ކޮންމެ މުއައްސަސާއެއްގައި ކޮލެޖެއް

މީހުން ބިނާކޮށް ނިމިގެން ހިދުމަތެއް ދެވޭނީ ކޮން އިރަކުން

ކޮންމެ މުއައްސަސާއެއްގައި ކޮލެޖެއް

ރާއްޖޭގެ ކޮންމެ މިނިސްޓްރީ އަކާއި ކޮންމެ މުއައްސަސާ އަކުން އެބައެއްގެ ދާއިރާއިން ކޮލެޖްތަކާ އެކަޑަމީތައް ހަދައިގެން ދައުލަތުގެ ހަރަދު މިއުޅެނީ ކިހާވަރެއް ކޮށްލާނަމޭ ހިތާހެއްޔެވެ.

ދިވެހި ދައުލަތުން ހިންގާ ގައުމީ ޔުނިވަރސިޓީ އަކާއި އިސްލާމިކް ޔުނިވަރސިޓީއެއް އެބަހުއްޓެވެ. އެ ތަންތާގެ މެންޑޭޓްގެ ތެރޭގައި ދައުލަތުގެ މުއައްސަސާ ތަކަށް ބޭނުންވާ މީހުން އުފެއްދުމުގެ މޮޑިއުލް ތަކެއް ހިމަނައިގެން މީހުން ބިނާ ކުރުމުގެ ވިސްނުން ނެތިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ. ކޮންމެ މިނިސްޓްރީ އަކާއި ކޮންމެ މުއައްސަސާ އަކުން މީހުން ބިނާކޮށް ނިމިގެން ރައްޔިތުންނަށް ހިދުމަތެއްދީ ގައުމު އާރާސްތު ކުރަން އުޅެވޭނީ ކޮން އިރަކުން ހެއްޔެވެ. 

ސިފައިންނާއި ފުލުހުންގެ ހިދުމަތަކީ އެހިދުމަތަށް ވަރަށް ހާއްސަ ތަމްރީނު ތަކެއް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ލިބިގެންނޫނީ ދެވޭ ހިދުމަތެއް ނޫނެވެ. އަމްދުން ހަތިޔާރުގެން ގުޅުމާއި ހަތިޔާރު ބޭނުންކުރުން ފަދަ ކަންކަމަކީ އާއްމު ކޮލެޖެއް ގެތެރެއިން ކުރެވޭ ޒާތުގެ ކަންކަމެއް ނޫނެވެ. އެކަމަށްޓަކާއި ސަލާމަތީ ހިދުމަތްދޭ ތަންތާ ހާއްސަ ތަމްރީނުދޭ މަރުކަޒުތައް ހުއްޓެއްކަމަކު ދައުލަތުގެ ކޮންމެ މުއައްސަސާއެއްގައި ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އެކަޑަމީތައް ހުންނާކަށް ނުޖެހޭނެއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ވަކި މެޑިކަލް ކޮލެޖެއް ހިންގޭވަރު އަދި ނުވާތީ ހެލްތު ސައިންސަސްގެ ދާއިރާއިން ކިޔަވާދެނީ ގައުމީ ޔުނިވަރސިޓީގައެވެ. ޔުނިވަރސިޓީގެ ފެކަލްޓީއަކުން ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރެވެއެވެ. ކިތަންމެ ބޮޑު ގައުމީ ޔުނިވަރސިޓީއެއް ހުއްޓަސް ސިވިލް ސާރވިސް އެކަޑަމީއެއް ހުންނަން ޖެހެއެވެ އެންޓިކޮރަޕްޝަންގެ ދާއިރާއިން މީހުން ބިނާކުރުމަށް އެންޓި ކޮޕަޕްޝަން ކަމިޝަނުން ހިންގާ އެންޓިކޮރަޕްޝަން އެކަޑަމީއެއް ނެތިއެއް ކަމަކު ނުދިޔައެވެ. ބަހާބެހޭ ކަންކަން ކުރުމަށް ބަހުގެ އެކަޑަމީއެއް ނެތިއެއް ކަމަކު ނުދެއެވެ. އަނެއްކާ އުފެދެން އެއުޅެނީ ސަގާފަތު އެކަޑަމީއެވެ.

ބޭނުމަކީ ބަޖެޓުންނާއި ބަޖެޓްގެ ބޭރުން އެކި ނަންނަމުގައި ފައިސާ އެނބުރުމެވެ. ރަނގަޅު ނިޔަތެއް ދައުލަތުގެ ހަރަދު ކުޑަކޮށް އުފެއްދުން ތެރި މުޖުތަމައެއް ބިނާކުރަން އުޅޭނަމަ ކޮންމެ ބަޔަކު ވަކިވަކި ކޮލެޖުތަކާ އެކަޑަމީ ތަކާ އުފައްދައިގެން ރަނބަ ގިރުވާކަށް ނޫޅޭނެއެވެ.