ޕާޓީން ކެނޑި ފާޑުކިޔުން ގާސިމަށް ހަޖަމެއްނުވި
ގާސިމް ނިދާ ތަންމައްޗަށްވެސް ނުކެނޑޭ ވަޒީރުކަމެއް އޮވޭ
ޖުމްހޫރީ ޕާޓީ ދޫކުރައްވާ ބޭބޭފުޅުން އެބޭފުޅުންގެ ރައުޔު ހާމަ ކުރައްވަމުން ގެންދަވާތީ ގާސިމް އިބްރާހީމަކަށް ހަޖަމެއް ނުވިއެވެ. ފަތުއަޑު ކިޔާފައި ޖުމްހޫރީޕާޓީން މީހުން ކެނޑެން ފެށުމުން ހަޖަމެއް ނުވާނެތާއެެވެ. ގާސިމާ ޖުމްހުރީ ޕާޓީގެ ގޮތް އެނގޭނީ ޕާޓީގައި މަސައްކަތް ކުރި މީހުންނަށެވެ. ޔާމީނު ކުރިހާ ވައްކަމުގައި ބައިވެރިވެ ހިތްވަރުދީ އަތްޖަހަން ތިބެފާ ބޮނދަން ޖުމްހޫރީ ޕާޓީއަށް އައިސް ތިބި ބަޔަކު މަތިފަޑީގައި ތިބެ ޖުމްހޫރީ ޕާޓީ ހިސޯރު ނުކޮށް އޮތް ކަމަކަށް ނުވާނެއެވެ. ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިހާބު ބޯމަތިވުމުން ތިލަވާ މަސްއަޅާ ކަންދުފައްޗެއްކަން ނޭނގެނީ ކާކަށް ހެއްޔެވެ.
"ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟" ގާސިމް ވިދާޅުވާއިރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ކޯލިޝަން ހައްދަވައިގެން ނެންގެވުނުހާ މަންފާއެއް ނަންގަވައިގެން ހުންނަވާ ރައީސް ސާލިހުގެ ސަރުކާރަށް ނިސްބަތް ކުރައްވާ ވިދާޅު ނުވަނީ ކޮން އެއްޗެއް ހެއްޔެވެ. ވީކަމެއް ކުރެވުނު ކަމެއް އޮތްކަމަށް ވީހެއްޔެވެ. ސަރުކާރުގެ ކޮންމެ ކާމިޔާބީއަކާ ގުޅުވައިގެން ޖުމްހޫރީއަށް ތައުރީފް ނުކޮށްގެން ވެސް އިރިއިރިލާތީ އުޅުއްވީ ގާސިމް ނޫންތޯއެވެ. ގާސިމް ގެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއްހެން އޮތީ އަމިއްލަފުޅު މުށުގައެވެ. އަވަހާރަ ލައްޕަވާ ތަންމައްޗަށްވެސް ވަޒީރުކަމެއް އެބަ އޮތެވެ.
ޖުމްހޫރީ ޕާޓީ ދޫކޮށްލާ މީހުން ޕާޓީ ދޫކުރަނީ ސަރުކާރުގެ މަގާމުގެ ދިފާއުގައި ކަމަށް ދޭހަވާގޮތަށް ގާސިމް ޓްވީޓެއް ކުރެއްވީމާ ކަންކަމުގައި ކެތްތެރިކަމާ ލީޑަރޝިޕް ނެތްވަރު އެވަރުގެ ކުޑަކަމަކުން ވެސް ހާމަ ވެއެވެ.
އަޖައިބެކެވެ. ގިނަ މީހުން ސިޔާސީ ޕާޓީ އަކާ ގުޅިގެން ސިޔާސީ މަސައްކަތް ކުރަނީ ސިޔާސީ މަގާމު ހޯދާށެވެ. ކޯލިޝަން ހަދައިގެން ސަރުކާރު އެކުލަވާލަނީ ސިޔަސީ މަގާމުތައް ހިއްސާ ކުރާށެވެ. މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިބި މީހުން ރައީސް ސާލިހު ހޮވަން ނޫޅެ ގާސިމް ނޫނީ އެހެން މީހަކު ހޮވަން އުޅެން ޖެހެނީ ކީއްވެގެން ހެއްޔެވެ. ގާސިމު ރައީސް ކަމަށް އަޔަސް ބޮޑުވެގެން ލިބޭނީ ވަޒީރު ކަމެކެވެ. އެހެން ކަމަށް ވަންޏާ މަގާމު ދިފާއުކޮށް ދެވަނަ ދައުރަކަށް ރައީސް ސާލިހު ހޮވައިގެން މަގާމު ކަށަވަރު ކުރުން އެ މީހުނަށް މާ މޮޅެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ ގާސިމް އިބްރާހީމްގެ އަނބިކަބަލުން އައިޝަތު ނަހުލާ ވަޒީރުކަމުން އިސްތިއުފާ ނުދެއްވާ އެ ހުންނަވަނީ ގާސިމްގެ ލީޑަރޝިޕަށްވުރެ ރައީސް ސާލިހުގެ ލީޑަރޝިޕް ވަރުގަދަ ކަމުންތާއެވެ. ނޫނީ އަނބިކަބަލުންނަށް ވަޒީރުކަމުން ލިބިވަޑައިގަންނަވާ މުސާރަފުޅު ސަރުކާރުން ނުހޯއްދަވާ އުޅުއްވޭ ވަރަށްވުރެ ބިކާރީ ބޭފުޅަކަށް ގާސިމް ވަނީތާއެވެ.
ޕާޓީ ދޫކޮށް ސަރުކާރާ ގުޅި ރައީސް ސާލިހަށް ތާއީދުކުރާ ކޮންމެ މީހަކަށް ކުޑައިމީސް ކުރުމުގެ ގޮތުން ވަޒީފައަށްޓަކާ ޕާޓީ ދޫކުރަނީ ކަމަށް ބަޔަކު ބުންޏަސް ޕާޓީ ހަދައިގެން ޕާޓީއަށް ވެރިކަން ހޯދަން އުޅެނީ މަގާމާ އާރާބާރުގެ ބޭނުމުގައި ނޫންކަމަކަށް ނުވާނެއެވެ.