ހެޔޮވެރިކަން: އަލިފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުން

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓިސީސީން އެ މަސައްކަތް ކޮށްދެނީ 451.6 މިލިއަން ރުފިޔާއަށް

ހެޔޮވެރިކަން: އަލިފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުން

މި އަހަރުގެ އޮގަސްޓް މަހު ބިން ހިއްކުމުގެ މަސައްކަތް ފެށި ރ. އަލިފުށީ އެއަރޕޯޓްގެ އަމަލީ މަސައްކަތް މިހާރު ފަށައިފިއެވެ. ފުރަތަމަ ފަށާފައި ވަނީ އެއަރޕޯޓްގެ އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތެވެ. އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ %80 ބޭނުންކުރާނީ އެއަރޕޯޓަށެވެ. އަނެއް 10 ހެކްޓަރު ބޭނުން ކުރާނީ ބޯހިޔާވަހިކަމާއި، ރަށުގައި އިގްތިސާދީ މަސައްކަތަކަށް ބިން ދޫކުރުމަށެވެ. ބިން ހިކުމުގެ މަސައްކަތް ނިމެމުންދާވަރަކަށް، އެއަރޕޯޓްގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. 

އަލިފުށީ ބިންހިއްކުމާއި، އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

އަލިފުށީގައި އެއަރޕޯޓު ޕްރޮޖެކްޓަކީ 2 އަހަރު ދުވަހުން ނިންމާ ގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 451.6 މިލިއަން ރުފިޔާއަށެވެ.

އަލިފުށީ އެއަރޕޯޓް މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައި މި ވަނީ އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކެވެ. މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތަކެވެ. ޕްރޮޖެކްޓްގައި ދެން ކުރިއަށް އޮތީ ރަންވޭއެއް އެޅުމާއި ޓެކްސީވޭއާއި އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމުގެ އިތުރަށް ޓަރމިނަލް ބިލްޑިންގެ މަސައްކަތެވެ. އަލިފުށީ އެއަރޕޯޓްގެ ރަންވޭގެ ދިގު މިނަކީ 1200 މީޓަރެވެ.