ސާފު ނަލަ މާލެ: ކުނި އުކާލަން ދޮޅުއަހަރަށް 70 މިލިޔަން ހަރަދުވި!

މާލެއިން ކުނި އުކާލުމަށް މިދިޔަ ދޮޅު އަހަރު ތެރޭގައި އެކަނި ވެސް މާލެސިޓީ ކައުންސިލުން ގާތްގަނޑަކަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ވެފައިވާކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު އެހެން ވިދާޅުވީ ސާފު ނަލަ މާލެ ކެމްޕެއިން ލޯންޖުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އާޓިފިޝަލް ބީޗުގައި ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސާފު ނަލަ މާލެ ކެމްޕެއިނު ލޯންޗު ކޮށްދެއްވީ ވެސް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމްއެވެ. ސާފު ނަލަ މާލެ ކެމްޕެއިނުގައި ޓޫ އޮފް އަސް ބޭންޑު ގެ ބައިވެރިން ތަކެއް ފެނިގެންދާ ހޭލުންތެރިކުރުމުގެ ވީޑިއޯއެއް ވެސް ރިލީޒް ކުރިއެވެ. ވީޑިއޯގައި ދައްކާދެނީ ކުނި އެޅުމުގެ މުޑުދާރު ކަމެވެ.
"ޓޫ އޮފް އަސް"ގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދިޔަ ސާފު ނަލަ މާލެ ކެމްޕެއިން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެންމެން ވެސް ސާފުތާހިރު ބަޔަކަށްވެ، މުޑުދާރު ބަޔަކަށް ނުވާން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ ތިޔަ ހުރިހާ އެންމެންގެ އެއްބާރުލުން. ހުރިހާ އެންމެން ވެސް ސާފުތާހިރު މީހުންނަށް ވެގެން އުޅުން. މުޑުދާރު ބަޔަކަށް ނުވުން،" ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމު ވިދާޅުވި ގޮތުގައި މަގުމައްޗަށް ކުނި ނާޅާކަމަށްވަންޏާ މާލެ ސިޓީގެ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތް ވަރަށް ލުއިވާނެކަމަށާއި ނަގަން އޮންނާނީ ހަމައެކަނި ގަހުން ވެއްޓޭ ފަތްކޮޅު އެކަނި ކަމަށެވެ. އާންމު އަޅާ އެއްޗެހި ނަގާކަށް ނޯންނާނެއެވެ.
ކިތަންމެ އަވިދިނަސް އަދި ވާރޭ ވެހުނަސް މާލެ ސިޓީ ރީއްޗަށް ބޭއްވުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތެއް ކުރާކަން މޭޔަރު އާދަމް އާޒިމް ފާހަގަކުރައްވާ މުއައްޒަފުންނަށް ތައުރީފް ކުރެއްވިއެވެ. ކައުންސިލުގެ މުވައްޒަފުން ފަތިހުފަތިހާ ތެދުވެ މާލެ އަކީ ސާފު ނަލަ މާލެއަކަށް ހެދުމަށް ހުއްޓާނުލާ މަސައްކަތް ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.