ވެރިކަން ނެތި ޔާމީނު މިލިއަނުން ފައިސާ ހޯދުން!

ކެމްޕޭނަށޭ ބުނެ ވިޔަފާރި ވެރިން އަތުން ފައިސާ ޖަމާ ކުރަމުން ދައްކަނީ ޗަރުކޭސް

ވެރިކަން ނެތި ޔާމީނު މިލިއަނުން ފައިސާ ހޯދުން!

ވިޔަފާރި ވެރިން އަތުން މިލިއަނުން ފައިސާ ލިބޭ ވާހަކައާއި އެ ފައިސާދޭ މީހުން ބުނަން ނުޖެހޭނެކަމަށް ދާދި ފަހުން ނޫސްވެރިން ކުރިމަތީ ޔާމީނު ހާމަ ކުރީ ޖެހިލުމެއް ނެތި މޫނަށް ރުލެއްވެސް އަރުވާ ނުލައެވެ. 

ވެރިކަން ނެތި، ހުކުމެއްގެ ކުރިމަތީ ޖަލުގޮޅީގެ އަނގަމަތީ ހުރެ މިހާރު ޔާމީން ފައިސާ އެއް ކުރަމުން އެދަނީ އަދި މާމޮޅު ޗަރުކޭހެއް ދައްކައިގެން ނެވެ. 

ރޭވެ އަލި ވިލުނު އިރު ކައުންސިލް މެމްބަރުން ސެނެޓަރުންނަށް ބަދަލުކޮށް ޔާމީނަކީ ރިޔާސީ ކެންޑިޑޭޓަށް އަމިއްލައަށް ވެގަތީ އެކަމުން ނެގޭނެ ގިނަ ފައިސާ އޭނާއަށް ފެންނާތީ އެވެ. 

ތިމަންނަ އަކަށް ހުކުމެއް ނުކުރެވޭނެއޭ، ދެން ބާކީ އޮތީއެއް އަހަރޭ ސަރުކާރާ ދުރަށް ޖެހި ތިމަންނައާ ގާތްވާށޭ، ވެރިކަމަށް އަންނަ ގޮތަށް އެވެނި މިވެނި ކަންކަން ކޮށް ދޭނަމޭ ޔާމީނު ބުނީމާ ގަބޫލު ނުކުރާނީ ކިތައް ވިޔަފާރި ވެރިން ހެއްޔެވެ؟ 

ވިޔަފާރި ވެރިން ކުރާނީ ވިޔަފާރިއެވެ. ޔާމީނު އެބުނާ ގޮތަށް ކެމްޕޭނަށް މިލިއަނުން ފައިސާ ދިނުމަށް ފަހު ވެރިކަމަށް އައިސް އޭގެ ބަދަލުގައި ބޮޑު ބިމެއް، ފަޅެއް، ރަށެއް ލިބުނީމާ އެމީހުންނަށް އެއީ 1000 ޕަސެންޓް ފައިދާވާ ވިޔަފާރިއެކެވެ. ރައްޔިތުންނަށްދޭ ހިދުމަތާ ކަރަންޓާ ފެނާ ނަރުދަމާއާއި މަގާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލަކީ ތިމާގެ ޖީބަށް އެއްޗެއް ނުލެވެންޏާ އެއްވެސް އެއްޗެއް ނޫނެވެ. އެކަން ބަރާބަރަށް ޔާމީނަށް އެނގެއެވެ. 

ރޮއެ ހޭރިގެން ގެއަށް ބަދަލުވެ އެއްބަސް ވެފައިވާ ގޮތާއި  ހިލާފަށް ކުޑަދޮރުން ދިދަ ހޫރުވައިގެން ފެށި ގޮތް ގިނަ މީހުން ހަނދާން ހުންނާނެއެވެ. ކިރިޔާ އިސްކޮޅު ޖެހި އަތަށް ފޯނުލިބި މީހުންނަށް ގުޅެން ފެށިތާ ގިނަ ދުވަހެއް ނުވެ، ހިސާބު ދެ އަކުރެއް ލިޔެފަ އޮތް ގޮތުގެ އޮޅުމަކުން ސުޕްރީމް ކޯޓުން މީހާ އެ ހުރީ ހުދު ފޮތި ކޮޅަކަށް ހަދާފައެވެ. 

މިހާރު ރިޔާސީ ކެންޑިޑޭޓަކަށް ވެގެން ވިޔަފާރި ވެރިން އަތުން ކެމްޕޭނަށޭ ބުނެ ފައިސާ ޖަމާ ކުރަމުން އެހެރަ ދައްކާ ޗަރުކޭހުގެ މޮޅުކަން ދެކިބަލާށެވެ. 

އެއްގޮތަކުން ވިއްޔާ އެންމެ ރަނގަޅު ގޮތަކީ މުޅި ނިޒާމް ކިހިއްޔަށް ޖަހާ ވަތަކުތޯ ޝޮޓަކުން ޔާމީނު ވެރިކަމަށް އައުމެވެ. އޭރުން ބާކީ ތިބި އެންމެންނާ، ކޯލިޝަން ލީޑަރުން ކުޑަގޮޅީގައި ވެރިކަން ކުރަން ތިބެދާނެއެވެ.