އެމްޑީޕީ އުފެއްދީ މައުމޫނުގެ ލެގަސީ ދަމަހައްޓާކަށްނޫން
ދައުވަތު ދެއްވީ ސަރުކާރު ހިންގާ ކޯލިޝަނުގައި އެމްއާރުއެމް އޮތީމަ
ފުރަތަމަ ބުރު ކީއްކުރަން ހެއްޔެވެ. ދެވަނަ ބުރުގައިވެސް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ބައިވެރިނުވުމަކީ ރައީސް ސޯލިހަށް ނުވަތަ އެމްޑީޕީއަށް އޮތް ގޮންޖެހުމެއް ނޫނެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު (އިބްރޭ) އެ ވިދާޅުވީ ވަރަށް ބޮޑު ތެދު ފުޅެކެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް އެމްއާރުއެމަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވީ ސަރުކާރު ހިންގާ ކޯލިޝަނުގައި އެމްއާރުއެމް އޮތީމައެވެ. އެނޫން ސަބަބެއް އެމްއަރުއެމަށް ދައުވަތު ދޭން ޖެހޭ އޮތީއެއް ނޫނެވެ. 2018 ގައި ކޯލީޝަން ހަދަން އައީ އެންމެ ތިން އަކުރު ހިފައިގެން ހުސް އަތާއެވެ. ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުވެސް ނެތީހެވެ. އެކަމަކު ކޯލިޝަން ޕާޓްނަރަކަށް ވެގެން 15 ޕަސެންޓް ސަރުކާރުން ހޯދައިގެން ނެތް މޮޅުގައި ފަސް އަހަރު ހޭދަކޮށްފައި ތާއީދެއް ނުކުރަމޭ ބުނީމާ އަންނަނީ ހިންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ލިބިފައި ނެތަސް ހެޔޮތާއެވެ. ސިޓީކައުންސިލަކުން އަތޮޅު ކައުންސިލަކުން ރަށު ކައުންސިލަކުން އެންމެ ގޮނޑިއެއްހާ ހިސާބުވެސް އެމްއާރު އެމަށް ލިބިފައި އޮތީއެއް ނޫނެވެ. ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭ ގާނޫނީ އަދަދު ކަމަށްވާ 3000 މެންބަރުން ހަމަ ވަނީ އެއް ނޫނެވެ. ސިޔާސީ ގޮތުން ތާއީދު ނެތަސް 30 އަހަރު ވެރިކަން ކުރި ރައިސް މައުމޫނަށް ކުރާ އިހުތިރާމެއް ފިޔަވާ އެހެން އެއްޗެއް އޮތް ބައެއް ނޫނެވެ.
އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކޮށް އެމްއެމްއާރު ކޯލިޝަނުން ވަކިވިޔަސް އެއީ ރައީސް ސޯލިހުއަށް އަދި އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުމަކަށް ނުވާނެއެވެ. އެމްޑީޕީގެ ސިޔާސަތު ތަކަކީ ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ތަންފީޒުކުރާ ސިޔާސަތުތަކެކެވެ. އެމްޑީޕީގެ ސިޔާސަތަކީ ފާރިސް މައުމޫނަށް ރަނިންގ މޭޓްކަން ދީގެން ރައީސް މައުމޫނުގެ ލެގަސީ ނަގަހައްޓާ ދެމެހެއްޓުމެއް ނޫނެވެ.