ފޮރިންސިކް ދަރިވަރަކު ރަހުމުކުޑަކޮށް އަންހެނަކު މަރާލައިފި
ހަށިގަނޑުގެ 78 ތަނަކަށް ވަޅިން ހަމަލާދީފައިވޭ
އެމެރިކާގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ޑެކްސްޓަރ" އަށް ހިތްޖެހިފައިވާ، ފޮރެންސިކް ސައިންސް ކިޔަވަމުންދިޔަ ދަރިވަރަކު، ސޭންޑްވެލް އިން ކުއްޔަށް ހިފާފައިވާ ކޮޓަރިއަކަށް އަންހެނަކު ގެންގޮސް ވަރަށް ރަހުމްކުޑަގޮތަކަށް މަރާލިކަމަށް އިއުތިރާފުވެއްޖެއެވެ.
ބެންޖަމިން ޑޭ ނަމަކަށް ކިޔާ މި މީހާ ވަނީ "ޑެކްސްޓަރ" ސިލްސިލާއަށް އިންތިހާއަށް ޝައުގުވެރިކަން އުފެދި، އުމުރުން 24 އަހަރުގެ މާރިއާ ސަސޭނޫ ކޮޓަރިއަކަށް ގެންގޮސް، ޕްލާސްޓިކް އަޅާފައިވާ އެ ކޮޓަރީގައި އޭނާއަށް ވަޅިން ހަމަލާދީ މަރާލާފައެވެ.
ރެޑިޗްގެ ޔޭޑަން ކްލޯސްއަށް ނިސްބަތްވާ، އުމުރުން 20 އަހަރުގެ ޑޭ އަކީ ޔުނިވަރސިޓީގައި ފޮރެންސިކް ސައިންސް ކިޔަވަމުންދިޔަ، "ޑެކްސްޓަރ" ސިލްސިލާގެ ކެރެކްޓާއަށް ވަރަށް ބޮޑަށް ދެވިހިފާފައިވާ ދަރިވަރެކެވެ.
މި ކުށް ކުރި އިރު އުމުރުން 19 އަހަރުގެ ޑޭ، ކުރިން މި މަރުގެ ތުހުމަތަށް އިންކާރު ކުރި ނަމަވެސް، ވުލްވަހެމްޕްޓަން ކްރައުން ކޯޓުގައި އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގައި ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާގެ މައްޗަށް ހުކުމް ކުރުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހުގެ ފަތިހު 2:20 އެހާކަންހާއިރު، ޓިވިޑޭލްގެ ބެންކްރޮފްޓް ރޯޑުގައި ހުރި ކުއްޔަށްދޭ އިމާރާތެއްގެ ވެރިފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ، އެތަނުން ކޮޓަރިއެއް ކުއްޔަށް ހިފާފައިވާ މީހަކަށް ސިޑިބަރީގެ ތިރިން ލޭ ފެނިގެންނެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ އިމާރާތަށް ގޮސް ބަލައި ފާސްކުރިއިރު، މާރިއާގެ ހަށިގަނޑު ފެނިފައިވަނީ ކޮޓަރީގެ އެނދު ކައިރީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގެ 78 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ. އެ ކޮޓަރީގެ ތަޅުމާއި، ފާރުތަކާއި، އެނދުގައި ޕްލާސްޓިކް ދަމާފައިވާއިރު، އެ ޕްލާސްޓިކްތައް ހަރުކޮށްފައި ހުރީ ސްޓޭޕްލަރ ބޭނުންކޮށްގެން ފާރުގައި ހަރުކޮށްގެންނެވެ.
މީގެ އިތުރުން، ތަފާތު ވައްތަރުގެ ވަޅިތައް އަޅާފައިވާ ކެންވަސް ކޮތަޅަކާއި، ސްޓޭޕްލް ބަޑިއަކާއި، ޑަކްޓް ޓޭޕް އެތަނުން ފެނިފައިވެއެވެ. އަދި ޑޭ ވަނީ އޭޕްރަންއަކާއި، ޕްލާސްޓިކް މޫނު ނިވާކުރާ އާލާތަކާއި، ސާފުކުރަން ބޭނުންކުރާ ތަކެތިވެސް އެއްކޮށްފައެވެ.
ހަމަލާގެ ތެރޭގައި އަތަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް އޭނާ އެ އިމާރާތުން ނިކުމެ ފުލުހުންގެ ކާރެއް ހުއްޓުވިއެވެ. އެވަގުތު އޭނާ ބުނެފައިވަނީ އޭނާއަށް ހަމަލާދިނީ ހިޔަޅެއް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު އިސްކޮށް ހިންގެވި މޭޖަރ ކްރައިމް ޓީމުގެ ޑިޓެކްޓިވް އިންސްޕެކްޓަރ މެޓް މާސްޓަން ވިދާޅުވީ، ޑޭ އަކީ ކަންކަމަށް ވަރަށް ބޮޑަށް ދެވިހިފާ މިޒާޖެއްގެ މީހެއް ކަމަށާއި، އޭނާ ހުރީ "ޑެކްސްޓަރ" ގެ ކެރެކްޓާއަށް ހިތްޖެހިފައި ކަމަށެވެ. އަދި މި މަރު އޭނާ ރާވާފައިވަނީ ވަރަށް ބޮޑަށް ބަލައިގެން، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ ކުއްޔަށް ހިފި ކޮޓަރިއަކަށް، އެއްވެސް ދިފާއެއް ނެތް އަންހެނަކު ގެންގޮސް، ކުރިން ރާވައިގެން ހިންގާފައިވާ ވަރަށް ރަހުމްކުޑަ އަމަލެކެވެ.
ޑޭ ފުލުހުން ހުއްޓުވައި އޭނާގެ އަތަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ނަމަވެސް، ފުލުހުންނަށް އުފެދުނު ޝައްކުތަކާއެކު ވަރަށް އަވަހަށް އޭނާ ބަންދުކުރެވުނެވެ. މި ހާދިސާގެ ތަފްސީލުތަކުގެ ސަބަބުން ތަޖުރިބާކާރު ފުލުހުންނަށްވެސް ބޮޑު ސިހުމެއް ލިބިފައިވާއިރު، މާރިއާގެ އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގައި އެ ފުލުހުން ބައިވެރިވެއެވެ.




