މުއިއްޒަށް ބައިއެޅޭ ކަނޑުހޯދާ ދިރާސާ 5 އަހަރުންވެސް ނުނިމޭނެ!
ވުޖޫދުގައި ނެތް މައްސަލައެއް އުފަންކޮށްގެން ކަނޑު ހޯދުމުގެ ނަމުގައި ދަވާލަނީ ދައުލަތް
ރައީސް ވަށަފަރު މުހައްމަދު ވެރިކަމަށް އައީ ކަނޑެއް ގެއްލިގެން އެ ކަނޑު ހޯދާދޭނެ ކަމަށް ބުނެ ވައުދު ވެގެންނެވެ. މޮރިޝަސްގެ ވެރި މީހާއަށް ކުރީގެ ރައީސް ފޮނުވި ސިޓީއަކުން ދެކުނު ކަނޑު ވިއްކާލިކަމަށް ބުނެ ދޮގު ހަދައިގެންނެވެ. ވަށަފަރު މޮހަނދުމެން އެ ބުނި ކަނޑު ވިއްކާލި ސިޓީއެއް ހާމަ ނުކޮށްގެން ހީވީ އުޑު ބޮލަށް ވެއްޓެން އުޅުނުހެންނެވެ.
ވަށަފަރު މުހަނދުގެ ޅިޔަނު އިބްރާހީމް ޖަނާބު އިސްކޮށްހުރެ ހެދި ޗާގޯސް ކޯލިޝަނުން ކަނޑު ޕެޓިޝަން ހަދައިގެން ޕެޓިޝަން ފެއްތީ ކަނޑެވެ. އެ ޕެޓިޝަން ހުށަހެޅި މަޖިލީހެއް އޮފީހެއް ނެތެވެ. ކަނޑު ޕެޓިޝަނަށް ވީއެއްޗެއްވެ ވެރިކަން ވަށަފަރު މުހައްމަދަށް ލިބުނެވެ. ޖެހިގެން އައި ދުވަހު ގެއްލުނު ކަމަށް ބުނި ކަނޑު ލިބޭނެކަމަށް ހީކުރި ރައްޔިތުންނަށް ހޯދާދިނީ ކަނޑެއް ނޫނެވެ. ވަށަފަރު މުހައްމަދު ކާން ދިނީ ރާކަނި މަހެވެ.
ރައީސް އޮފީހަށް ވަދެވުމުން ނުފެނިގެން އުޅުނު ކަނޑުވިއްކާލި ކަމަށް ބުނި ސިޓީ ބަލާލިއިރު ކަމަކު ދާކަށްނެތެވެ. އެސިޓީގައި ކަނޑާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. ގަތްލަދުން އެއްކަލަ ސިޓީ ހާމަ ނުކޮށް ހިފެހެއްޓީއެވެ. އެކަމަކު އެއްކަލަ ބައިގަނޑު ކުރުނުކުރުމުން އެއްކަލަ ސިޓީ ދައްކައިފިއެވެ. ހަގީގަތް ހާމަވެ ހެދި ދޮގުތައް ބޭޒާރުވެ ކައްޒާބުގެ ލަގަބު ރައީސް މުހައްމަދަށް ލިބިއްޖެއެވެ. ސިޓީގައި ކަނޑުގެ ނަންވެސް ގަނެފާނެތެވެ.
ދުނިޔޭގެ ގާނޫނަށް ގޮންޖަހާ އިސްތިއުނާފު ކުރުމުގެ ފުރުސަތުނެތް އިޓްލޮސްގެ ނިންމުން ބަދަލު ކުރާނެ ކަމަށް ބުނެ ފޮނިކެނޑިއެވެ. އިންސާފާއި ހަމައިން ދުނިޔޭގެ ގާނޫނުތަކާއި އެއްގޮތަށް ދުނިޔޭގެ ކޯޓަކުން ނިންމަފައިވާ ނިންމުމެއް ބަދަލު ކުރާނެކަމަށް ބުނެ އަނެއްކާވެސް ރައްޔިތުންނަށް މުހައްމަދު އޮޅުވާލީއެވެ. ވެރިކަމަށް އެރިފަހުން އަށްމަސްވީއެވެ. އެނބުނާ ގެއްލުނު ކަނޑެއް ހޯދަން ކުރިކަމެއް ކުރެވުނު ކަމެއް ހަރާމުން ހަރާމެވެ.
ކަނޑުން ގެއްލުނު ބައި ހޯދާށޭ ކިޔައިގެން ކޮންބައެއްކަން ނެނގޭ ބަޔަކުލައްވާ ބޮޑުއަގު ދީގެން އިޓްލޮސްގެ ނިންމުން ބަދަލު ކުރެވޭނެ ގޮތެއް އޮތްތޯ ބަލަނީ ޔޯލައެވެ. 8 މަސް ވެގެން ދިޔައިރުވެސް އެބުނާ ބެލުމެއް ބާލާ ނުނިމެއެވެ. މަހުން މަހަށް އެބަޔަކަށް ދައުލަތުން މިލިޔަން މިލިޔަނުން އެބަ ހަރަދުކުރާ ކަމަށްވެއެވެ. ރައީސް މޮހަނދާއި ބަންޑާރަ އުޝާމަށް ބައިއެޅޭ ކަނޑުހޯދާ ދިރާސާ ފަސް އަހަރުގެ ދައުރު ނިމޭ އިރުވެސް ނުނިމޭނެތާއެވެ. ކަނޑު ހޯދުމުގެ ވަހަކައަކިވެސް ދައުލަތް ދަވަލަން އޮތް ކުރު މަގެއް ވިއްޔާއެވެ.
ވަށަފަރު މުހައްމަދު ވެރިކަން ހޯދަންވީ ގަދަ ހަތަރު ވައުދުން އެއްވައުދަކީ ކަނޑު ހޯދުމެވެ. އެކަމަކު ކަނޑު ހޯދުމުގެ ވާހަކަ ހަނދާން ހުރި ހަމަ އެކަކު މިހާރަކު ނެތެވެ. ވުޖޫދުގައި ނެތް މައްސަލައެއް އުފަންކޮށްގެން ކަނޑު ހޯދުމުގެ ނަމުގައިވެސް ރައީސް ވަށަފަރު މުހައްމަދު ދަވާލަމުން އެދަނީ ދައުލަތެވެ.