ފެނަކައަކީ އާމްދަނީ ހޯދަން އުފެއްދި ކުންފުންޏެއް ނޫން: ރައީސް

ފެނަކައަކީ ދައުލަތަށް އާމްދަނީ ހޯދަން އުފެއްދި ކުންފުންޏެއް ނޫން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެެއެެވެ. ރައީސް މިހެން ވިދާޅުވީ ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅެއް ގައެވެ.
ޖަލްސާގައި ވާހަަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ކުންފުނިތަކަށް މުވައްޒަފުން ލަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އޭގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. ރަައީސް ވިދާޅުވީ ފެނަކައިގެ ވާހަކަ ވަރަށް ގިނަ ބަޔަކު ދައްކަމުންގެންދާ ކަމަށެވެ.
ފެނަކައިން މިހާރު ވެސް ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތާއި ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް ދެމުންގެންދާ ކަމަށާއި އައިސްޕުލާންޓްތައް މަރާމާތު ކުރަނީ އެ ކުންފުނިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފެނަކައިން މާ ބޮޑު ފައިދާއެއް ދައުލަތަށް ހޯދުން ނޫން ކަމަށެވެ. އަދި އެކުންފުންޏަކީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުންޏެއް ކަމަށް ރައީސް ވިދާޅުވިއެވެެ.
"ވީހާ ވެސް ގިނަ ބަޔަކަށް ވަޒީފާ ދީ އެ ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހޭވަރުވީމާ އަޅުގަނޑަށް އެ ނިމުނީ. ފެނަކަ އަކީ ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން، ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ދިނުމާއި އެކީގައި ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތެއް ހޯދައިދިނުން، މިއީ އަޅުގަނޑުމެންގެ ޕުލޭނަކީ." ރައީސް ވިދާޅުވިއެވެ.