ނަޝީދުގެ ނުލަފާކަމާ ޖެހުމުން މަޖިލީހެއް ކޯޓެއް ނޯންނާނެ!
ދަ ޑިމޮކްރެޓްސް ތަދައްހުލުވީ ޝަރީއަތް ހަރާބުކޮށް ވަގުތު ދަންމާލުމަށް
ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް އެހެން ބަޔަކު ތަދައްހުލު ވަނީ އެކަމެއްގައި އެބައެއްގެ މަސްލަހަތު އޮތް ނަމައެވެ. އެ މައްސަލައެއް ނިމޭގޮތަކުން އެބަޔަކަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ވެދާނެ ކަމަށްޓަކައެވެ. އެމްޑީޕީ މިހާރު ސްޕްރީމްކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައަކީ ދައުލަތުގެ އެއްބާރު ވަކި ދެމީހެއްގެ އަމިއްލަ މަސްލަހަތުގައި އޮބި އަޅުވާ ކޮށި އަރުވަލައިގެން އުޅޭތީ އެކަމަށް ހައްލެއް ހޯދުމަށް ހުށައަޅައިގެން އުޅޭ މައްސަލައެކެވެ.
މައްސަލައިގެ ތެރެއަށް ޕީޕީއެމް-ޕީއެންސީން ވަނީ ވަދެއެވެ. އެކަމުގައި އެދެޕާޓީގެ މަސްލަހަތު އޮވެގެންނެވެ. އިންތިހާބީ ރައީސް ހުވާކުރުމާއި އައު ސަރުކާރުގެ ކެބިނެޓް އެޕްރޫވް ކުރުމާ ރައްޔިތުންގެ މަޖިލީސް ހުއްޓުމާ ގުޅުން އޮތީމައެވެ. އެއީ ރަނގަޅު ނިންމުމެކެވެ.
އެހެން ނަމަވެސް އެމްޑީޕީން ހުށަހަޅައިގެން ސްޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައިގެ ތެރެއަށް ޑިމޮކްރެޓްސް ފާވާންޖެހޭ މަސްލަހަތެއް އަސްލުގައި ނެތެވެ. މަޖިލިސް ހުއްޓިގެން އާއްމުކޮށް އެންމެންނަށް ވާގޮތެއް ނޫނީ ޑިމޮކްރެޓިކްސް އަކަށް ނުވާނެއެވެ. ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ދަ ޑިމޮކްރެޓްސްއަށް ލިބޭނެ ގެއްލުމެއް ނެތެވެ. އެހެން ނޫނަސް ދަ ޑިމޮކްރޭޓްސް ގެ ރޫހު މިހާތަނަށް ވެސް ހުރީ އިތުބާރު ގެއްލިފައިވާ ރައީސަކު ބަހައްޓައިގެން 19 ވަނަ ރައްޔިތުގެ މަޖިލީހުގެ އުމުރު ހަމަކުރާށެވެ.
މަޖިލީހުގެ ރައީސް ކަމުގައި ހުރި ނަޝީދަކަށް މަޖިލީހުގެ 47 މެންބަރުން މިހާރަކު އިތުބާރެއް ނުކުރެވެއެވެ. އެކަން ލިޔެ ސޮއިކޮށް މަޖިލީހަށް އެއޮތީ ކަށަވަރު ކޮށްދީފައެވެ. އެ ހުށަހެޅުން ހުށަހެޅުމުން އުސޫލާ އެއްގޮތަށް ނަޝިދަށް އިތުބާރު އޮތްތޯ ނެތްތޯ ވޯޓަށް އަހައިގެން އެކަން ނިންމާކަށް އެއްވެސް ހުރަހެއް އެއް އިރަކުވެސް ނެތެވެ. ރީތި ގޮތުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ކުރެވެން އޮތްކަމެއް ކުރިޔަ ނުދީ މަޖިލީސް ހުއްޓުވާލައިގެން އުޅެނީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެގަނެގެން އުޅޭ ނަޝީދާއި އީވާއެވެ. އެކި ފަހަރު އެކި ހަމަ އަޅުވައިގެން މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން އުޅެނީ ދަ ޑިމޮކްރެޓްސްގެ އެ ދެމީހުންނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް މަޖިލީހުގެ ރިޔާސަތުން މުހައްމަދު ނަޝީދު ބޭރުނުކޮށް ވާން އޮތް ގޮތެއް ހަދަން ދަ ޑިމޮކްރެޓްސްއަށް ނިސްބަތް ވެގަނެގެން ތިބި މަޖިލިސް މެންބަރުންކޮޅު ވެސް އެތިބެނީ މޮޔަވެފައެވެ.
އެމްޑީޕީން މިހާރު ސްޕްރީމްކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައިގެ ތެރެއަށް ދަ ޑިމޮކްރެޓްސް ފާވީވެސް ޝަރުއީ މަޖިލިސް ހަރާބުކޮށް ވަގުތު ދަންމާލުމަށެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން މައްސަލަ ނިމުނަ ނުދީ ލަސްކޮށް ދެންމުމަށެވެ. މިއަދު ސްޕްރީމް ކޯޓުގައި އެދިޔައީ އޭގެ އެއް އެޕިސޯޑެވެ. ރަނގަޅަށް ތައްޔާރު ނުވެވިގެންނޭ ބުނެ ވަގުތުތަކެއް ބޭކާރު ކޮށްލުވީއެވެ. ސްޕްރީމް ކޯޓުން ހުކުމެއް ނެރުން ވީހާވެސް ފަސްކުރަން މާދަމާ ދައްކަނީ މުޅިން އެހެން ބަހަނާއެކެވެ. ހަމަ ތެދެކެވެ. ރާއްޖޭގެ ޕާލަމަންޓްގެ ހުރުމަތް ކަނޑާ ހިސޯރުކޮށް ވާގި ނައްތާލުމަށްފަހު މިހާރު ދިމާކޮށްފައި އެތިބީ ސްޕްރީމް ކޯޓުގެ ހުރުމަތް ކަނޑާ ކޯޓުތަކުގެ ވާގި ދުއްވާލުމަށެވެ.
ދަ ޑިކޮކްރެޓްސްގެ ބަހަނާ ތަކުން އަރައިގަނެ ސްޕްރީމް ކޯޓުން ނެރެވޭ އަމުރަކީ ނުވަތަ ކުރާ ހުކުމަކީ މުހައްމަދު ނަޝީދަށް ފަހިނޫން އެއްޗަކަށް ވެއްޖެނަމަ އެ އަމުރެއް ނުވަތަ އެ އަމުރެއް ތަންފީޒު ކުރުމަކީ މަޖިލީހުގައި ކުޅަދާނަ ވެގެންވާނެ ކަމެއް ނޫނެވެ. ލަސްކޮށް ފަސްކުރުމާ ނިޒާމު ގެއްލުވާލުމާއި މިހުރީ ހިންގާނެ ކަންކަމެވެ.
މަޖިލީހުގެ ރައީސް ކަމަށް ސަވާރުވެ އިން މުހައްމަދު ނަޝީދުގެ އިތުބާރާ ގުޅޭ ވޯޓެއް ނެގުމަކީ މުޅި މަޖިލީހުގެ 47 މެންބަރުން ކިއްކުރަން ހެއްޔެވެ. ނަޝީދާއި އީވާއާ ނޫން މަޖިލީހުގެ އެހެން ހުރިހާ މެންބަރުން ބޭނުން ވިޔަސް ކުރެވޭނެ ކަމެއް ނޫނެވެ. ނަޝީދުގެ ނުބައި ނުލަފާކަމާ ޖެހުމުން ރައީސުލްޖުމަހޫރިއްޔާއެއް މަޖިލީހެއް ސްޕްރީމް ކޯޓެއް ނޯވެއެވެ.