ސާޖީއަށް: ފަސްޓްލޭޑީކަން ދޫކޮށް ސިވިލްސާވަންޓަކަށް ބަދަލުވޭ!
ސިވިލް ސާވަންޓަކަށް ވުމުގެ އިހުތިޔާރު ސާޖިދާއަށް ފުރިހަމައަށް އެބައޮތް
ގިނަ ދުވަހަށް ފަރުވާ ކުރަންޖެހޭ ފިރިޔަކު ހުރި އަންހެން މުއައްޒަފަކު އެދިގެން ފިރިމީހާއަށް ބޭސްކުރަން ރާއްޖޭން ބޭރަށް ގޮސް ހުންނަން ދިގުމުއްދަތުގެ ނޯޕޭ ލީވެއް ނުދެއެވެ. އަމިއްލަ ހަރަދުގައި ނުވަތަ ސަރުކާރުގެ ލޯނު ސްކީމްގެ ދަށުންވެސް ކިޔަވާންދާން ނޯޕޭ ލީވެއް ނުދެއެވެ. ޖެހެނީ ކެނޑިގެން ދާށެވެ. އެކަމަކު މަހާރެހެންދި ވީމާ އުސޫލު ހަދައިގެން 5 އަހަރަށް ލީވް ދެވެއެވެ. ސިވިލް ސާރވިސްގެ މުއައްޒަފުންގެ މައްޗަށް ހިނގާ ހުރިހާ އުސޫލެއް ނުހިނގާ ވަކިމީހަކު ސިވިލް ސާރވިސްގެ މުއައްޒަފެއްގެ ގޮތުގައި ނުހުރެވޭނެއެވެ.
ކޮރަޕްޝަން ފެށެނީ އުސޫލުން ބޭރުން ކަންކަން ކުރަން އުޅޭތީ ކަމަށް ރައީސް އިއްޔެވެސް ވިދާޅުވިއެެވެ. ވަކި މީހަކަށް ހާއްސަ ކޮށްގެން އުސޫލު ހެދުން ކޮރަޕްޝަނަށް ނުވޭހެއްޔެވެ.
ރައީސްގެ އަނބިކަބަލުންނަށްޓަކާ ވަކި ގޮތަކަށް ސިވިލް ސާރވިސްގެ އުސޫލު ބަދަލު ކުރަން ޖެހުމަކީ ސިވިލް ސާރވިސްއަށް ރައީސްގެ އަނބިކަނބަލުން ނުފޫޒު ފޯރުވުމަށް ފުރުސަތު އޮތްވަރު ހާމަ ވެގެންދާ ކަމެކެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އަނބި ކަބަލުންނަކީ ވަޒީފާގެ ގޮތުން އެހެން މީހެއްގެ ކިޔަމަނުގެ ދަށުގައި ހުންނަ މީހަކަށް ވެއްޖެނަމަ ވެދާނެ ގޮތްތައް ވެސް ބައިވަރެވެ. ފަސްޓް ލޭޑީއަކީ ސިވިލް ސާރވިސް މުއައްޒަފެއް ނަމަ އޭނާ ވަޒީފާގެ ގޮތުން ކިޔަމަންތެރިކަން އަދާ ކުރަންޖެހޭ މީހުން ތިބޭނެއެވެ. ފަސްޓް ލޭޑީއަކީ އެފަދަ މީހަކަށް ވެއްޖެ ނަމަ ވެރިއަކު ބޭނުން ވެއްޖެ ކޮންމެ ކޮންމެ ވަގުތެއްގައި ރަސްމީ މަސައްކަތުގައި ފަސްޓް ލޭޑީ ބިޒީ ކޮށްލުވައިގެން ގެންގުޅެވި ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ އެތައް ކަމެއް އަނބިކަބަލުން ނެތިގެން ނުކުރެއްވި ހުންނަވަން ޖެހި ވަޑައިގަތުން ގާތެވެ.
ފަސްޓް ލޭޑީ ނުވަތަ މަހާރެހެންދިއަކީ ރަމްޒީ ބޭފުޅެކެވެ. ސަރުކާރު ހިންގުމުގެ އެއްވެސް ކަމެއްގައި އަމަލީ ގޮތުން އުޅުއްވަން ޖެހި ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާއަށް ކަނޑައަޅާފައި އޮންނަ މުސާރައިގެ %33 އަށްވާ އަދަދަށް މާލީ އިނާޔަތު ލިބި ވަޑައިގަންނަވައެވެ. މަހާރެހެންދިއަށް ވީތީއެވެ.
މިހާރު ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ދިވެހި ދައުލަތުން 33333.33ރ އިނާޔަތުގެ ގޮތުގައި ލިބި ވަޑައިގަންނަވާނެއެވެ. އެއްޔަކީ ކޮންމެ މީހެއްގެ އަނތްބަކަށް ދޭއެއްޗެއް ނޫނެވެ.
ދައުލަތުން އެވަރުގެ އިނާޔަތެއް ރައީސްގެ އަނބިކަނބަލުންނަށް ދެނީ އެހެން ވަޒީފާއެއް އަދާ ނުކުރުވުމުގެ ބޭނުމުގައެވެ. ރައީސަށް ހުސްވެގެން ހުރުމަށް ބާރު އެޅުމަށެވެ. މަސްލަހަތު ފުށުއެރުމަށް ޖާގަ ނުދިނުމަށެވެ. ނުފޫޒުން އެއްކިބާ ކުރުވުމަށެވެ. އެއްވެސް ވަގުތެއްގައި ރައީސް ނޫން އެހެން މީހަކަށް ބޯލަނބާލިޔަ ނުދިނުމަށެވެ. ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިބަތާއި ކަރާމަތް ހިފެހެއްޓުމުގެ ނިޔަތުގައެވެ.
މަހާރެހެންދީގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސިވިލް ސާވިސްގެ މުއައްޒަފެއްގެ ގޮތުގައި އަމަލީކޮށް އުޅުއްވުމަކަށް ފުރުސަތެއް ހަގީގަތުގައި ނެތެވެ. ފަސްޓް ލޭޑީއަށް ވުމުން އެއްޔަކީ ސިވިލް ސާރވަންޓެއް ނޫނެވެ. އެއްވެސް ސިވިލް ސާވަންޓަކަށް ވަކި މީހެއްގެ އަނތްބަކަށް ވުމުން ދައުލަތުން ބޮޑު އިނާޔަތާއި ސެކިއުރިޓީ ދޭންޖެހޭ ގޮތަކަށް ނޯވޭ ނޫންތޯއެވެ.
ޖައްވުގައި އުޅެންޏާ އުޅޭނީ ޖައްވުގައެވެ. ޖައްވުގައި އުޅެމުން ބިމަކު ނޫޅެވޭނެއެވެ. ބިމުގާ އުޅެން ބޭނުމިއްޔާ ޖެހޭނީ އެނބުރި ބިމަށް އަންނާށެވެ. ސާޖިދާއަށް ވިޔަސް އޮންނާނީ އެގޮތެވެ. ފަސްޓް ލޭޑީކަން ދޫކޮށް ސިވިލް ސާވަންޓަކަށް ވުމުގެ އިހުތިޔާރު ސާޖިދާއަށް ފުރިހަމައަށް އެބައޮތެވެ. އެހާ ބޮޑަށް ބޭނުންފުޅު ވަންޏާ އަވަހަށް ފަސްޓް ލޭޑީކަން ދޫކޮށްލައްވާ ސިވިލް ސާރވަންޓަކަށް ބަދަލުވެ ވަޑައިގަންނަވާށެވެ. ފަސްޓް ލޭޑީ ވާން ބޭނުން ބައިވަރު މީހުން އެބަތިއްބެވެ. އެއިން މީހަކަށް އަވަހަށް އެ ފުރުސަތު ދެއްވާށެވެ.