ފުލުހުން ބޮލަށް ކަނޑާލާ މުއިއްޒު ބޯދަމައިގެންފި!

މުއިއްޒުގެ ގުރުބާން ކަންބަޅިއަކަށް ފުލުހުން ހަދާކަށް ފުލުހުން ތިބީ ތައްޔާރަކަށް ނޫން

ފުލުހުން ބޮލަށް ކަނޑާލާ މުއިއްޒު ބޯދަމައިގެންފި!

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގާދިޔަ ކަންކަމުގެ އެއްވެސް މައުލޫމާތެއް އެނގިފައިނުވާކަމަށް ބުނެ މުއިއްޒު ބޮޑު ދޮގެއް ހަދާ އޮޅުވަލައިފިއެވެ. ފުލުހުންނަކީ އަނިޔާވެރި ގޮތެއް ފޮތެއް ނެތް ބައެއްކަމަށް މުއިއްޒު ބުނި ބުނުމަކީ ސީރިއަސް ކަމެކެވެ. މުއިއްޒަކީ ރާއްޖޭގެ ސަލާމަތީ ކަންކަމުގެ ކޮންޓްރޯލު ނެތް ވެރިއެއްކަމަށް އަމިއްލައަށް އިއުތިރާފުވުމަކީ ކުޑަކަމެއް ނޫނެވެ. ބިރުވެރިކަމެކެވެ. 

އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް ހަދާ މަންޒަރު ފެންނަން ބޭނުން ނުވާ ކަމަށާއި، ކުރިން އެ މަންޒަރުތައް ފެނިފައިވާ ކަމަށް މުއިއްޒު ބުނުމުން، ކަމުން ރެކެވޭނެ ކަމަށް ހީވަނީހެއްޔެވެ. މުއިއްޒު ސާފު އިރުޝާދެއް ދީފައި އޮއްވާ ފުލުހުން ނިކުމެ އާއްމު ރައްޔިތުން ތަކެއް ތަޅާ ރާކޭސް ގަންނަވާލީ ފުލުހުން އަމިއްލައަށް ކަމަށް ބުނީމާ ގަބޫލު ކުރަނީ ކާކުހެއްޔެވެ. 

މުއިއްޒު ހިތާމައެއް ކުރާނެ ކަމެއްނެތެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅީ ރައީސް މުއިއްޒު ދިން ސާފު އިރުޝާދަށެވެ. އަމަލު ކުރީ އެންގި ގޮތަށެވެ. ޕީއެންއެފް އުފެއްދުމުގެ ގާނޫނީ ޖަލްސާ ބޭއްވިޔަ ނުދިނުމަކީ މުއިއްޒު ބޭނުންވީ ގޮތެވެ. ސްޓެލްކޯއަށް އަންގައިގެން ކަރަންޓް ކަނޑާލާ، ގިޔާސުއްދީން ސްކޫލަށް މަޖުބޫރު ކުރުވައިގެން ޖަލްސާ ބާއްވަން ދިން ހުއްދަ ބާތިލު ކުރުވާ، ފުލުހުން ފޮނުވައިގެން ޖަލްސާ ބޭއްވިޔަނުދީ އަނިޔާވެރިވީ މުއިއްޒެވެ. ސްޓެލްކޯއެއް ގިޔާސުއްދީނެއް އެޑިއުކޭޝަނެއް ފުލުހުންނެއް ނޫނެވެ. 

ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވާ ބައެއް ކަމަށް ދައުލަތުގެ އެންމެ މަތީވެރިކަމުގައި ހުރި މުއިއްޒު ސިފަކޮށް ކަމުން ރެކެން ޗަރުކޭސް ކުޅުނެއް ކަމަކު ފުލުހުންނަށް ވާނުވާ އޮޅިގެނެއް ނޫޅެއެވެ. މުޅި ފުލުސް މުއައްސަސާ ބަދުނާމްކޮށް އަނިޔާވެރި ބައެއް ކަމަށް ސިފަކޮށް ފުލުހުންގެ ރުހުމާ ލޯބި ލިބޭނެ ކަމަށް މުއިއްޒަށް ހީވަނީ ހެއްޔެވެ. ސިޔާސީ ގޮތުން މުއިއްޒު ގެންގުޅޭ ގުރުބާން ކަންބަޅިއަކަށް ފުލުސް މުއައްސަސާ ހަދާކަށް ފުލުހުން ތިބީ ފުރުސަތު ދޭގޮތަކަށް ނޫނެވެ. 

ފިޔަވަޅު އަޅާވާހަކަ މުއިއްޒު ނުދައްކާށެވެ. ރައީސްގެ ސާފު އިރުޝާދެއް އޮއްވާ އެކަން ބޮލާލާޖަހާ ޕީއެންއެފް ޖަލްސާއަށް ހުރަސްއަޅަން ފުލުހުން ފޮނުވި ޕޮލިސް ކޮމިޝަނަރު މަގާމުން ވަކިކޮށްލަން މުއިއްޒަށް ކެރޭނެހެއްޔެވެ. ހޯމް މިނިސްޓަރު ސަސްޕެންޑް ކޮށްލަބަލާށެވެ. ނުވާނެއެވެ. ނުކެރޭނެއެވެ. އޭރުން ހުތުރު ގޮތަކަށް މުއިއްޒު ބަރަހާނާ ވެގެން ދާނެއެވެ.