18 އަހަރު ވަންދެން އުޅުނީ އަންނިއަށް ވެރިކަން ހޯދަން
ދިވެހި ނޫސްވެރިންނަށް ހައްގު ހޯދާ ދިނީ އަންނިއެއް އިވާއެއް ނޫން
ތެދެކެވެ. 18 އަހަރު ވަންދެން އެމްޑީޕީ މަސައްކަތް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދާ ދޭކަށް ނޫނެވެ. އެކަމަކު އެ އަށާރަ އަހަރު އެމްޑީޕީގެ ހަމަތަކާ އުސޫލުތައް ދޫކޮށް އެމްޑީޕީ ބޭނުން ކުރީ ކެނެރީގެ މުހައްމަދު ނަޝީދަށް ވެރިކަން ހޯދާދޭށެވެ. އެކަމުން ވީކަމެއް ހަރާމުން ހަރާމެވެ. ވެރިކަން ލިބުމުން ވެރިކަން ކުރަން އެނގުނީއެއް ނޫނެވެ. އެމްޑީޕީ މަގުމަތިކޮށް ވެރިކަން ދޫކޮށް ބެޗީއެވެ.
ރައްޔިތުންނަށް ހައްގު މިންވަރު ހޯދާދޭ ނަމުގައި މުޅި އެމްޑީޕީ ހިސޯރުކޮށްގެން މެންބަރުން ބިކަކޮށްގެން ނަޝީދު ތެޅިބޭލީއެވެ. ޑިމޮކްރެޓިކް ވެލިއުސް ދޫކޮށް ޑިމޮކްރަސީގެ ނަމުގައި ޕާޓީއާއި މެންބަރުން ގަން ހިންގީއެވެ. ތިމާއަށް ނެތްވެރިކަމެއް ޕާޓީގެ އެހެން މީހަކުވެސް ކުރިޔަނުދީ އެމްޑީޕީ އަންބޮނޑިއަށް ލައިގެން ނަޝީދުމެން އުޅުނު އުޅުން ނިމުމަކަށް ގެނައިމާ އަސަރުކުރާނެއެވެ. ދެރަވާނެއެވެ. ރޯނެއެވެ.
ރައިސް ސޯލިހަކީ ރާއްޖޭގެ ވެރިކަން ނުލިބިގެން ހެއްދެވުނު އެއްޗެއް ހައްދަވައިގެން ވެރިކަން ހޯއްދަވަން އުޅުއްވި ބޭފުޅެއް ނޫނެވެ. ފުރަތަމަ ދައުރުވެސް އެ މަނިކުފާނަށް ލިބިވަޑައިގަތީ އެމްޑީޕީއާއި އެހެނިހެން ގިނަ ދިވެހި ރައްޔިތުންތަކެއް ލޯބިން ދައުރެއް ވެދުން ކުރީމައެވެ. ދެވަނަ ދައުރެއް ހޯއްދަވަން ވެސް ނިކުމެވަޑައިގެން އެހުންނެވީ ރައްޔިތުންގެ ހައްގުގައި ފައްޓަވާފައިވާ މަސައްކަތްތައް ނިންމަވާ ރައްޔިތުންނަށް ހަމަޖެހުމާ އަމާންކަން ހޯއްދަވާ ދެއްވާށެވެ.
ފެންމަތިވާ ކޮންމެ ހައްސާސް ކަމަކާ ގުޅުވައިގެން ކަންކަން ސިޔާސީ ކޮށްގެން އީވާމެން ކުޅޭ ޗަރުކޭހަކުން ރައްޔިތުންނަށް މިހާރަކު އޮޅުވައެއް ނުލެވޭނެއެވެ. އެއްދުވަހު އެ މީހަކާ ދިމާލަށް ހެއްދެވިހާ ކުނިފުޅައަކުން މުހާތަބުކޮށްފައި އަމިއްލަ ބޮނޑި ބަންނަން ޖެހިގެން އަންނަ ދުވަހު އެ މީހާ ދޮންފުތު ކުރުމަކީ ނަޝީދާއި އީވާމެން ނިކަން ގިނައިން ކުރާކަމެއްކަން ރައްޔިތުންނަށް އެނގެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ނެތޭ ކިޔާ ރެވިތެޔޮ ބޮއެގެން އީވާމެން ތިޔަ އުޅެނީ އުޅޭ އައްޗިގޮތުން ފިކުރުގެ ދިރުން ހާރުވާ ނޫސްވެރިންނާ ނޫސްތައް އޮތްލެއް ގިނަ ކަމުންނެވެ. ތިމާމެނާ ދެކޮޅަށް ލިޔާ ލިޔުންތެރިންނާއި ނޫސްވެރިންނާއި ނޫސްތަކަކީ ވިކިގެން އުޅޭ ބައެއްކަމަށް ސިފަކޮށް ކޯތަޅުވަނީ ވެސް އެހެންވެގެންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކާ އެ ހައްގު ދިވެހި ނޫސްވެރިންނަށް ހޯދާ ދިނީ އަންނިއެއް އިވާއެއް ނޫނެވެ. ހުކުރާއި ސަންގާއި ސަންދާނާއި ދިވެހި އޮބްޒާވަރ (ޑީއޯ)އާއި އައްޑުވަހާއި އުދަރެސްއާއި ފިޔެސްއާއި ވިލަރެސްއަކީ ނަޝީދާއި އީވާއާއި ބެހޭ ކަމެއް ނޫނެވެ. ރާއްޖޭގެ ޑިމޮކްރެޓިކް ނޫސްވެރިކަމުގެ ބާނީ އަކީ އަލްއުސްތާޒު މުހައްމަދު ނަޝީދު ( ކުއްޓި ނަޝީދ) ނޫނީ ޑީއޯ ސައްޕެއޭ ބުންޏަސް މަތާހިރުވާނެއެވެ. ސަންދާނު ޓީމަށްވެސް އެ ޝަރަފު މާ ހައްގެވެ.
އަޖައިބެއް ނުވާނެހެއްޔެވެ. ނޫސްވެރިޔަކު އަމިއްލަ ހައިސިއްޔަތުން ކުރި ނޭއްގާނި ކަމަކާ ގުޅިގެން އެކަމެއްގެ މަސްލަހަތު ހުރި މީހަކު އެ ނޫސްވެރިކަން ކުރާ މީހަކާ ގުޅާ ދައްކާ ވާހަކައަކީ ނޫސްވެރިޔަކާ ނޫސްވެރިކަމާ ގުޅުން ހުރިކަމެއް ނޫނެވެ. ދަނޑިވަޅުގެ ފައިދާ ނަގައިގެން ސިޔާސީ ގޮތުން ޕީއާރު ސްޓަންޓް ޖެއްސުމަކީ އީވާމެން އަލަށް ކުރާ ކަމެއް ނޫނެވެ.