ދެ އިންޖީނުގެއެއް ރައީސް ހުޅުއްވާ ދެއްވުން

ފެނަކައިން އަލަށް ބިނާކުރި: ގއ. ނިލަންދޫ އާއި މާމެންދޫ އައު އިންޖީނުގެ

ދެ އިންޖީނުގެއެއް ރައީސް ހުޅުއްވާ ދެއްވުން

ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ތަފާތުނުކޮށް ގާއިމުކޮށް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފައްޓަވާފައި މަސައްކަތްޕުޅުގެ ދަށުން ގއ ނިލަންދޫ އާއި މާމެންދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރި ދެ އިންޖީނުގެ ރަސްމީކޮށް ހުޅުވައްދެއްވީ ހޮދު ރައީސުލްޖުމްހޫރިއްޔާއެވެ.

ދެރަށުގައި ވަކިން އޮތް ރަސްމިއްޔާތު ތަކެއްގައި މި ދެ އިންޖީނުގެ ހުޅުއްވާދެއްވީ 24 ޑިސެމްބަރ 2020 ގައެވެ. ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވާ ދެއްވި މި ދެ އިންޖީނުގޭގައި ވެސް  އަލަށް އިމާރާތް ކުރެވުނު ޒަމާނީ އޮފީސްތަކާއި އިންޖީނުގެއަށް ބޭނުންވާ ހިދުމަތްދޭނެ އެހެނިހެން ވަސީލަތްތަކާ ތަންތަން ހިމެނެއެވެ.

ގއ. ނިލަންދޫ އާއި ގއ. މާމެންދޫގައި ކުރިން ހުރި ދެ އިންޖީނުގެއަކީވެސް 22 އަހަރުވެފައިވާ ހަސްނެތް ތަންތަނެވެ. އެ ދެ އިންޖީނުގެ ބަންދުކޮށް އެންމެ މިޒަމާނުގެ އިންޖީނުގެއަކުން ކަރަންތް ދޭންފެށުމަކީ އެ ދެރަށުގެ ތަރައްގީގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ގއ. މާމެންދޫ އައު އިންޖީނުގޭގައި 1400 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު އެބަ ހުއްޓެވެ. އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޯ ވޮޓުގެ 03 ޖަނަރޭޓަރ ސެޓް އަދި 800 ކިލޯ ވޮޓުގެ 01 ޖެންސެޓް ބެހެއްޓޭގޮތަށެވެ.

ގއ. ނިލަންދޫގެ އައު އިންޖީނުގޭން 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ މި ވަގުތު ލިބެން ހުރިއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯ ވޮޓް ގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށެވެ.

ދެ ރަށުގައިވެސް ކުރީން އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ވިޔަސް އައު އިންޖީނުގެ ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.