ޔާމީނަށް މަރުހަބާ ނުކިޔާ ކޮންމެ މީހަކަށް ކުޑަގޮޅި

ގައްދާރުންގެ ލިސްޓް ނަގަން ޔާމީނު ކުރާ ދަތުރު ތަކެއް

ޔާމީނަށް މަރުހަބާ ނުކިޔާ ކޮންމެ މީހަކަށް ކުޑަގޮޅި

ވަޒީފާ އަދާ ކުރާ މުއައްޒަފުން އެމީހުންގެ މަސައްކަތް ހުއްޓާލާފައި ޔާމީނަށް މަރުހަބާ ކިޔަން ދާންޖެހޭ ހެއްޔެވެ. އަމްދުން ސަރުކާރުގެ މުއައްޒަފުން ނިކުމެ މަރުހަބާ ކިޔަން ޖެހޭނީ ޔާމީނަކީ ރައީސުލްޖުމްހޫރިއްޔާ ނަމަތާއެވެ. ސިޔާސީ ޕާޓީއެއްގެ ވެރިއަކު ރަށަށް އަރާ އިރަށް އެ މީހަކަށް މަރުހަބާ ކިޔަން ދާންޖެހޭ ނަމަ މުއައްޒަފުން ވަޒީފާ އަދާ ކުރާނީ ކޮން ގަޑިއަކު ހެއްޔެވެ.

ޔާމީނު އައްޑުއަށް ދިޔަސް އެހެން ތާކަށް ދިޔަސް ޔަމީނަށްޓަކައި ދަތުރު ފަތުރުގެ ނިޒާމުގައި ދުއްވާހާ ބަހަކާ ލޯންޗަކާއި ޔާމީނަށް މަރުހަބާ ކިޔަން މީހުން އުފުލައިދޭން ހުސްވާން ޖެހެނީ ކޮން ހަމައަކުން ހެއްޔެވެ. ޝެޑިއުލް ދަތުރުތައް ހުއްޓާލާ އެ ދަތުރަށްޓަކައި ސަރުކާރުގެ ހުރިހާ އުޅަނދެއް ހާއްސަ ކުރަން ޖެހުނަސް ޖެހޭނީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅެއް ނަމަތާއެވެ. ޔާމީނަކީ މިހާރަކު ރާއްޖޭގެ ރައީސެއް ނޫނެވެ.

ޔާމީނަށް މަރުހަބާ ކިޔަން މީހުން އުފުލަން އުޅަނދު ފަހަރު ހޯދައިގެން މީހުން އުފުލުމަކަށް ހުރަހެއް ނެތެވެ. ވާދަވެރި ސިޔާސީ މަސައްކަތް ކުރުމަށް އެ ވަގުތަކަށް ވެދެއްވެން އޮތް އެހީއެއް މި ސަރުކާރުން ވެދޭނެއެވެ. އެއަށްވުރެ މި ސަރުކާރުގެ ވެރިންގެ ހަން ސިޔާސީ ގޮތުން ބޯވާނެއެވެ. މަރުހަބާ ކިޔަން ދާމީހުން މަދުވެދާނެ ކަމަށް ހީކޮށް މީހުނަށް ނުދެވުނީ ސަރުކާރުން ހުރަސް އަޅައިގެންނޭ ކިޔަން މޮޅެތި ސްޓަންޓް ނުޖަހާށެވެ. ތިޔައިއްޔަކީ ބަޔަކު އަލަކަށް ކުޅޭ ކުޅިއެއް ނޫނެވެ.

ޔާމީނު ރަށް ރަށަށް މިހާރު ކުރަމުން ދާ ދަތުރު ތަކުގައި ބަލާ ލިސްޓު ކުރަމުން ދަނީ ޔާމީނަށް މަރުހަބާ ކިޔަން ނުނިކުންނަ މީހުންނެވެ. ހާއްސަކޮށް ޕީޕީއެމްގެ އެންމެ މީހަކު ވެސް ޔާމީނަށް މަރުހަބާ ކިޔަން ނުނިކުމެ ހުރެއްޖެއްޔާ އެދެން ކަމާ ޖެހުނީއެވެ. ޔާމީނު އަތުގައި އޮންނަ ގައްދާރުންގެ ލިސްޓަށް އެ މީހަކު އެރީއެވެ. އެ ލިސްޓަށް އަރައިފި މީހެއްގެ ވަންހަ ދިލަކޮޅުގެ ޒަމާން އެ ހިސާބުން އެ ދިޔައީއެވެ. ޕާޓީގެ ތެރެއިން ލިބޭ އެއްވެސް ފުރުސަތެއް އެ މީހެއްގެ މުޅި ވަންހަޔަށް ހަރަންވީއެވެ. ވެރިކަމަށް އައުމަށް ފަހު ފްރޭމްކޮށްގެން ވިޔަސް އެ މީހެއްގެ މުޅި ޒިންދަގީ ދުއްވާލަން ޖައްސާނީ ކުޑަ ގޮޅީގައެވެ. ދަރިއެއް އަމައެއް ބަފައެއް ނުބަލާނެއެވެ. އާނއެކެވެ. ޔާމީނަށް މަރުހަބާ ކިޔަން ނުނިކުންނަ ކޮންމެ މީހަކު ނިމިދާނީ ކުޑަ ގޮޅީގައެވެ.