އުތުރު ތިލަފަޅަކީ ދިވެހި އަޝްކަރިއްޔާގެ މިލްކެއް
އުތުރު ތިލަފަޅު ބިނާކުރަނީ އިންޑިއާގެ ހިލޭ އެހީގައި
ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާއި ދެމެދު ވަރަށް ގިނަ ކަންތައް ތަކެއްގައި އެއްގައުމު އަނެއްގައުމަށް މިލިޓަރީ ގޮތުންނާއި ސަރަހައްދީ ރައްކާތެރިކަން ދިނުމަށް އެއްބަސް ވަނީ ވެފައެވެ. އުތުރު ތިލަފަޅު އެއްބަސް ވުމަކީވެސް އޭގެ ބައެކެވެ. މި އެއްބަސްވުމުގެ ދަށުން ގާއިމު ކުރެވޭ މިލިޓަރީ ޑޮކްޔާޑް ގާއިމު ކުރެވެނީ އުތުރު ތިލަފަޅުގައެވެ.
އުތުރުތިލަފަޅުގައި ތަރައްގީ ކުރާ މިލިޓަރީ ޑޮކްޔާޑަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީ ކުރާ ތަނެކެވެ. އެތަން ތަރައްގީ ކުރުމުގެ ހުރިހާ މަސައްކަތެއްހެން ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ދިވެހި ސަރުކާރުގެ ސީދާ ބެލުމުގެ ދަށުންނެވެ. ރާއްޖެއާއި އިންޑިއާ އާއި ދެމެދު އެއްބަސް ވެފައިވާ ގޮތަށެވެ. އިންޑިއާގެ ހިލޭ އެހީގައި ބިނާކުރެވޭ މިލިޓަރީ ޑޮކްޔާޑަކީ ސައްތައިން ސައްތަ ދިވެހި ރާއްޖޭގެ ތަނެކެވެ. ބިނާ ކުރުމުގެ މަސައްކަތް ހިނގަމުން ދާއިރު އެ ތަނަށް އައިސްގޮސް އުޅޭ އެންމެންނަކީ ވެސް އެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް އައިސް ގޮސް އުޅޭ މީހުންނެވެ.
ތަނަކީ މިލިޓަރީ ބޭނުމަށް ތައްޔަރު ކުރެވޭ ތަނެއް ކަމުން ބޭނުން ކޮންމެ މީހަކު ބޭނުން ހާއިރަކު އެތަނަށް އައިސް ގޮހެއް ނޫޅެވޭނެއެވެ. އެއްބަސްވުމާ އެއްގޮތަށް އެތަނުގެ މަސައްކަތްތަކާގުޅޭ ގޮތުން އެކަމުގައި އުޅެންޖެހޭ ބަޔަކު އައިސް ގޮސް އުޅޭނެއެވެ. އެގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އައިސް ގޮސް އުޅުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ނުވެސް އޮންނާނެއެވެ.
ހުޅުމާލެ ބުރިޖް އެޅުމުގެ މަސައްކަތް ކުރިއިރު އުސް ފަސްގަންޑު ސަރަހައްދާއި ލޮނުޒިޔާރަތްކޮޅުން ބައެއް އެއްކޮށް ބަންދުކޮށްގެން އެ މީހުން އުޅުނެވެ. ބޭނުން އިރަކު ބޭނުންހާ މީހަކަށް އެތާކަށް ނުވަދެވެއެވެ. އެތާނގައި މަސައްކަތުގައި ޗައިނާގެ އެތައް ސަތޭކަ ބަޔަކު އުޅުނެވެ. ބްރިޖުގެ އެކިކަންކަމާ ގުޅިގެން ޗައިނާގެ އެތައް ބަޔަކު ފޭލިގެ ޖަހައިގެން ބުރިޖާ ދާދި ކައިރީގައި މިހާރުވެސް އެބަތިއްބެވެ. އެތަންތަނަކީ އެކަމުގައި އުޅޭ މީހުން ތިބުމަށް އުސޫލުގެ ތެރެއިން ދޫކޮށްފައި އޮންނަ ތަންތަނެވެ. އެތަންތާކަށް ހިތުހުރި މީހަކު ހިތުހުރި ގޮތަކަށް ވަދެ އެއް ނޫޅެވޭނެއެވެ. އެއީ ކޮންމެހެން އެތަންތަނަކީ މިލިޓަރީ ބޭސްތަކަކަށް ވެގެން ވާގޮތެއް ނޫނެވެ.
އައިޖީ އެމް އެޗް އިމާރާތްކުރި ދުވަސްވަރު އެކަމުގައިވެސް ގިނަ އަދަދެއްގެ އިންޑިއާ މީހުން އުޅުނެވެ. އެ ދުވަސްވަރު އެތަނަކީ އިންޑިއާގެ މިލިޓަރީ ހޮސްޕިޓަލެކޭ ކިޔާ އަޑުފެތުރިއެވެ. އައްޑޫގައި ބިނާކޮށްފައި އެހުރި ޕޮލިސް އެކަޑަމީ ބިނާ ކުރަމުން ދިޔައިރުވެސް އިންޑިއާގެ މިލިޓަރީ ބޭހެއް ކަމަށް ކިޔާ ފިތުނަވެރި ވާހަކަ ފެތުރިއެވެ. އާހިރުގައި އެ ބިޔަ ބިނާ ތަކަކީ ސައްތައިން ސައްތަ ދިވެހި ފުލުުހުންގެ މަރުކަޒެކެވެ. އެތަނަކާ އިއްޑިއާއަކާ ބެހޭ ކަމެއް ނޫނެވެ.
އުތުރުތިލަފަޅުގެ ކަންކަން ވެސް އާހިރުގައި ނިމިގެންދާނީ އެ މަގުންނެވެ. މިނިވަންކަން ގެއްލި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދާކަމަށް ގޮވާ ބަޔަކު ވެރިކަމާހެދި މަރުފަލި ޖަހަނީ މި ހަގީގަތްތައް މިހެން ހުއްޓައެވެ. އުތުރުތިލަފަޅު މިލިޓަރީ ޑޮކްޔާޑް ނިމި ދިވެހި އަސްކަރިއްޔާއިން ބޭނުން ކުރަން ފެށުމުން އެތަނަކީ އިންޑިޔާގެ ބޭހެއް ނޫންކަމާ ދިވެހިންގެ އަމިއްލަ މިލްކެއްކަން ގަބޫލު ކުރެވޭނެއެވެ.