ވީޓޯގެބާރާ ދެކޮޅު ހެދުމުގެ ގޮތުން އދ އިން ވަކިވަނީތަ!
އެމެރިކާއާއި އޮތް ގުޅުން ކަނޑާލަން ކެރޭނެތަ!
އަޖައިބެއް ނުވާނެ ހެއްޔެވެ. އދ އުފެދުނީއްސުރެ ވީޓޯ ބާރަކީ އޮންނަ ބާރެކެވެ. ވީޓޯގެ ބާރު ލިބިގެން މުޅި ދުނިޔެއާ ދެކޮޅަށް އެމެރިކާއިންނާއި ރަޝިޔާއިންނާއި ޗައިނާއިންނާއި އިގިރޭސީނާއި ފްރާންސް ކިތަންމެ ކަމެއްކޮށްފައި އެބަހުއްޓެވެ. ކުރުވަމުން އެބަދެއެވެ.
އިޒްރޭލު ދެމިއޮތުމާއި އިޒްރޭލްގެ އަނިޔާވެރި ކަމަކީ އޭގެ އެއް މިސާލެވެ. އެމެރިކާއިން ކަންކަން ވީޓޯކޮށްގެން އިޒްރޭލުގެ އަނިޔާވެރިކަން ދަމަހައްޓާދެމުން ގޮސްފައިވަނީ މިއަދަކު އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު މުޅި ދުނިޔެ އެކުވެގެން ވީޓޯގެ ބާރެއް ހުޢްޓުވައެއް ނުލެވުނެވެ. އެހެނެކޭ ކިޔާ އެކަމާ ދެކޮޅު ހަދާ އދ އިން އެއްވެސް ބަޔަކު ވަތްކެއްވެސް ނުވެއެވެ.
ޕަލަސްތީނާ ދެކޮޅަށް އިޒްރޭލުން ކުރާނެ ކަމެއް ކުރާނެ ގޮތަކަށް ކުރާއިރު ދުނިޔޭގެ މުސްލިމު ގައުމުތައް ވެސް އެ ތިބެނީ އަތްޖަހާށެވެ. ބޮޑު ވަރަކަށް ކުރާކަމަކީ ބޮޑެތި ގޮނޑި ގޮނޑީގައި ވެޑުވެގެން މޮޅަށް ކައިގެން ސައްލާކޮށްފާ ކުށްވެރިކޮށް ބަޔާން ނެރުމެވެ. ދުވަހަކު އެނޫން ވަރެއް ނުވެއެވެ.
ފަލަސްތީނަށް ކާއެތިކޮޅެއްހާ ހިސާބުވެސް ދިއްކޮށްލަނީ ގައުމުތަކުގެ އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ބީކު ނަގައިގެން ކޮންމެވެސް އިންސާނީ އެހީދޭ ޖަމާއަތެއް މެދުވެރިކޮށެވެ. ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށްޓަކައި އެއްވެސް ގައުމެއްގެ ސަރުކާރަކުން ކުރާކަމެއް ހަރާމުން ހަރާމެވެ.
ރާއްޖޭގެ ހާލަކީވެސް އެއީއެވެ. ބައިނަލްއަގުވަމީ މުއުތަމަރުތަކުގައި އަތްގުޅިނުކާވަރުގެ ބޮޑެތި ބަސް ބުނުން ނޫން ކަމެއް ނުކުކުރެއެވެ. ބުނާ ބަހަކާ ކުރާކަމަކާ ދިމާ ކުރުމެއް ނޯވެއެވެ. ކޮންމެ ކަމެއް އޮންނަނީ ހުސްގޮނޑިއަށް ވެރިކަން ހޯދުމަށްވެފައެވެ. އިހައްދުވަހު ރާއްޖޭން ހައިދަރު ގޮސް އދ ގެ އާއްމު މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރާ ދެކޮޅޭ ބުނާއިރަށް އެމެރިކާ ކުޑަކަކޫ ޖަހާ އިޒްރޭލު ސައިޒުކޮށްލާނެ ހެއްޔެވެ.
އެހެނެކޭ ކިޔާފައި ވަކި ގައުމުތަކަކަށް ވީޓޯގެ ބާރު އޮންނާތީ އދގެ މެންބަރުކަމުން ދިވެހީންގެރާއްޖެއަށް ވަކިވާން ކެރެދާނެ ހެއްޔެވެ. ވަކި ގައުމު ތަކަކަށް ވީޓޯގެ ބާރު އޮންނަ އދގެ އޮފީސްތައް ރާއްޖޭން ފޮނުވާލަން ކެރޭނެ ހެއްޔެވެ. އދ މަޖިލީހުގެ ވީޓޯ ބާރު އޮންނަ ދެގައުމެއް ކަމުގައިވާ އެމެރިކާއާއި ޗައިނާގެ އެންބެސެޑަރާއި އެންބަސީ ރާއްޖޭން ފޮނުވާލަން ކެރޭނެ ހެއްޔެވެ. އެމެރިކާއާ އޮތް ސިޔާސީ ގުޅުން ކަނޑާލަން ކެރޭނެ ހެއްޔެވެ. ނުވާނެއެވެ. ނުކުރެވޭނެއެވެ. ދެން ކޮންހާ ބައިސާއެއް ކަނޑާކަށް ހެއްޔެވެ.