ޝަރުތު ފުރިހަމަ ނުވުމާ ހައްގު ހަނިކުރުން

ހިތުހުރި ކަމެއް ހިތުހުރިގޮތަކަށް ކުރުމަކީ އަސާސީ ހައްގެއް ނޫން

ޝަރުތު ފުރިހަމަ ނުވުމާ ހައްގު ހަނިކުރުން

ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގު ހަނިކުރުމުގެ ވާހަކަ ރައީސް ޔާމީނުގެ ކެންޑިޑެސީ އިލެކްޝަނުން ބަލައި ނުގަތުމުން ނިކަން ބާރަށް އެބަ ދައްކައެވެ. އެހެން އެދައްކާ ވާހަކަތަކުގެ ގާނޫނީ ފަރުވާއަކީ ސްޕްރީމް ކޯޓެވެ. ގާނޫނީ ފަރުވާ ހޯދަން ކޯޓަށް ދިޔުމަކީ ހަމަ ރަނގަޅު ކަމެކެވެ.

ކަމަކައިގެން ކޯޓަށް ދިޔުމުގެ ކުރިން ވިސްނާލާންޖެހޭ ކަންކަން ބައިވަރެވެ. ތެދެކެވެ. އިންތިހާބު ތަކުގައި ވޯޓު ލުމަކީ މުތުލަގަށް ކޮންމެ ރައްޔިތަކަށް ލިބިދިފައިވާ އަސާސީ ހައްގެކެވެ. އެކަމަކު މީހަކު ހިތައް އެރިހާ އިރަކުގޮސް ހިތައް އެރިހާ ފޮއްޓަކަށް ހިތައްއެރި ވަރަކަށް ވޯޓެއް ނުލެވެއެވެ. އެކަން ކުރުމަށް ވެސް އުސޫލު ތަކަކާއި ތަރުތީބު ތަކެއް އޮވެއެވެ. އެންމެނަށް ކާކުކަން އެނގޭ މީހަކަސް ވޯޓުލެވޭނީ ކާކުކަން އަންގަދޭ ރަސްމީ ޑޮކިއުމެންޓެއް އޮވެގެނެވެ. އެފަދަ ލިޔުމެއްނެތި ވޯޓުލާން ދިޔުމުން ފުރުސަތު ނުދިނުމަކީ އަސާސީ ހައްގެއް ނިގުޅައިގަތުމަށް ވާނެ ހެއްޔެވެ. ވޯޓު ދިނުމުގެ ހައްގު ލިބެނީ އުމުރުން އަށާރަ އަހަރުވީމައެވެ. އަށާރަ އަހަރުނުވާ މީހަކަށް ވޯޓު ނުދެވޭ ގޮތަށް އޮތުމަކީ އަސާސީ ހައްގުން މަހުރޫމު ކުރުމެއް ނޫނެވެ.

އިންތިހާބު ތަކުގައި ވާދަ ކުރުމުގެ ހައްގު ކޮންމެ މީހަކަށް ގާނޫނު ލިބި ނުދެއެވެ. އިންތިހާބީ އެކި މަގާމު ތަކަށް ކުރިމަތި ލުމަށް އުމުރު ފުރާތައް ކަނޑަ އަޅާފައި ގާނޫނު އަސާސީގައި އޮންނަ އޮތުމަކީ އިންތިހާބުތަކަށް ކުރިމަތި ލުމުގެ އަސާސީ ހައްގުން ވަކި ބަޔަކު މަހުރޫމު ކުރުންކަމަށް ދެކެން ވީހެއްޔެވެ. ހަގީގަތަކީ އިންތިހާބު ތަކުގައި ވާދަކުރުމުގެ ހައްގު ލިބެނީ ވަކިކަހަލަ ޝަރުތު ތަކެއް ފުރިހަމަ ވެގެންނެވެ. އެވާހަކަ ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައި އެބައޮތެވެ. ގާނޫނު އަސާސީގައި ލިޔެވި ބަޔާން ކޮށްފައިވާ މިންވަރަށްވުރެ އިތުރު އެތައް ހައްގެއް ގާނޫނުތަކުން ހަނިކުރެވިފައި ވަކަން އެހުރީ ފެންނާށެވެ. 

ގާނޫނު އަސާސީން ދީފައިވާ އަސާސީ ހައްގެއް ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުން ހަނިކުރުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮވެއެވެ. އެގޮތުން ހަނިކުރާ ހަނިކުރުން ތަކަށް ފުރުސަތު ދީފައި އޮންނަނީ މުޖުތަމައުގެ ސަލާމަތާއި ރައްކަތެރިކަމާއި އިޖުތިމާއީ އަދާލަތަށްޓަކައެވެ. ދައުލަތުގެ ކަންކަމާ ހަވާލުވާ މީހުންނަކީ އިތުބާރުކުރެވޭ ގާބިލު ނަޒާހަތްތެރި ބަޔަކަށް ހެދުމަށްޓަކާ އިންތިހާބީ މަގާމުތަކަށް ވާދަކުރާ މީހުންގެ ކިބައިގާ ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެކަމަށް ކަނޑައަޅާ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ހަނި ކުރުމަކީ މިނިވަން ޑިމޮކްރެޓިކް ހުރިހާ މުޖުތަމައެއްގައިވެސް ކުރާކަމެކެވެ. ކުރަން ޖެހޭ ވެސް ކަމެކެވެ. 

ޝަރުތުތައް ހަމަވެގެން ދައުލަތުގެ ކަމަކާ ހަވާލުވެ ހުއްޓާ މަގާމަށް އައުމަށް ފުރިހަމަވާން ޖެހޭ ޝަރުތެއް ގެއްލިއްޖެނަމަ އެ މީހަކު އެ މަގާމަކުން ވަކިކުރަން ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮންނަނީ އެހެން ވެގެންނެވެ. ދައުލަތުގެ އެކިކަންކަމާ ހަވާލުވާން ނުވަތަ ހަވާލު ކުރަން އުޅޭ މީހެއްގައި ހުންނަން ޖެހޭ ޝަރުތެއް ފުރިހަމަ ނުވުމަކީ އެމީހާގެ އަސަސީ ހައްގެއް ނިގުޅައި ގަތުމެއް ނޫނެވެ. 

އެންމެ އާދައިގެ ދިރިއުޅުމުގެ މިސާލެއް ނަގަމާ ހިނގާށެވެ. ކައިވެނި ކުރުމާ ދަރިން ހޯދުމުގެ ހައްގަކީވެސް މުތުލަގަށް އޮތް އަސާސީ ހައްގެކެވެ. އެހެނެކޭ ކިޔާ މީހެއްގެ އަންބަކާ އަނެއް މީހަކަށް ނުއިދެވެއެވެ. އެންމެން ބޭނުން ވިޔަސް ދެމީހަކު ކިތަންމެ ލޯބިވިޔަސް ބޭނުންވިޔަސް އެކަމެއް ނުވާނެއެވެ. ވާނީ އެކަމެއް ކުރުމަށް އޮތް ހުރިހާ ސަބަބުތައް ފުރިހަމަ ވުމުންނެވެ. އެހެން އެކަންކަން ތަރުތީބުވެފައިވަނީ އެކަންކަމަ ގުޅިގެން ނިކުންނާނެ ނަތީޖާތަކަށް ބެލިގެންނެވެ. ހިތުހުރި ކަމެއް ހިތުހުރިގޮތަކަށް ކުރުމުގެ ނަތީޖާ ނުބައިވާނެތީއެވެ.

އިންތިހާބީ މަގާމުތަކަށް ކުރިމަތިލާ މީހުންނަށް ގާނޫނު އަސާސީއާއި ގާނޫނު ލާޒިމުކުރާ ޝަރުތުތަކުގެ އިތުރަށް އިންތިހާބީ ގާވައިދުތަކުންވެސް އެތައްކަމެއް ފުރިހަމަކުރަން ލާޒިމުކުރެއެވެ. އެއީ ތިމާއާއި އެހެން މީހުންގެ ހައްގުތަކަށްޓަކައެވެ. މިސާލެއްގެ ގޮތުން ބަލަމާ ހިނގާށެވެ. ރައީސް ކަމަށް ފަރުދީގޮތުން މީހަކު ވާދަކުރަން ނިކުންނަންޏާ އެކަމަށް ތާއީދުކުރާ ވަކި އަދަދެއްގެ ބައެއްގެ ސޮއި ހޯދަން ޖެހެއެވެ. މުތުލަގަށް އޮތް ހައްގެއް ނަމަ ވަކިބައެއްގެ ރުުހުން އެކަމަށް އޮތްކަން ސާބިތު ކޮށްދޭން ޖެހޭ ޖެހުމަކީ އަސާސީ ހައްގެއް ހަނިކުރުމަށް ނުވޭހެއްޔެވެ. އެހެނޭ ކިޔަފައި އެ މީހުން ސްޕްރީމް ކޯޓަށް ދުވަންވީ ހެއްޔެވެ.