އެފްއޭއެމްގެ ޒިންމަދާރު ކަމެއްނެތް
އެފްއޭއެމްގެ ކަރަންޓަށް ޒިންމާވާން ޖެހޭނީ އެފްއެއެމް
އެފްއޭއެމް ހައުސް އަކީ އެފްއޭއެމްގެ ތަނެކެވެ. އެއްވެސް ބަޔަކަށް އެފްއޭއެމްގެ ހައުސްގައި ކަމެއް ކުރެވޭނީ އެފްއޭއެމުން އެކަމެއް ކުރުމަށް ތަން ދިނީމައެވެ. ކޮވިޑް ފެސެލިޓީއެއްގެ ގޮތުގައި ވިޔަސް އެހެން ބައެއްގެ އެހެން ބޭނުމެއްގައި ވިޔަސް އެފްއޭއެމް ހައުސް ބޭނުން ކުރެވޭނީ އެފްއޭއެމުން އެ ކަމެއް އެ ތަނުގައި ކުރުމަށް ހުއްދަ ދިނީމައެވެ.
ބަޔަކަށް އެފްއޭއެމް ހައުސް ދޫކުރާއިރު އެ ތަނުގައި ކަރަންޓް ހުންނަކަމާއި ބޭނުންކުރާ ކަރަންޓަށް ބިލު އަންނާނެކަން އެފްއޭއެމް މެނޭޖުނެންޓަށް ނޭގުމަކީ އަރަތެކެވެ. ތަނެއްގައި ބޭނުން ކުރާ ކަރަންޓާއި ފެނާއި އަދި އެނޫން ވެސް ހިދުމަތަށް އަގުނެގޭ ކަންކަމަށް ބިލު އަންނާނެކަން އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެއެވެ.
ބަޔަކަށް ބޭނުން ކުރަން ތަން ދޫކުރާއިރު އެ މުއްދަތުގައި ހިނގާ ހިދުމަތުގެ އަގު އަދާކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމާފައި އޮތުމަކީ އެފްއޭއެމްގެ ޒިންމާއެކެވެ.
ސްޓެލްކޯއިން ވިޔަސް އެމްޑަބްލިޔުއެސްސީން ވިޔަސް ދިރާގާއި އުރީދޫން ކަމަށް ވިޔަސް ބިލް ކުރާނީ ކޮންޒިއުމާ އަށެވެ. ހިދުމަތް ބޭނުން ކުރީ ކާކުތޯ އެ ތަންތަނަކުން ނުބަލާނެއެވެ. ބަލާކަށް ނުވެސް ޖެހެއެވެ. އެހެން ކަމުން ކަރަންޓް ބޭނުން ކުރިކަމަށް އެފްއޭއެމްގެ ކަރަންޓް މީޓަރުން ދައްކާ މިންވަރަކަށް ހަމަޖެހިފައި އޮންނަ ރޭޓަކުން ސްޓެލްކޯއިން ބިލް ފޮނުވާނީ އެފްއޭއެމަށެވެ. އެފްއޭއެމް ހައުސްއިން ކަރަންޓް ބޭނުންކުރި ބަޔަކާއި އެބަޔަކު އެފްއޭއެމް ހައުސްއިން ކަރަންޓް ބޭނުންކުރި ގޮތެއް އެނގޭނީ އެފްއޭއެމްއަށެވެ. އެކަމަކީ ސްޓެލްކޯއާއި ބެހޭކަމެއް ނޫނެވެ.
އެފްއޭއެމްގެ ކަރަންޓް ބިލުތަކަށް ދައްކަން ޖެހި ނުދައްކާ 6.5 މިލިއަން ރުފިޔާ އެ އޮތީ އެއް ދުވަހަކުން ދެ ދުވަހަކުން ނޫންކަން ޔަގީނެވެ. އެފްއޭއެމް ހައުސް ބޭނުން ކުރި ފަރާތް ތަކަށް ބިލުތައް އަދާކުރުމުގައި އުފުލަންޖެހޭ ޒިންމާއެއް އޮތްނަމަ އެކަން ދުރާލާ ހަމަޖައްސާ ގަވައިދުން ބިލްތައް ދެއްކުމަކީ އެފްއޭއެމް މެނޭޖުމެންޓްއިން ކުރަން ޖެހޭނެ ކަމެކެވެ.
ބިލްތައް ނުދައްކައިގެން ކަރަންޓް ކަނޑާލުމުން ޒިންމަދާރު ކަމެއްނެތް އަމެލެކޭ ބުނެ ސްޓެލްކޯއާއި ދެކޮޅަށް ބަޔާނެއް ނެރުމަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާގެ ޒިންމާދާރުކަމެއް ނެތްވަރު ހާމަވެގެން ދިޔަ ކަމެކެވެ. އެފްއޭއެމް މެނޭޖުމެންޓްގެ ދޯހަޅިކަމާއި ކަމަށް ކަމޭ ނުހިތާ މިންވަރު ދޭހަވެގެން ދިޔަ ކަމެކެވެ. ތިމާމެންގެ ޒިންމާ އަސާސެއް ނެތްގޮތެއްގައި އެހެން ބައެއްގެ ބޮލުގައި އަޅުވާފައި ކަމުން ރެކެން އުޅުމަކީ ހުތުރު ކަމެކެވެ. އެފްއޭއެމެއް ކަމަކު ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ދައްކައިގެން ކަމުން ރެކެން ނުހަދާށެވެ.