ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދީފައި އަތުލެވޭ އިނާޔަތެއްނޫން
ރާއްޖެއަކީ "އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" ގައި ބައިވެރިވެފައިވާ ގައުމެކެވެ. އައިސީސީޕީއާރު މުއާހަދާގެ 19 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ރާއްޖޭގެ މައްޗަށް ލާޒިމުކަމެކެވެ.
ދައުލަތުގެ މަސްއޫލުވެރިންނަށް ރައްދުވާ ފާޑުކިޔުންތަކުން ނުވަތަ ތުހުމަތުތަކުން އެބޭފުޅުންގެ އަބުރު ސަލާމަތްކުރުމުގެ ނަމުގައި ނެރޭ ހަރުކަށި އަމުރުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަންކަމެވެ. އާންމު މަސްލަހަތާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ހަބަރު ފެތުރުމާއި، ރިޕޯޓްކުރުމާއި އަދި މައުލޫމާތު ދައުރުކުރުން ހަނިކުރުމަށް ރާއްޖޭގެ ކުރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރ" ސަބަބުން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އަދި ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
ހަމައެހެން ހަބަރު ފެތުރުމުގެ ކުރިން އެކަން ހުއްޓުވުމަށް ނެރޭ އަމުރުތަކަކީ "ޕްރަޔާ ރެސްޓްރެއިންޓް" ނުވަތަ ކުރިއާލާ ހުރަސްއެޅުމުގެ އަމަލުތަކެވެ. މިއީ ސެންސަރުކުރުގެ އެންމެ ނުރައްކާތެރި ބާވަތް ކަމުގައި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ މާހިރުން ފާހަގަކުރެއެވެ. ކުރިއާލާ ހުރަސްއެޅުމުގެ ސަބަބުން ނޫސްވެރިކަމަށާއި، އިލްމީ ދިރާސާތަކަށާއި، އަދި ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަން އުފެދި، އަމިއްލައަށް ސެންސަރުވުމުގެ ސަގާފަތެއް އުފެދެއެވެ.
ނޫސް އިދާރާތައް ރެއިޑްކުރުމާއި، ނޫސްވެރިންގެ ތަކެތި ހިފެހެއްޓުމާއި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުމާއި، ދަތުރުފަތުރުގެ މިނިވަންކަން ހަނިކުރުމާއި، އަދި ކޯޓުތަކުން ނެރޭ ސެންސަރުގެ އަމުރުތަކަކީ ޑިމޮކްރެސީ ފަހަތަށް ޖެހެމުންދާކަން ސާފުވަމުންދާކަމުގެ ނިޝާންތަކެކެވެ. ގާނޫނީ ދައުލަތެއްގައި، ސިޔާސީ ނުތަނަވަސްކަމެއްގެ ސަބަބުން ނުވަތަ މުއައްސަސާއަކަށް ލިބިދާނެ ލަދުވެތިކަމަކަށްޓަކައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ގުރުބާންކޮށްގެން ނުވާނެއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދައުލަތުން ބޭނުންވުމުން ދީފައި، ބޭނުންވުމުން އަތުލެވޭނެ އިނާޔަތްތަކެއް ނޫނެވެ. އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ބައިނަލްއަގުވާމީ ގޮތުން ރައްކާތެރިކަން ލިބިގެންވާ، އަދި ޑިމޮކްރެޓިކް ވެރިކަމާއި ޖަވާބުދާރީވަނިވި ނިޒާމެއްގެ އެންމެ ވަރުގަދަ ތަނބެވެ.




