ސްޓެލްކޯ އެދުނީ ބިމަށް ޖާގަ އިތުރުކުރާކަށް ނޫން
އިތުރު ޓްރާންސްފޯމަރެއް ބަހައްޓަން ކޮންމެހެން ޖެހޭ
ވިލިމާލޭގައި ދެވޭ ކަރަންޓްގެ ހިދުމަތް މިހާރަށްވުރެ ވަރުގަދަކޮށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ ކަންކަން ސްޓެލްކޯއިން ދަނީ މެދުނުކެނޑި ކުރަމުންނެވެ. އެގޮތުން އިތުރު ޓްރާންސްފޯމަރެއް ބަހައްޓަން ކޮންމެހެން ޖެހެއެވެެ. އިތުރު ޓްރާންސްފޯމަރެއް ބަހައްޓަން ވިލިމާލޭން 900 އަކަފޫޓްގެ ބިންކޮޅެއް ބޭނުންވެއެވެ. އެބޭނުމަށްޓަކާ ވިލިމާލޭ އިންޖީނުގެއާއި ޖެހިގެން އޮތް ބިންކޮޅެއް ހޯދުމަށް ހުށަހެޅުމުން މާލޭ ސިޓީ ކައުންސިލުން ދިނީ ބީރު ކަންފަތެކެވެ.
މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެކަމަށް ދެކޮޅު ހައްދަވާ އެކަން ވިޔަ ނުދޭން ދެއްކެވި ވާހަކަފުޅުން ކައުންސިލަރގެ ކިބައިގާ ކަރަންޓްގެ ހިދުމަތް ދިނުމާގުޅޭ އެއްވެސް މައުލޫމާތެއް އާޖުފާޖެއް ނެތްކަން ދޭހަވެގެން ދެއެވެ. ސްޓެލްކޯ އިން ވަކި ސަރަހައްދަކުން ބިން ހޯދަން މަސައްކަތް ކުރާނީ ކަރަންޓްގެ ވިއުގަ އޮތް ގޮތުގެ މައްޗަށް ބަލައިގެން ހިދުމަތަށް އެންމެ ފަހިގޮތަކަށް ކަން ނަހުލާއަށް އެނގިވަޑައެއް ނުގަތެވެ. ނަހުލާއަށް ގަބޫލު ކުރެއްވުނީ ސްޓެލްކޯގެ ބިމަށް ޖާގަ އިތުރުކުރުމުގެ ބޭނުމުގައި ކުރާން އުޅޭ ކަމެއް ކަމަށެވެ.
ސަރުކާރުން ދެމުންގެންދާ ކާމިޔާބު އަސާސީ ހިދުމަތްތައް އެގޮތުގައި ދެމުން ގެންދިއުމަކީ ދަ ޑިމޮކްރެޓުންނަށް ހަޖަމް ކުރެވޭނެ ކަމެއް ނޫނެވެ. ވެވުނު ގޮތަކުން ކަންކަން ހުއްޓުވާ ސަރުކާރު ފޭލި ކޮށްލުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކޮންމެވެސް ހަމައެއް އަޅުވައިގެން ދަ ޑިމޮކްރެޓުން ކުރާނެއެވެ. ކުރެވެން އޮތް ދައްޗެއް ކުރާނެއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ސްޓެލްކޯ ކަހަލަ ކުންފުންޏަކުން މާލޭގެ އެކި ސަރަހައްދުން ބިން ހޯދުމަށް އެދޭއިރު ދިގު މުއްދަތުގެ ޕްލޭނެއް އޮންނަން ވާނެ ކަމަށް ބުނެ ބިންދިނުމާ ދެކޮޅުހެދީ އެހެން ވެގެނެވެ. ޓްރާންސްފޯމަރު ބަހައްޓަން ސްޓެލްކޯ އަށް ދޫކުރާ ބިންތަކުގައި ވިޔަފާރި އުސޫލުން ކަންކަން ކުރާ ކަމަށް ސައިފް ތުހުމަތު ކުރެއްވީ އެ ބޭނުމުގައެވެ.
މާލެސިޓީ ކައުންސިލުން ސްޓެލްކޯގެ ބޭނުން ތަކަށް ބިން ދޫނުކުރުމުގެ ސަގާފަތެއް ފަހަކަށް އައިސް ގެންގުޅެނީ އަސާސީ ހިދުމަތް ރަނގަޅު ގޮތުގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރަން ހުރަސް އެޅުމުގެ ގޮތުންނެވެ. މީގެ ކުރިންވެސް ޓްރާންސްފޯމަރ ބެހެއްޓުމަށް ސްޓެލްކޯއަށް ބިން ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ދެކޮޅު ހަދާފައެވެ.