މުއިއްޒު އަޒުލް ކުރަންޖެހޭ ސަބަބުތައް މިއޮތީ!
ވެރިކަމަށް އިންތިހާބު ކުރުމަކީ ކުރާނެހާ ކަމެއް ކުރަންދެވޭ ލައިސަންސެއްނޫން
ގައުމެއްގެ ވެރިޔަކު އިންޕީޗް ކުރުމަކީ މާ މޮޅުކަމެއް ނޫނެވެ. މާގަދަ ކަމެއް ނޫނެވެ. މާރީތި ކަމެއް ވެސް ނޫނެވެ. ގައުމެއްގެ ވެރިއަކު އިންޕީޗް ކުރުމަކީ ގައުމަށް ލޮޅުން ތަކެއް ނަރާވަރުގެ ކުޑަކުޑަ ކަމެއް ވެސް ނޫނެވެ. ވެރިއަކު އަޒުލް ކުރުމަކީ ނުކޮށް ވާން އޮތިއްޔާ ނޫނީ ކުރާވަރުގެ ކަމެއްވެސް ނޫނެވެ.
އެހެނެއް ކަމަކު ގާނޫނީ ހަމަތަކުގެ މަތިން ވެރިމީހާ އަޒުލް ކުރެވޭ ގޮތަށް ހަމަޖެހިފައި އޮންނަނީ އެހާލަތު މަދުން ނަމަވެސް ކުރިމަތި ވާނެތީއެވެ. ވެރިކަމެއްގެ ކިތަންމެ ޅަފަތުގައިވެސް ވެރިއަކު ވެރިކަމުން ދުރުކުރަން ޖެހިއްޖެނަމަ ކުރެވޭ ގޮތަށް އޮންނަނީ ރައްޔިތުންގެ ހެވާ ލަބައަށްޓަކައެވެ. ވެރިކަމަށް ރައްޔިތުން މީހަކު އިންތިހާބު ކުރުމަކީ އެމީހަކު ކުރާނެހާ ކަމެއް ކުރަންދެވޭ ލައިސަންސަކަށް ނުވާތީއެވެ. މީހަކު ވެރިކަމަށް އެރީ ދޮގާ ވަގާ މަކަރާ ހަދައިގެންކަން ފަޅާއެރުމުން އެމީހަކު ވެރިކަމުން ބޭލުމަކީ ނުކޮށް ނުވާނެ ކަމެކެވެ. ލަސްކޮށް ފަސްކުރުން ހެޔޮނުވާނެ ކަމެކެވެ.
ވެރިކަމަށް އައުމަށްޓަކާ މީސްމީހުން ވައުދުވެއެވެ. ވާހާ ވައުދަކީ އަކުރުން އަކުރަށް ފުއްދޭ ކަންކަމަށް ވެސް ނުވެދެއެވެ. އެހެނެކޭ ކިޔާ އެ މީހާއަކީ ވައުދު ނުފުއްދާ ދޮގުހަދާ މީހަކަށް ބަލައިގެން ވެރިކަމުން ބާލާކަށް އެކަކުވެސް ނޫޅޭނެއެވެ.
ވެރިކަމަށް އައުމަށް ވާވައުދަކީ އެވައުދެއްގެ ސަބަބުން ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވެއްޖެނަމަ އެއީ ބިރުވެރި ކަމެކެވެ. އެވައުދެއްގެ ސަބަބުން ގައުމުގެ ގާނޫނުގެ ބާރު ކެނޑި ދައުލަތުގެ ހުކޫމަތަށް ބުރޫ އަރާނަމަ އެއީ ނުރައްކާތެރި ކަމެކެވެ. އެ ވައުދެއްގެ ސަބަބުން ބައިނަލް އަގުވާމީ ގާނޫނުތައް މުގުރާލެވޭ ނަމަ އެއީ ދެވޭ ގެއްލުމެކެވެ.
ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމަށް އެރީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ބިރުވެރި ވައުދުތަކަކާ އެކުގައެވެ. ބައިނަލް އަގުވަމީ ހަމަތަކުގެ މަތިން އަވައްޓެރި ގައުމަކާ ރާއްޖެ އާއި ދެމެދު ވެވުނު އެއްބަސް ވުމެއްގެ ތެރެއިން ހިނގަމުން އައި ގާތް ގުޅުމަކީ އަޅުވެތި ކުރުމެއް ކަމަށް ސިފަކޮށް އެކަން ނިންމުމުގެ ވައުދު ވެގެންނެވެ. ދުނިޔޭގެ އަސްކަރީ އަދި އިގްތިސާދީ ބޮޑުބާރަކާ ހަނގުރާމަ އިއުލާނު ކުރަމުންނެވެ. ރާއްޖޭގެ އަޝްކަރިއްޔާ އާއި އިންޑިއާ އަޝްކަރިއްޔާ އާއި ދެމެދު ވެވިފައިވާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި ތިބޭ މަދު އިންޑިއާ ސިފައިން ކޮޅަކީ ގައުމު އަޅުވެތިކޮށްގެން ތިބި ބައެއް ކަމަށް ސިފަކޮށް އެމީހުން ބާލަން ވައުދު ވެގެންނެވެ.
ވެރިކަމަށް އެރުމާއެކު ރާގު ބަދަލުވެ އިންޑިއާ ސިފައިންނަކީ ރާއްޖޭގައި ތިބެންޖެހޭ ބައެއް ކަމަށް ވެއްޖެއެވެ. ނަން ނެގޯޝިބަލް ކަމެކޭ ބުނެ އިންޑިއާ ސިފައިން ބާލަން ވެރިކަމަށް އެރި މީހާއަށް ޖެހުނީ އިންޑިއާ އާއި އެކުގައި ނެގޯޝިއޭޓް ކުރާށެވެ. ގަދަކަން ދައްކާފައި އިންޑިއާ ސިފައިން ބާލަން ހިފާލިނަމަ ގައުމު ވެއްޓޭނީ ހަނގުރާމައިގެ ހާލަތަށް ނޫންކަމެއް ނޭގެއެވެ. އެވަރުގެ ނުރައްކަލަކަށް ގައުމުވައްޓާލީ މުއިއްޒު ވެރިކަން ހޯދުމަށް ރައްޔިތުންނަށް އޮޅުވާލައިގެންނެވެ.
މުއިއްޒު ވެރިކަން ހޯދުމަށް ވީ އަނެއް ދޮގު ވައުދަކީ ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ވީއްކާލާފައިވާ ކަމަށް ބުނެ ކަނޑުގެ އެބައި ހޯދާ ދިނުމަށް ވީ ދޮގު ވައުދެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދާ އިގްތިސާދީ ސަރަހައްދު އޮޅުވާލައިގެން ގަސްތުގައި ފެތުރި ދޮގު ވާހަކަ ތަކެވެ. ޗާގޯސްގެ ރަށްތަކާއި ރާއްޖެއާއި ދެމެދު އޮންނަ ކަނޑުގައި މޮރިޝަސްގެ ހައްގު އޮތް ކަމަށް ބުނެ އިޓްލޮސްގައި ރާއްޖެއާ ދެކޮޅަށް މޮރިޝަހުން ދައުވާ ކުރުމުން ޖަވާބުދާރީވުމަށް ރާއްޖޭން ފުރަތަ ދެކޮޅުހެދުމުން އެމައްސަލަ އިޓްލޮސްގައި ނުބަލާ ހުއްޓާލާފައި އޮތްކަން ރަގަޅަށް މުއިއްޒަށް އެނގޭނެއެވެ.
ދުނިޔޭގެ ކޯޓްގެ އިސްތިޝާރީ ލަފައާއި އެކު އދގެ އާއްމު މަޖިލީހުން ޗާގޯހުގެ ސިޔާދަތީ ބާރު މޮރިޝަހަށް އޮތް ކަމަށް ނިންމުމުން އިޓްލޮސްގައި ހުއްޓިފައި އޮތް މައްސަލަ ބަލަން ނިންމާ އެކަން ރައްޖެއަށް އެންގިއެވެ. އިޓްލޮސްއިން އެންގުމުން ރާއްޖޭން ޖަވާބު ދާރީވެ ވަކާލާތުކޮށްގެން ރާއްޖެއަށް ބޮޑުބައި ހޯދިއެވެ. އެގޮތުން ބައިނަލް އަގުވާމީ ގާނޫނާ އެއްގޮތަށް ރާއްޖޭގެ ދެކުނުގެ އިގްތިޞާދީ ސަރަހައްދު އިޓްލޮސްއިން ހަމަޖެއްސި ހަމަޖެއްސުމަކީ ކަނޑު ވިއްކާލުން ކަމަށް ހަދައިގެން ކަނޑު ހޯދަން ވީ ދޮގު ވައުދަކީ ކަނޑައެޅިގެން ރައްޔިތުންނަށް މުއިއްޒު އޮޅުވާލި އޮޅުވާލުމެކެވެ.
ވެރިކަން ހޯދުމަށްޓަކާ ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ތާއީދު ހޯދުމަށް ޔާމީނުގެ ފޮޓޯފުޅަކާއި ހުސްގޮނޑިއެއް ބޭނުން ކޮށްގެން މުއިއްޒު ކެންޕޭނު ކުރިއެވެ. ކުރި ކެންޕޭނުގައި އެންމެ ބާރަށް ދެއްކީ ރައީސް ޔާމީނަށް ހަރާން ހުކުމެއް ކޮށްގެން އުޅޭ ވާހަކައެވެ. ވެރިކަން ލިބުމާއެކު ރައީސް ޔާމީނު މިނިވަން ކުރާނެ ކަމުގެ ދޮގު ވައުދެވެ. މިކަމުގައި ވީ ދޮގު ވައުދަށް ވުރެ ނުރައްކާތެރިކަން ބޮޑީ ރާއްޖޭގެ ޖުޑިޝަރީގެ އިތުބާރު ރައްޔިތުންނަށް ގެއްލުވާލި ގެއްލުވާލުމެވެ. ފަނޑިޔާރުންގެ ކަރާމާތް ނަގާލި ނަގާލުމެވެ. ދައުލަތުގެ އިންސާފު ގާއިމުކުރުމުގެ ބާރު އެއީ އެއްވެސް އަގެއް ނެތް ތަނެއް ކަމަށް ހެދި ހެދުމެވެ.
ކުރަން ކިތަންމެ ބޭނުން ނޫނަސް މުއިއްޒު އަޒުލު ކުރަން ޖެހެނީ މިދެންނެވި ސަބަބުތަކަށް ޓަކައެވެ. ގައުމީ ސަލާމަތަށްޓަކައެވެ. ސަރަހައްދީ ދެބަސްވުމުން ގައުމު މިންޖު ކުރުމަށް ޓަކައެވެ. ދައުލަތުގެ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އިތުބާރާ ހުރުމަތަށްޓަކައެވެ.
މީގެ ފަހުން މީހަކު ރާއްޖޭގެ ވެރިކަމަށް އަންނަން ދުވަހަކުވެސް މިފަދަ ހައްދުފަހަނައެޅި ދޮގުހަދަން ދިވެހިން ގަބޫލު ނުވާނެކަން ގާނޫނީ ހަމަތަކުން ކަނޑައެޅުމަށްޓަކާ މުއިއްޒު އަޒުލް ކުރުން ލާޒިމެވެ. އެފަދަ އޮޅުވާލުމާ ދޮގާ މަކަރުން ވެރިކަމަށް އަރަން ދިވެހިން ފުރްޞަތު ނުދޭނެކަން އެންމެންވެސް ދަންނަން ޖެހެއެވެ.