ރާއްޖޭގައި އޮތް އެއްމެބޮޑު ކެސިނޯ އަކީ ރައްޔަތުނގެ މަޖިލީހޭ ބުނުމަކީ ކުށެއް ކަމަށް ކަނޑައަޅަށްދެން އެހެން ކިޔާނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ. ވެރިންގެ އަތުން ފައސާ ނަގައިގެން ގާނޫނުއަސާސީ ކޮށާ ކުދިކޮށް ދައުލަތުގެ ހުރިހާ ބާރެއް ރައީސްގެ އަނބޮޑިއަށް ޖަމާކޮށްދިނުމަކީ މަޖިލީހުގައި ޖުވާކުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއެވެ.
ގިޔާމަތް ދުވަސް އަންނާނެކަން ގަބޫލުކުރާ ބަޔަކު އިންޓަރނެޓުގައި ކުޅޭ ޖުވާ އެކަނި ހަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅާ ގާނޫނެއް ހެދިޔަސް މާތް ރަސްކަލާނގެ ރަސްކަންފުޅަށް ކަންކަން އޮޅުވާ ނުލެވޭނެ ކަމަށްވެސް ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
ރީކޯ މޫސާ މަނިކު އެހެން ވިދާޅުވީ ޖުވާކުޅުމަކީ ގާނޫނީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްގައި " މުޅިން ވެސް ދިމާވަނީ ޖުވާކުޅެގެން ހަޔާތް ބަރުބާދުވެފައި ތިބޭ މީހުންނާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރ އަހުމާދު އަޒާނު ވިދާޅުވުމުން ރައްދު ދެއްވުމުގެ ގޮތުން މޫސާ މަނިކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރީކޯ މޫސާ މަނިކު ވިދާޅުވަނީ ހަލާލުގޮތުގާ ތިމާއަށް މަސައްކަތް ކޮށްގެން ރިޒްގު ހޯދެން އޮއްވާ، އެ މަގު އިހުތިޔާރުނުކޮށް ތިމާއަށް ގިނަ ފައިދާ ހޯދުމުގައި އަތަށް ލިބޭ ކުޑައެއްޗަކުން ކުއްލިއަކަށް މުއްސަނދިކަން ހޯދަން ފައިސާ ވިޔަސް ނޫސްވެރިކަމުން އެތައް ބައެއްގެ އަބުރު ކަތިލައިގެން ވެސް ހަރާމެއް ހަލާލެއް ނުބަލާ މަގާމާއި ބޮޑު މުސާރަ އާއި ވޯޓާ ގަނެގެން އެތައް ބައެއްގެ ހައްގުތައް ފޭރިގަނެގެން މުއްސަނދި ވީމާ އެވީ ހަމަ ޖުވާކުޅެގެން މުއްސަނދިވެ ބާރުހޯދުން ފަދަ ކަމެއް ކަމަށެވެ.
ދަވްލަތުގައި ހުރި ރައްޔިތުގެ ފައިސާއިން ބަޔަކަށް މުސާރައާއި ވަޒީފާތައް ދީގެން ރައްޔަތުން ކުރިމައްޗަށް ގޮސް ރުހުން ހޯދައގެން ލިބެންއޮތް ވޯޓެއް ހޯދާ ރައްޔަތުން ބަނޑަށް ޖައްސާފާ ވެރިކަމަށް އެރުމަކީ ޖުވާގެ އެންމެ މަތީ ފެންވަރުގެ ހަރާމް ކަމަކަށް ނޫނީ ނުވާނެ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.