ކަނޑާ ވައްޓާލާ ދިދައަކުން އެމްޑީޕީ މަރައެއް ނުލެވޭނެ!

އެމްޑީޕީ އުފެދުނީއްސުރެ ވުޖޫދުން ފުހެލަން ބަޔަކު ގަދަފައި ވިއްދި

ކަނޑާ ވައްޓާލާ ދިދައަކުން އެމްޑީޕީ މަރައެއް ނުލެވޭނެ!

ށ. މާއުނގޫދޫގައި އެމްޑީޕީ ބޮޑުދިދަ، ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް އެ ދިދައަށް ގެއްލުންދީ މޫދަށް އެއްލާލައިފިއެވެ. އެމްޑީޕީ ދިދަ މާއުނގޫދޫ މަތީގައި ވިހުރުނަ ނުދިނުމަށް ރޭގެ ވަގުތެއްގައި ބަޔަކު ހިންގި ފިނޑި އަމަލުން ސިފަކޮށްދެނީ ސަރުކާރުގެ ބަލިކަށިކަމެވެ. ފިނޑިކަމެވެ. ތަފާތު ފިކުރު ހަޖަމް ނުވުމެވެ. 

އެމްޑީޕީގެ ދިދައަށް ގެއްލުންދީ މޫދަށް އެއްލާލެވިދާނެއެވެ. ރައްޔިތުންގެ ހިތުން އެމްޑީޕީ ފިކުރު މަރައެއް ނުލެވޭނެއެވެ. ނައްތައެއްވެސް ނުލެވޭނެއެވެ. މާ އުނގޫނދޫގައި ބަޔަކު ހިންގި އެ ފިނޑި އަމަލު އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވަނީ ކުށްވެރިކުރައްވާފައެވެ. ސުލްހަވެރި ސިޔާސީ ހަރަކާތަށް ފަރިތަވާން އެބަޖެހޭކަމަށް ޝާހިދު ވިދާޅުވެއެވެ.

"އިދިކޮޅު ޕާޓީއަށް ގައުމުގެ ސިޔާސީ ވެށީގައި ޖާގަ ލިބެން ޖެހޭނެ" ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ. މި ފިނޑި އަމަލު ހިންގި ފަރާތްތަކާއިމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް އެ މަނިކުފާނު ވަނީ ގޮވާލައްވާފައެވެ. 

މާލޭ މޭޔަރު އާދަމް އާޒިމް އެކަން ސިފަކުރެއްވީ ސަރުކާރު ފޭލިވާން ފެށުމުން އިދިކޮޅުގެ މަންޒަރު ނައްތާލާ އަޑު ކަނޑުވާލަން ކުރެވޭ ކަމެއްގެ ގޮތުގައެވެ. 

އެމްޑީޕީ އުފެދުނީއްސުރެ ވުޖޫދުން ފުހެލަން ބަޔަކު ގަދަފައި ވިއްދަމުން އައިސްފައިވެއެވެ. މާޒީގައި އެމްޑީޕީގެ ޖަނާޒާ ބާއްވަން އުޅުނު މީހުންވެސް އައިސް އާރާއި ބާރާއި ހައިސިއްޔަތު ހޯދީ އެމްޑީޕީގެ ތެރެއިންނެވެ. އެމްޑީޕީގެ މައިހަރުގެ ފުނޑާލާ އެމްޑީޕީއަކީ ގައިރު ގާނޫނީ ޖަމާއަތަކަށް ހަދަން އުޅުނު މީހުންގެ ސިޔާސީ ބާރުވެރިކަން ގެއްލި އެމްޑީޕީގެ ތައްޕާހުން އުޅުނުތަންވެސް އޮތީ ފެނިފައެވެ. 

އެމްޑީޕީއާއި ދެކޮޅަށް އުޅުނު ޑީއާރުޕީގެ ވަސްވެސް މިހާރަކު ނެތެވެ. އެބޮޑު ބިޔަ ޒައީމް ވެސް ޖެހުނީ އެމްޑީޕީގެ އަތްދަށުވެ އެމްޑީޕީގެ މަދަދާއި އެހީހޯދައިގެން ހުރަގެއިން ނިކުމެ އެމްޑީޕީއާ ކޯލިޝަން ހަދާށެވެ. އެއްކަލަ ބިޔަބޮޑު ޕީޕީއެމާއި ރައީސް ޔާމީނެއްވެސް މިއަދަކު ނެތެވެ.

މުއިއްޒުގެ ހުދު މުހުތާރު ސަރުކާރުގެ މުއްޕަތަށް ނުވެޢްޓި މަޖިލީހުން ގޮނޑި ތަކެއްވެސް ހޯދުނީ ހަމައެކަނި އެމްޑީޕީއަށެވެ. ކަނޑާ ވައްޓާލާ ދިދައަކުން ޖަހާ ޕެޕަރ ސްޕްރޭއަކުން މެންބަރަކު ވައްޓާލާ ކުޑަގޮޅިއަކުން އެމްޑީޕީ މަރައެއް ނުލެވޭނެއެވެ. އިސްލާހީ ހަރަކާތަކީ އެމްޑީޕީއެވެ. ރާއްޖޭގެ ހައްގާ އިންސާފުގެ ތަޅުދަޑިއަކީ އެމްޑީޕީއެވެ. މިވެރިކަމުގެ ބާރުވެސް ކެނޑި މުއިއްޒުގެ ލެގަސީއާއި ޕީއެންސީ ވުޖޫދުން ފުހެވިގެން ދާނެއެވެ. އަދިވެސް އޮންނާނީ އެމްޑީޕީއެވެ.