ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލެއް ނުކުރޭ: މޭޔަރ
ހުޅުމާލޭ މުނިސިޕަލް ކައުންސިލްގެ ހިދުމަތް ދިނުން ހުރިހާ ވަސީލަތާއެކު މާލޭ ސިޓީކައުންސިލާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުން މާލޭ މޭޔަރ ދޮގުކުރައްވައިފިއެވެ.
ޕީއެންސީން މާލޭ އާޓިފިޝަލް ބީޗްގައި މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި އެއްވުމުގައި ހުޅުމާލޭ މުނިސިޕަލް ކައުންސިލްގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު ޓެގްކުރައްވާ މާލޭ މޭޔަރ އާދަމް ޢާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ " މިއީވެސް ހައްދަވާފައިވާ ބޮޑު ދޮގެއް" ކަމަށެވެ.
މޭޔަރ އާޒިމް ވިދާޅުވެފައިވަނީ ހުޅުމާލޭ މުނިސިޕަލް ކައުންސިލްގެ ހިދުމަތް ދިނުން ހުރިހާ ވަސީލަތާއެކު މާލޭ ސިޓީކައުންސިލާ ހަވާލުނުކޮށް އެކަން ކުރެއްވި ކަމަކަށް ހައްދަވައިގެން ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. ހުޅުމާލޭ މުނިސިޕަލް ކައުންސިލްގެ ހިދުމަތް ދިނުން މާލެ ސިޓީ ކައުންސިލާ އަދިވެސް ހަވާލު ނުކުރާކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިމަހުގެ 14 ވަނަ ދުވަހުގެރޭ އޮތް ޕީއެންސީ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން " ހުޅުމާލެއަކީ ގާނޫނު އަސާސީ ބުނާ ގޮތުން މާލޭގެ އެއްބައި. އެހެން ނަމަވެސް ކުންފުންޏަކާ ހަވާލުކޮށްފައި އޮންނަނީ މި އޮތްހާދުވަހު. އަޅުގަނޑު އިންތިހާބުގައި ވަރަށް ބާރުމިނުގައި ދެއްކި އެކަން ނިމުމަކަށް ގެންނާނެ ކަމުގެ ވާހަކަ." ރައީސް ވިދާޅުވިއެވެ. އެގޮތުން "އަޅުގަނޑުމެން އޭގެ ތަފާތު މިދެއްކީ. އިންތިހާބަކަށް ބެލުމެއްނެތި ހުޅުމާލޭ މުނިސިޕަލްކައުންސިލްގެ ހިދުމަތް އެވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފަ" ވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން ހަމަޖައްސާ ދީފައިވާނީ ހުރިހާ ވަސީލަތްތަކަކާއެކުގައި ކަމަށެވެ.
ވެހިކަލްތަކާއި ސައިޓްތަކާއި ހުރިހާ އާލާތްތަކެއް ހަމަޖައްސާ ދީފައިވާނެ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް މުއައްޒަފުންނަށް މުސާރަދޭށްވެސް ސިޓީ ކައުންސިލަށް ނުޖެހޭނެކަމާށާއި މުއައްޒަފުންނަށް އެޗްޑީސީން މުސާރަ ހަމަޖައްސާ ދީފައިވާނެ ކަމަށެވެ. ރައީސްގެ މިވާހަކަފުޅުން ހުޅުމާލެ މުނިސިޕަލް ހިދުމަތްދިނުން ސިޓީ ކައުންސިލާއި ހަވާލުކުރީ މޮހަނަށް ދޯނިދޭ އުސޫލުން ކަމަށް ގަބޫލު ކުރެވެއެވެ.

