެވެނީއެއް ނޫނެވެ. އަމުރެއް މައުރޫފެއް ހިނގަނީއެއް ނޫނެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީވެސް އެތިބީ އިބޫއަށް ކުނި މޫނުދައްކާ ވެރިކަމުން ބާލައިގެނެވެ.

އިބޫ ގަނޑުވަރުން ފޮށިތަންމަތި ބަންނަވައިގެން އެހުންނެވީ ހިންނަވަރަށް ވަޑައިގެންނެވެ. ސިފަޔަކު ފުލުހަކު ރައްކާތެރިކަމެއް ދެނީއެއް ނޫނެވެ. ދެރަކަމުގެ ކޮޅެއްނެތެވެ. ޕީޕީއެމުން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ނުވެގެން އެބަޔާނަކީ އުދުނު އަތްދޮށް ފޮއްޗަށް ވެސް ކަމުނުދިޔައެވެ.

އޭދަފުށީ ސަލީމާއި ނައިފަރު ޝީޔާމަކީ މަޖިލީހެވެ. ގާނޫނެވެ. ހަމައެވެ. ޝަރީއަތެވެ. އެމީހުން ބުނީމާ ރައީސް ރައީސަކަށް ނުވެއެވެ. ފަނޑިޔާރު ފަނޑިޔާރަކަށް ނުވެއެވެ. ގާނޫނު ގާނޫނަކަށް ނުވެއެވެ. ވައްކަން ވައްކަމަކަށް ނުވެއެވެ. ހުކުން ހުކުމަކަށް ނުވެއެވެ.

ދައްޖާލުގެ އަޅުން ގަބޫލުކުރާ ގޮތުގައި ކަލަކީ ދައްޖާލެވެ. ދައްޖާލަށް ސައިކުރާކައްކާދޭ ބަޔަކު އުޅޭހެން ދައްޖާލުގެ ސުވަރުގެ އެދޭމީހުން ތިބެއެވެ. ކަލާނގެ ވަންތަވެގެން އުޅުނަސް ގިޔާމަތާ ޖެހެންދެން ދައްޖާލު އޮންނާނީ ހުރާސާނުގައި ކަސްތަޅު އެޅިފައެވެ. އެޔެކޭ މިޔެކޭ ތަފާތެއް ނެތެވެ.   

ޔާމީނުގެ ބައިގަނޑު ދެކޭގޮތުގައި މިނިވަންކަމަކީ ޔާމީނެވެ. ތަރައްގީއަކީ ޔާމީނެވެ. ދީނަކީވެސް ޔާމީނޭ ހީވެއެވެ. އެ މީހުނަށް ރައީސުލްޖުމްހޫރިއްޔައަކީ ވެސް ޔާމީނެވެ. ރައީސް އޮފީހަކީ ޔާމީނު އޮތްތަނެކެވެ. އެތަނަކީ ޖަލެވެ. ރައީސް އޮންނާނީ ކަސްތަޅު އެޅިގެން ޖަލުގައެވެ.