2025 ވަނަ އަހަރު ހޭދަކުރެވުނީ ކަށިކުނބުރު ވަލެއްގައި: ޝާހިދު

2025 ވަނަ އަހަރު ހޭދަކުރެވުނީ ކަށިކުނބުރު ވަލެއްގައި: ޝާހިދު

ދިވެހިންނަށް 2025 ވަނަ އަހަރު ހޭދަކުރެވުނީ ކަށިކުނބުރު ވަލެއްގެ ތެރޭގައި ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އަތަކަށް ޖެހިލައިފިއްޔާ ގަޔަށް ހެރެނީ ކައްޓެއް ކަމަށާއި ހަނުހުއްޓަސް ހެރެނީ ކައްޓެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެމޭރުމުން ވާހަކަ ދެއްކެވީ ރޭ ރާއްޖެޓީވީން ގެނެސްދިން ފަލަސުރުހީ ޕްރޮގްރާމްގައެވެ. ރާއްޖޭން ބޭރުގައި ތިިބި ދިވެހި ކިޔަވާކުދިންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ފަލަސުރުހީ ޕްރޮގްރާމުގައި ކުރީގެ ހާރިޖީ ވަޒީރު ޝާހިދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވެވިއެވެ.

ރާއްޖޭން ބޭރުގައި ތިިބި ދިވެހި ކިޔަވާކުދިންނަށް ޖެހިފައިވަނީ ވަރަށް ހިތްދަތި ހާލެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ބޭރުގައި ތިިބި ދިވެހި ކިޔަވާކުދިންނަށް ޖެހިފައިވާ ހިތްދަތި ހާލު އިހުސާސް ކުރެވޭނީ އެކުދިންނަށާއި އެކުދިންގެ މައިންބަފައިނަށް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

ބޭރުގައި ކިޔަވަން ގޮސް ތިބި ކުދިންގެ ހާލަތު ބަޔާންކޮށް ދެއްވުމުގެ ގޮތުން ޝާހިދު ވިދާޅުވީ " މިތިބެނީ ބޭރު ގައުމަކަށް ގޮސް ކިޔަވަން. މިތިެނީ ދައުލަތުންދޭ ލޯނެއް ނަގައިގެން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ދައުލަތުގެ ސްކޯލަރޝިޕެއްގަ. ދައުލަތުން ފޮނުއްވަން ކަނޑުއަޅުއްވާ ވައުދުވެ ވަޑައިގެންފައިވާ ފައިސާ ނޫން އިތުރު އެއްޗެއް މިހާރަކު (އެކުދުންނަށް) ނުލިބޭނެ" ކަމަށެވެ.

މިއަދު އެކުދިންގެ ޓީއުޝަންފީ ނުލިބިގެން، އެކުދިން ދިރިއުޅުމަށް ބޭނުންވާ ސަޓައިޕެންޑް ނުލިބިގެން ތަކުރާރުކޮށް މިނިސްޓްރީއާ ގުޅަނީ ކިތައް ކުދިންތޯ ސުވާލު އުފައްދަވަމުން ޝާހިދު ވިދާޅުވީ މިނިސްޓްރީގެ ތެރޭގައި އެކަމަާގުޅިގެން ހިނގަނީ ދެކަމެއް ކަމަށެވެ. އެއިން އެއްކަމަކީ އެކުދިންގެ ފޯނަށް ޖަވާނު ނުދިނުމެވެ. އަނެއްކަމަކީ ފޯނަށް ޖަވާބު ދީފިއްޔާ މިހާރު ތިޔަކަންތައް މިބަލަނީއޭ ބުނުން ކަމަށް ޝާހިދު ވިދާޅުވިއެވެ. 

އިތުރަށް ޗާހިދު ވިދާޅުވީ އެކަމާގުޅިގެން މީޑީއާއިން ސުވާލުކޮށްފިއްޔާ އެކަހަލަ އެއްވެސް ކަމެއް ނުހިނގާކަމަށް ބުނެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދޮގުހަދާ ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. އެހެން ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރެއިން ކޯސް ފައިސާ ނުލިބިގެން ކޯސް ކެންސަލްވެފައި ތިބި އެތައް ކުދިންނެއް ތިބިކަމަށް ކުރީގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.