ހެޔޮވެރިކަން: ފޮއްދޫގެ ފެނާ ނަރުދަމާ ނިޒާމް ޑިސެމްބަރު މަހު ނިމޭނެ
ފޮއްދޫ ފެނާ ނަރުދަމާގެ މަސައްކަތް ކުރަމުން ގެންދަނީ އެމް.ޑަބްލިޔު.އެސް.ސީ
ނ. ފޮއްދޫގައި ސަރުކާރުން ގާއިމުކުރާ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަ ޑިސެމްބަރު ނިންމާ ލެވޭނެއެވެ. އެރަށު ގެ ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑެތި ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައެވެ.
ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓްތައް މިިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. ފެން އުފެއްދުމަށް ހަދާ ޕްލާންޓް ހައުސްގެ 95 އިންސައްތައް މަސައްކަތް ނިމިއްޖެއެވެ. ފެނާ ނަރުދަމާގެ މައިހޮޅި ވެސް ވަނީ އަޅާ ނިންމާލާފައެވެ. ގެތަކަށް ފެނުގެ ކަނެކްޝަންތައް ވަނީ ވައްދާ ފައެވެ. ފެންމީޓަރު ހަރުކުރުމުގެ މަސައްކަތް މި މަހު ފެށޭނެއެވެ.
ވާރޭ ފެން ނެގުމަށް އަޅާ ހޮޅިލައިންގެ މަސައްކަތުގެ 47 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މިހާރު ކުރަމުން ދަނީ ފެން ރައްކާކުރުމަށް ބަހައްޓާ ތާނގީތައް ރޭވުމުގެ މަސައްކަތާއި ޕްލާންޓްތައް އިސްޓޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތެވެ. ހަމައެއާއި އެކު ނަރުދަމާ ނިޒާމުގެ ޕަންޕް ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތާއި ނަރުދަމާ ކަނެކްޝަން ގެތަކަށް ގުޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ނަރުދަމާ ކަނެޝަން ގުޅުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
އާބާދީ ކުޑަ ބޮޑުމިނެއް ބެލުމެއް ނެތި މި ސަރުކާރުން ކުރިއަށް ގެންދާ ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 450 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރަމުން ގެންދަނީ އެމް.ޑަބްލިޔު.އެސް.ސީ އިންނެވެ.
ފޮއްދޫގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުރެވޭ ކަންކަމުގެ ތެރޭގައި އެ ރަށުގައި 4.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމުކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް އިމްކުރުން ހިމެނެއެވެ. ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެއެވެ.