މާޖިދަށް: ކުށްވެރިއަކު ދައުލަތް ހިސޯރުކުރަން ގާނޫނީ ފަރުވާއެއްނޯންނާނެ
ގާނޫނު އަސާސީގައި ސަރީހަކޮށް އޮތީ ދައުލަތުގެ ކަމެއް ކުށްވެރިންނަށް ހަވާލުނުކުރަން
ގާނޫނުއަސާސީގައި ސަރީހަކޮށް އޮތްކަމެއް އެހެން ގޮތަކަށް ފޮރޮޅާލަން އުޅުމުން އެކަން ބޮޑުނުވާ، ބައެއް ގާނޫނީ ވަކީލުންނަށް ބޮޑުވީ މައްސަލައެއް ފައިސަލާ ކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ޝަރީއަތުގެ މަޖިލީހުގައި މުއައްކިލަކާ ސުވާލެއް ކުރުމުންނެވެ.
ކުށެއްގެ އަދަބު ތަންފީޒު ކުރަމުން ރައިސުލްޖުމްހޫރިއްޔާ ކަމަށް ނުވަތަ ޕަބްލިކް އޮފީހަކަށް އާދެވޭ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީގައި ހަމަޖެހިފައެއް ނެތެވެ. ދައުލަތުގެ ކަމަކާ ހަވާލުވެ ހުއްޓާ ކުށްވެރިވިޔަސް ޖެހެނީ އެކަމަކުން އެމީހަކު ދުރުކުރާށެވެ. ކުށްވެރިއަކަށް ދައުލަތުގެ އިންތިހާބީ މަގާމަކަށް ކުރިމަތިލުމަށް ހުރަހެއް ގާނޫނު އަސާސީގައި ސަރީހަކޮށް ނެތްކަމަށް އުސްތާޒު މާޖިދު ފަދަ ވަކީލުންނަށް ހީފުޅުވެ ވަޑައިގަންނެވުމުން އެކަން އޮތީ އެހެންތޯ ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވުމުން މަޖިދުމެން ފަދަ ވަކީލުން ސުވާލު އުފެއްދެވީމާ ހައިރަނެއް ނުވެއެވެ.
ހަމަތެދެކެވެ. މުޅި ގާނޫނު އަސާސީ އޮތީ ކުށްވެރިންނަށް ދައުލަތުގެ އެއްވެސް ކަމަކާ ކައިރިވެވޭ ގޮތަކަށް ނޫނެވެ. ދައުލަތުގެ ކަމަކާ ހަވާލުވެ ހުއްޓާ ކުށްވެރިވިޔަސް އޮންނަނީ އެކަމަކުން ދުރު ކުރާ ގޮތަށެވެ. ގާނޫނު އަސާސީގައި އެއަސްވުރެ ވަކީން ބޮޑަށް ސާފު އެހެން ކަމެއް ނެތެވެ.
ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރކަން ކޮށްފައި ހުންނަ މީހެއް ނިޔަތް ހަރާބުވީމާ ފަނޑިޔާރަކު ކުރާ ސުވާލަކުން ވަކި ހުކުމެއް ނެރުމުގެ ނިޔަތުގައި ސުވާލެއް ކުރީކަމަށް ހީވެދާނެއެވެ. ކުށްވެރިންނަށް ދައުލަތުގެ ކަމަކާ ހަވާލު ނުވެވޭ ގޮތަށް އޮތް އޮތުމަށް ވުރެ ޤާނޫނު އަސާސީގައި ޞަރީޙަކޮށް އެގެން އޮތްކަމެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވިޔަސް މިނިވަން މުއައްސަސާއަކަށް އިސްކުރެވޭ މީހެއްވިޔަސް ކުޑަމިނުން އާދައިގެ ސިވިލް މުއައްޒަފަކަށްވިޔަސް ހުކުމެއް ތަންފީޒު ކުރެވެމުންދާ އެއްވެސް މީހަކަށް ދައުލަތުގެ އެއްވެސް މަގާމަކަށް ކުރިމަތި ލެވޭގޮތަށް ގާނޫނު އަސާސީގެ އަކުރެއް ފިއްޔެއްވެސް ނެތެވެ. ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ އެއްވެސް ގާނޫނެއްގައިވެސް އެކަމަށް ބާރުލިބޭ މާއްދާއެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގައި ހުންނާން ޖެހޭ ޝަރުޠުތަކާމެދު ހިލާފެއް އުފެދި ގެނެއް ނޫޅެއެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ރޫހާ ހިލާފަށް ވަގަކު ދައުލަތް ހިސޯރު ކުރަން އުޅޭ އުޅުމަށް ގާނޫނީ ފަރުވާއެއް ނޯންނާނެއެވެ.