ޔާމީނުގެ ސިއްރު އެޖެންޑާ: އިންތިހާބަކާނުލާ ވެރިކަން ހޯދުން
ޕީޕީއެމް-ޕީއެންސީގެ ޕްލޭން ބީ އަކަށް ޑރ މުއިއްޒު ނުވި.
ޕީޕީއެމް- ޕީއެންސިގައި ބައިބައިވުން ނެތްކަމަށް ދައްކަން ކިތަންމެ ހިތްވަރެއް ކުރިޔަސް ފެންނަނީ ބައިބައިވުމެވެ. ކަފިކަފިވެފައި ވާތަނެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތު އޮތްކަމަށް ގަބޫލުކުރެވުނަސް އެކަން ގަބޫލުކުރާކަން އާއްމުކޮށް ދައްކަން އެ ދެޕަޓީގެ ލީޑަރޝިޕް ބޭނުމެއް ނުވެއެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތު އަތުވެއްޖެނަމަ ވެރިކަން ބޭނުން މީހުން އެތާނގައި މާ ގިނައީއެވެ. މިނިވަންވެ ވަޑައިގަތުމަށްވެސް އެހެން މީހަކަށް ޕާޓީގެ ލީޑަރޝިޕް ދީގެން ނެރެ ވާދަކޮށް ވެރިކަމަށް ގެންނާކަށް ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. އެހެން ކޮންމެ މީހަކު ޔާމީނަށް ސިފަވެ ވަޑައިގަންނަވަނީ މިނިކާ ބާޒުގެ ގޮތުގައެވެ. މުސްކުޅި ސާރިދޯޅުގެ ބިރެއް މިހާރަކު ނެތެވެ.
ރައީސް ޔާމީނު ނެތް ހާލަތެއްގައި ނެރޭނެ މީހެއްގެ ވާހަކަ ޔާމީނު ވިދާޅުނުވެ ސެނެޓްގެ ބޮލަށް ތިންފަހަރު މަތިން ކަނޑާލެއްވީ މިނިކާ ބާޒަަކަށް ފުރުސަތު ނުދެއްވަން ވެގެންނެވެ. އެންމެ ފަހުން ޕީޕީއެމް- ޕީއެންސީގެ ބެކަޕްކެންޑިޑޭޓެއް ގެ ގޮތުގައި ޕީޕީއެމްގެ މީހަކު ނުނެރެ ޕީއެންސީއަށް އެފުރުސަތު ދެއްވީ އޭގެ ފަހަތުގައި އެހެން އެޖެންޑާއެއް އޮވެގެންކަން ސްޕްރީމް ކޯޓުގައި އިއްޔެ އޮތް އަޑު އެހުމުން ނިކަން ރަނގަޅަށް ސާފުވެއްޖެއެވެ.
ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއް އަތުވެއްޖެނަމަ ޕީޕީއެމުން ކެނޑިޑޭޓެއް ނެރުމަށް ފުރުސަތު ހޯދަދޭން ސްޕްރީމް ކޯޓުގައި ޕީޕީއެމުން ރަސްމީކޮށް އެދުނު އެދުމުން ފޮރުވިފައިވާ ސިއްރު ހާމަ ވެއްޖެއެވެ. ރައީސް ޔާމީނު ނެތް ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު އެންމެ ބޮޑީ މޭޔަރު މުއިއްޒަށް ކަމަށް އެންމެން އިއްތިފާގެވެ. އެހެންކަމުން ޔާމީނު ނެތިއްޔާ ޕީޕީއެމްގެ ޗޮއިސް އަކީ މުއިއްޒު ކަމަށް ވެދާނެތީ ޕީޕީއެމުން މުއިއްޒު ބޭރުކޮށްލުމަށް ޔާމީނު ޖެއްސެވި މަޅީގައި ރަނގަޅަށް މުއިއްޒު ޖެހިއްޖެއެވެ.
ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއް އަތުވެއްޖެނަމަ ބެކަޕެއްގެ ގޮތުގައި ޕީއެންސީން ޑރ. މުއިއްޒު އެހުރީ ނެރެފައެވެ. ދެޕާޓީގެ ސެނެޓްގެ އަގުލަބިއްޔަތުންނެވެ. ރީތި ރާގުރާގަށް މުއިއްޒުމެން ސަޕޯޓްބޭސް ހިފެހެއްޓުމަށް ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ޕީޕީއެމް-ޕީއެންސީގެ ޕްލޭން ބީއަކަށް ޑރ މުއިއްޒު ނުވިއެވެ. ސްޕްރީމް ކޯޓުގެ ޝަރީއަތުގެ ތެރެއިން އެކަން ކަށަވަރު ވެއްޖެއެވެ.
ޑރ. މުއިއްޒުއަކީ ޕީޕީއެމަށް ޗޮއިސެއް ނޫންކަމަށް ވެގެން ދިޔައީއެވެ. ދެ ޕާޓީގެ ސެނެޓުން ނިންމި ބެކަޕް ބާކީވެ މަގުމަތިވީއެވެ. ބަތްކައްކާ ކުޅެން ނޫޅުއްވަށޭ ކުރީގެ މެންބަރ މުއާޒު ރަޝީދުމެން އެވިދާޅުވަނީ އެހެން ވެގެންނެވެ. ޕީޕީއެމުން ރައީސް ޔާމީނު ނޫން މީހަކު ދެއްކިޔަސް ދެން ތާއީދު ނުކުރައްވާނެ ކަމަށް މުއާޒު ރަޝީދު ފަދަ ބޭބޭފުޅުން ވިދާޅުވަނީ ގައިމު ކަމެއް ވެގެންތާއެވެ.
ޑރ. މުއިއްޒު ބާކީ ކޮށްލުމުން ރައީސް ޔާމީނު ބޭނުންފުޅު މީހަކަށް ޕީޕީއެމްގެ ޓިކެޓް ފުރޮޅާލެއްވުމަށް ބޮޑުތަނުން ފަސޭހަފުޅުވީއެވެ. ޕީޕީއެމް ޓިކެޓް ދޭން ޔާމީނު ކަނޑައަޅުއްވާ މީހަކަށް ޓިކެޓް ދީގެން ވާދަކޮށް ވެރިކަން ހޯދާ ރައީސް ޔާމީނު މިނިވަންކޮށް އިންތިހާބަކާ ނުލާ އަނބުރާ ރައީސްކަމަށް ވަޑައިގަތުމަށް ކޮއްޓަވާ މަގު ސާފުވީއެވެ. ރައީސް ޔާމީނުގެ ގޮނޑިކޮއްކޮ ދެމީހަކު ރައީސް ކަމަށް އިސްކުރެވިއްޖެނަމަ އިންތިހާބަކާ ނުލާ ކުރުމަގަކުން ރައީސް ޔާމީނަށް ވެރިކަން ހޯއްދެވޭނެއެވެ.
މިސާލަކަށް ޕީޕީއެމްގެ ޓިކެޓްގައި ރައީސް ކަމަށް އަނބިކަބަލުން ފާތުން ނެރެ ނައިބު ރައީސް ކަމަށް ދަރިކަލުން ޒައިން ނެރުއްވާ ވެރިކަން ހޯއްދަވާ ދެއްވާ ރައީސް ޔާމީނު މިނިވަންވެ ވަޑައިގަންނަވާނީއެވެ. ޢޭގެފަހުން ދަރިކަލުން ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމުން ނައިބު ރައިސް ކަމަށް ރައީސް ޔާމީނު އިސްކުރެއްވުމަށްފަހު ރައީސް ކަމުން ފާތުން އިސްތިއުފާ ދެއްވުމުން ޑރ. ވަހީދަށް ވެރިކަން ލިބުުނުގޮތަށް ރައީސް ޔާމީނަށް ރައީސްކަން ލިބި ވަޑައިގަންނަވާނެއެވެ. ކިހާސާފު ކުރު މަގެއް ހެއްޔެވެ.
ކިހާސަޅި ހެއްޔެވެ. ގާނޫނީ ހުސްކަމެއް ނައިސް އިންތިހާބަކާނުލާ ގާނޫނުގެ ތެރެއިން އެންމެ ކުރުމަގުން ރައީސް ޔާމީނަށް ވެރިކަން ހޯއްދެވޭނެ ގޮތަކީ އެއީއެވެ. އެ ފުރުސަތު ދިވެހި ރައްޔިތުން ދީފާނެ ހެއްޔެވެ. މުއިއްޒު ބާކީކޮށްލާ އެކަހެރިކޮށްލައިގެން ޕީޕީއެމް-ޕީއެންސީގެ ތެރެއިން ޔާމީނު ބޭނުންފުޅުހާ ގޮތަކަށް ކަންފަހިވެދާނެ ހެއްޔެވެ. ބަލަން ތިބެމާ ހިނގާށެވެ.