ޔާމީނަށް ބޮޑު ހިޔާނާތުން ޒައްރެއް ވެސް ނުލިބޭ!
މުޅި ހިޔާނާތަކީ އަލިފުން ޔާއަށް ޔާމީނު ހިންގިކަމެއް
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުވައިގެން ރައީސް ސާލިހަށް ނިސްބަތްކޮށް ހިތުން މޮޅު ވާހަކައެއް ޔާމީނު ބުނެފިއެވެ. އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ރައީސް ސާލިހު ހުންނެވިއިރު އެ ފައިސާ ރައީސް ސާލިހަށް ލިބި ވަޑައި ނުގެން އޮވެ ދާނެކަމަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލު ނުކުރާނެ ކަމަށް ޔާމީނު ބުނީމާ އަންނަނީ ހިންޏެވެ.
ވެރިކަމުގައި އޭރު އޮތީ ޕީޕީއެމެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ޔާމީނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގާފައި އޮތީ ޔާމީނުގެ އާރާބާރުގައި ޔާމީނުގެ ވެރިކަމުގައެވެ. އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރަށް އެ ހިޔާނާތުން ބައެއް ލިބުނު ކަމަށް ގަބޫލު ކުރަންޏާ އެ ބޮޑު ހިޔާނާތުން ރައީސް ޔާމީނަށް ބައިނާޅާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހަކަށް ގަބޫލު ނުކުރެވެންވީ ގޮތެއް ކިޔާދީ ބަލާށެވެ.
ޔަގީނުން ވެސް އެނގޭ ކަމަކީ އޭރު ވެރިކަމުގައި އޮތީ އެމްޑީޕީ ނޫން ކަމެވެ. އެމްއެމްޕީއާރުސީ ކީއްކުރަން ހެއްޔެވެ. އެހެން ތަނެއްގެ ވެސް އެއްވެސް ބާރުވެރިކަމެއް އޭރަކު އެމްޑީޕީއަކަށް ނެތެވެ. ހޮދު ރައްޔިތުންގެ މަޖިލިސް ވެސް އޮތީ ޔާމީނުގެ މުށު ތެރޭގައެވެ. މުޅި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބެން ޖެހޭ ކަމެއްގައި ނޫނީ ޔާމީނަށް މަޖިލިސް ތެރެއިން މަސީހު ލައްވާ ނުކުރުވޭ ކަމެއް ނޯވެއެވެ. އެހެން ކަމުން އެމްޑީޕީ ޕީޖީ ލީޑަރ އޭރު ޔާމީނުމެނަށް މުހިންމެއް ނުވާނެއެވެ. އެހެން ކަމުން އެމްއެމްޕީއާރުސީ ހިޔާނާތުން އެމްޑީޕީ ޕީޖީ ލީޑަރަށް ބައި އަޅަން ޖެހޭ ސަބަބެއް އޮންނަން ޖެހޭ ކަމަކަށް ސަލާމަތް ބުއްދި ގަބޫލެއް ނުކުރެވެއެވެ.
އެހެން ނޫނަސް ޔާމީނު ބުނާ ގޮތުން އޭނާގެ ވެރިކަމުގައި އެއްވެސް ހިޔާނާތެއް ވެފައި އޮތީ އެއްނޫނެވެ. ރަށްރަށާއި ފަޅުތަކާއި ފަރުތަކާއި ގިރިތައް ޓޫރިޒަމްގެ ބޭނުމަށް ދޫކުރީ ކޮރަޕްޝަނެއް ފަސާދައެއް ނެތި ނުލާހިކު އިންސާފުންނެވެ. ޔާމީނުގެ ނައިބަކަށް ހުރި ޖަމީލު ވަކިކޮށް އެ މަގާމަށް އަދީބު ގެނައުމުގައި ޔާމީނުގެ އެއްވެސް ދައުރެއް ނެތެވެ. އަމްދުން ހިޔާނަތެއްގެ ޒައްރެއް ވެސް އެކަމުގައި އޮތީއެއް ނޫނެވެ. ވެރިކަމުގެ އާރަބަރުގައި ހުއްޓާ ދައުލަތުން ބަޔަކު ބިލިޔަން ބިލިޔަނުން ހިޔާނާތްތެރި ވީކަން ޔާމީނަށް ނޭގެއެވެ. ހިޔާނަތުގެ ސެންޓެއްގެ މިންވަރު ވެސް ޔާމީނަށް ނުލިބެއެވެ. އެކަމަކު އިދިކޮޅު ޕީޖީ ލީޑަރަށް އެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން އެގޭނެކަން ރައީސް ޔާމީނަށް އެނގެއެވެ. އެހެންކަމުން މުޅި ހިޔާނާތަކީ އަލިފުން ޔާއަށް ޔާމީނު ހިންގިކަމެއް ކަމާމެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ.
މަހަކު ދެ ލައްކައެއްހާ ރުފިޔާ މުސާރަޔާއި އިނާޔަތަށް ނުލިބޭ ރައީސުލްޖުމްހޫރިއްޔާ ކަމެއްގައި ހުރި ޔާމީނުގެ އަމިއްލަ އެކައުންޓަށް މިލިއަނުން ޑޮލަރު ވަދެ ނިކުތުމަކީ މާބޮޑު ކަމަކަށް ހަދައިގެން އުޅޭ ވަރު ކަމެއް ހެއްޔެވެ. ހަމަގައިމު ވެސް އިދިކޮޅު އެމްޑީޕީ ޕީޖީ ލީޑަރަށް އެމްއެމްޕީއާރުސީ ހިޔާނާތުން ބައި އެޅުނު ކަމަށް ގަބޫލުކޮށް އޭރުގެ ރައީސް ޔާމީނަށް ބޮޑު ހިޔާނާތުން ޒައްރެއް ވެސް ނުލިބޭނެ ކަމަށް ގަބޫލު ކުރާނީ ވާތު ސިކުނޑިއަކުން އެކަންޏެވެ.