އިބޫގެ ކުށަކީ ކޯލިޝަން ދެމެހެއްޓުން!

ރައްޔިތުން އެދުނީ ޔާމީނާނުލާ މައުމޫނާ އިމްރާނާ ގާސިމާ ނަޝީދާއެކު ވެރިކަން ކޮށްދޭން.

އިބޫގެ ކުށަކީ ކޯލިޝަން ދެމެހެއްޓުން!

ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މީހަކަށް މިހާރު ހަވާލު ވެވެނީ ތަސައްވުރެއް އޮވެގެންނެވެ. ވައުދުތަކެއް ވެގެންނެވެ. ރައްޔިތުންގެ ގިނަ ބަޔަކު ރުހޭ ފޯމިއުލާއެއްގެ ތެރެއިންނެވެ. ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ޓީމެއް ސަރުކާރު ހިންގުމުގައި ޝާމިލު ކުރުމަކީވެސް ގިނަ ބައެއްގެ ރުހުން ލިބޭ އެއްބަހާއެވެ. 

ސިޔާސީ ޕާޓީއެއް ވެރިކަމަށް އައުމަށް ރައްޔިތުންގެ ވޯޓު ލިބެނީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތްތަކަކަށް ކަންކަން ކުރަން އެއްބަސް ވާނަމައެވެ. ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް އެހެން ބައެއްގެ ބައިވެރިވުން ނެތި ވެރިކަމަށް އާދެވޭ ވަރެއް ނުވެއެވެ. އެހެން ބަޔަކު ބައިވެރި ނުކޮށް ވެރިކަމެއް ކޮއްލެވޭވަރުގެ އެއްވެސް ޕާޓީއެއް ނެތުމުން 2008 އިން ފެށިގެން އުފެދުނު ހުރިހާ ސަރުކާރެއް އުފެދިފައި ވަނީ އެހެން ޕާޓީ ތަކުގެ ބައިވެރި ވުން އޮވެގެން އެއްބަސްވެވޭ އެއްބަސްވުމެއްގެ ތެރެއިން ހޯދާ ތާއީދާއެކުގައެވެ. 

2008 ގައި ވަތަން އެދޭ އިންތިހާދުން އެމްޑީޕީ އިސްވެ އޮވެ އުފެއްދި ސަރުކާރު ވެއްޓިގެން ދިޔައީ ވަތަން އެދޭ އިއްތިހާދު ރޫޅާލާ ހަމައެކަނި ރައީސަށް ފެނިވަޑައިގެންހާ ގޮތަކަށް ކަންކަން ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 2013ގެ ޕްރޮގްރެސިވް ކޯލިޝަން ސަރުކާރުވެސް ކޯލިޝަންގެ ގިނަ ބައިވެރިން އެއްފަރާތް ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނަށް ދައުރު ނިންމާ ލެއްވުނީ އަނިޔާވެރިކަމާއި ގޮށްމުށުގެ ބާރާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެންނެވެ. 

2018ގައި ރައީސް ސާލިހު ވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުންނެވެ. އެމްޑީޕީއާއި ޖުމްހޫރީއާއި އަދާލަތާއި އެމްއާރުއެމް ގުޅިގެންނެވެ. ދިވެހިރައްޔިތުން ރައީސް ސޯލިހު އަރިހުން އެދުނީ އެ މީހުން ބައިވެރިކޮށްގެން ވެރިކަން ކޮށްދިނުމަށެވެ. އެގޮތް އެމްޑީޕީވެސް ގަބޫލުކުރީ އެ މީހުންގެ ތެރޭގައި ފެބްރުއަރީ 7 ގެ ބަގަވާތުގެ އިސް މޭސްތިރިން ވެސް ތިބިކަން އެނގިތިބެއެވެ. އެއްބަސްވެވެނީ 30 އަހަރުގެ ޒައީމާއި ޝޭހާއި ބޮޑު މަހުޖަނާކަން އެނގިތިބެއެވެ. އެކަންކުރީ ސަރުކާރުގެ ބޯކިބާ ބަހާނެ ގޮތްވެސް ކަނޑައަޅައިގެންނެވެ. ބާރު ހޯދަން ވީމާ ހޮދުމުހުތާރެއް ވަގެއް ދީނީއެއް ލާދީނީއެއް ނޯވެއެވެ. 

ހާލަތު ބަދަލުވެ އާރާބާރު ލިބުމުން ވެރިކަން ހޯދުމުގައި ބައިވެރިވެ މަސައްކަތް ކޮށްދިން މީހުން ފޮޅާނުލުމަކީ ބައެއް އެމްޑީޕީ މީހުނަށް ރައީސް ސާލިހު ކަމުނުދާ ސަބަބެވެ. އެ މީހުންނަކަށް ކޯލިޝަން މެނިފެސްޓޯ އެއް އޮތްކަމެއް އެއްބަސް ވެވުނު ކަމެއް މިހާރަކު ނޭނގެއެވެ. ރައީސް ނަޝީދު، ރައީސް މައުމޫނާއި ގާސިމް އިބްރާހީމާއި އިމްރާން އަބްދުﷲއާއި އެކު ކޯލިޝަން އެއްބަސް ވުމެއްގައި ސޮއިކުރި ކަމަކަށްވެސް ނުވިއެވެ.

އެހެނެއް ކަމަކު ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން ގޮތެއް ހަނދުމަފުޅު ނައްތައެއް ނުލައްވައެވެ. ރައްޔިތުން ރައީސް އަރިހުން އެދުނީ ވެރިކަން ކުރުމުގައި ޔާމީނު ބައިވެރި ނުކޮށް މައުމޫނާއި ގާސިމާއި އިންރަނާއި ނަޝީދާއެކު ވެރިކަން ކޮށްދެއްވާށެވެ. އެންމެ ބޭނުން ޖެހިފައިވާ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ގައުމުގެ ހަމަޖެހުމާ އާންމު މަސްލަހަތާއި އަމާންކަން ދަމަހައްޓަވާ ދެއްވާށެވެ. އަޑުއެހުމާއި މަޝްިވަރާއާއި ދޫދިނުމާއި ހިފަހައްޓަންޖެހޭ އިންތަކާ މިންތަކުގާ ސާބިތުވެ ދެމިހުންނަވާށެވެ. އެކަން ވަރަށް މޮޅަށް ރައީސް އެބަކުރައްވައެވެ.