ހެޔޮވެރިކަން: ކުޅުދުއްފުށިސިޓީން 105 ރޯހައުސް ހަވާލުކުރުން
އިތުރު 400 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ވަނީ ފަށާފަ.
އެމްޑީޕީ ސަރުކާރުން 2011 ވަނައަހަރު ކުޅުދުއްފުށީ ސިޓީގައި ތަރައްގީކުރަން ފެށި 165 ރޯހައުސްގެ ތެރެއިން މިހާތަނަށް ދިރިއުޅެން ހަވާލުނުކުރެވި ހުރި 105 ރޯހައުސް ހަވާލުކުރަން ފަށައިފިއެވެ. މީގެ ކުރިން 60 ރޯހައުސްއެއް އޭތަންތަގެ ހައްގު ވެރިންނާ ހަވާލުކޮުރުމުން ވަނީ ދިރިއުޅެން ފަށަފައެވެ.
ކުޅުދުއްފުށީ ސިޓީގައި 165 ރޯހައުސް ތަރައްގީކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ފަށާފައިވަނީ ރަށުގެ 3 ސަރަހައްދެއްގައެވެ. އެ ސަރަހައްދު ތަކަކީ އެ ރަށުގެ ހިއްކި ސަރަހައްދާއި، ޖަލާލުންދީން ސްކޫލު ކސަރަހައްދާއި ހަސަނާތު މިސްކިތް ސަރަހައްދެވެ. އެެކި ސަބަބުތަކާއި ހުރެ މަސައްކަތް ހުއްޓިފައިވާ 105 ރޯހައުސްއެއްގެ މަސައްކަތް ނިންމުމަށް މި ސަރުކާރުން ބަޔަކާ ހަވާލުކުރީ މިދިޔަ އޭޕްރީލްމަހުއެވެ.
ރޯހައުސްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިހާތަނަށް 27 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުން ސިލުން ބުނެއެވެ. ކުޅުދުއްފުށީގައި ތަރައްގީކުރާ ރޯހައުސް ތަކުގެ ތެރެއިން މި ބުރުގައި ހަވަލު ކުރެވޭނީ 85 ރޯހައުސް ކަމަށް ސިޓީކައުން ސިލުން ބުނެއެވެ. އެކި ސަބަބުތަކާ ހެދި މިހާތަނަށް އާއްމުންނަށް ދޫނުކުރެވި ހުރި ރޯހައުސްތައް އަންނަ މަހުގެ ތެރޭގައި ހަވާލުކޮށް ނިންމާލެވޭނެއެވެ.
ކުޅުދުއްފުށީގައި އިމާރާތްކޮށްފައި ވަނީ 3 ކޮޓަރީގެ ރޯހައުސް ތަކެކެވެ. ކޮންމެ ރޯ ހައުސްއެއް ވެސް ހުންނަނީ ދެ ފަންގިފިލާއަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުރިން ދޫކުރި ރޯހައުސް ތަކުގެ ކުއްޔަކީ 3000 ރުފިޔާއެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ އިތުރު 400 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފަށާފައެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާހާނާ ހުންނާނެއެވެ.
މި 400 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.
ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއަކީ މިހާރު ދޫކުރާ ރޯހައުސް ތަކުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް އެ މަސައްކަތާއި ހަވާލުވެ ރޯހައުސްތައް ނިންމާ ދިނުމުގެ މަސައްކަތް ކުރާ ކުންފުންޏެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ބިނާކުރާ މި 400 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރީއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.