މާޅޮހުން ހިފެހެއްޓުމެއް ނެތް ޝުކުރު ރައީސަށް
ދުވަހަކު ވެސް ނުހިންގާ ވަރަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް އެބަ ހިންގާ
 
                                އއ. މާޅޮހުގައި ދުވަހަކު ވެސް ނުހިންގާ ވަރަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާކަމަށް އެ ރަށު ކައުންސިލުން ރައީސަށް ދަންނަވައިފިއެވެ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބައްދަލުކުރެއްވީ ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއް ވުމަށެވެ. ވޭތުވެދިޔަ ދިގު ތާރީހުގައި މާޅޮހުގައި ދުވަހަކުވެސް ނުހިންގާ ވަރަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކޮށް މާޅޮހުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ކައުންސިލުން ޝުކުރު ދެންނެވިއެވެ.

މާޅޮހުގެ ތަރައްގީއަށް މި ވަގުތު އެންމެ ބޭނުންވާ ކަމަށް ކައުންސިލުން ފާހަގަ ކުރެއްވި ކަންކަން: 
- މިހާރު ދެމުންދާ ސިއްހީ ހިދުމަތްތައް ތަރައްގީކުރުން.
- ޒަމާނީ މިސްކިތެއް ބިނާކުރުން.
- ލޯކަލް ޓޫރިޒަމް ކުރިއަށްގެންދިއުން.
- އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ހެދުން.
ކައުންސިލުން ފާހަގަ ކުރި ބައެއް ގޮންޖެހުން:
- ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ދަތިތައް.
- ރަށުގެ ކުނި މެނޭޖު ކުރުމަށް ބޭނުންކުރާ ވެހިކަލްއަށް މައްސަލަޖެހުން.
- ރަށުގައި ފަންނީ މީހުން ނެތުން.
- ފަންނީ މީހުން ތަމްރީނު ކުރުމުގައި ހުރި ދަތިތައް.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހުރި ބަޖެޓުގެ ދަތިކަން.

އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. 
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ ބައްދަލުވުމުން ރަށަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެން ދާކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާކަން ޝުކުރުވެރި ކަމާއެކު އއ.މާޅޮހު  ކައުންސިލުން ފާހަގަކުރެއެވެ.
 
                         
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
    
             
    
             
    
             
    
             
    
             
    
             
    
                                        
                                     
    
 
    
 
    
 
    
 
    
 
    
 
    
 
    
