ކޮންމެ ނަމެއްގައި ނިކުތަސް އެ ފިކުރެއް ނުދިރޭނެ!
ނަޝީދުގެ އެންމެ ޕީކްޓައިމް 2013ގައި 2ވަނަ ބުރުންވެސް ނަޝީދަކަށް ވެރިކަމެއް ނުހޯދުނު
ކުރުމަހަށް ކުރުމަސް ކިޔަނީ އެމަހުގެ ކުރުކަމަކުން ނޫނެވެ. ދުވާރަށް ހިނގާރު ނުކިޔަނީ ދުވަން އޮތްތަނަކަށް ވެގެނެއް ނޫނެވެ. ނަންރީތި މަލަށް ނަންރީތިމާ ކިޔަނީ ސިފަވާ މަންޒަރުން ކިޔަންޖެހޭ ނަން ހުތުރު ކަމުންނެވެ. ވަކިވަރަކަށް ވުރެ ބޮޑަށް އޮޓޮކްރޭޓް ވީ މާ ޑިމޮކްރޭޓް ވެސް ކިޔާނެއެވެ.
ރާއްޖޭގައި އަލަށް އުފެދޭ ދި ޑިމޮކްރޭޓްސްގެ ޑިމޮކްރަސީ ދިވެހި ރައްޔިތުން ދަސްކޮށްފިއެވެ. މެޖޯރިޓިއަށް ބޯނުލެނބުމަކީ އެ ޑިމޮކްރޭޓުންގެ ސިފައެވެ. ރިޔާސީ އިންތިހާބުގައި މަތި މައްޗަށް ފޭލިވިޔަސް ރިޔާސީ ޓިކެޓް ވަކި މީހަކަށް ނޫނީ ލިބިގެން ނުވާނެ ކަމަށް ދުށުމަކީ އެ ޑިމޮކްރޭޓުންގެ ހަމައެވެ. ގިނަ ބައެއްގެ ނިންމުމަށް ވުރެ ވަކި މީހެއްގެ ނިންމުމުގެ ބާރު ގަދަވުމަކީ އެ ޑިމޮކްރޭޓުން ގެ ގޮތެވެ. ގާނޫނާ ހަމަޔާ އުސޫލަކީ ވަކި މީހެއްގެ އެވަގުތެއްގެ ބަސް ކަމުގައި ވުމަކީ އެ ޑިމޮކްރޭޓުން ގެ ގާނޫނެވެ. މޮޅެތި ޝިއާރުތަކުގެ ފަހަތުގައި ތިބެގެން ބާރުތައް އަތަށް ކަހާލުމަށް ރައްޔިތުން ވާ ވެއްދުމަކީ އެ ޑިމޮކްރޭޓުން ކުރިޔަށްދާ މަގެވެ. އެހެން މީހުންވާ ގުރުބާނީގެ ކްރެޑިޓް ވަކި މީހަކަށް ދީގެން އެމީހަކީ އެންމެ ބުއްދިވެރި އެންމެ ހިކުމަތްތެރި އެންމެ މުގައްދަސް މީހާކަމަށް ދެއްކުމަކީ އެ ޑިމޮކްރޭޓުންގެ މަސައްކަތެވެ. ދުނިޔޭގައި މިބާވަތުގެ މީހުންނަށް ކިޔާއުޅެނީ ޑިމޮކްރޭޓުންނެކޭ ނޫނެވެ. ޑިކްޓޭޓަރުންނެވެ.
ރޮބަރޓް މުގާބޭއަކީ ވެސް ވަރަށް ޑިމޮކްރެޓިކް ބޭފުޅެކެވެ. ރައްޔިތުން ނިކަން ލޯބިން ވެރިކަން ހަވާލުކުރި ވެރިއެކެވެ. ޑިމޮކްރަސީގެ އޮފުގަދަ ކަމުން އޭރަކު އެރައްޔިތުންނަށް މޮގާބޭގެ ހަގީގީ ސިފައެއް ނޭނގެއެވެ. ޑިމޮކްރަސީގެ ނިވަލުގައި ވެރިކަމުގެ މައްޗަށް ގަދަވެ ގަނެ ރައްޔިތުން މުށުތެރެއަށް ލައްވަން އުޅުއްވަނީ ކަމެއް ރައްޔިތުންނަކަށް ނޭގެއެވެ. އާރާ ބާރު ލިބުން ދުނިޔެ ދުށް އެންމެ ބޮޑު އެއް ޑިކްޓޭރަށް މުގާބޭ ވީ ޑިމޮކްރަސީގެ ނިވަލުން ހޯދި ލޯތްބާއި ބާރުންނެވެ. ރައްޔިތުންނަށް ރޭކާލީއިރު ވަގުތު ފާއިތުވެއްޖެއެވެ. ވާނެ ހައެއްޗެއް ވެ ނިމިއްޖެއެވެ.
މަނޑޭލާ ހެދިގެން ކެނެރީގޭ ނަޝީދުވެސް މަސައްކަތް ކުރީ އެމަގުންނެވެ. އާއިލީ ފޯރުންތެރި ކަމުގެ ފައިދާ ނަގައިގެން ދިރިއުޅުމުގެ ޒިންމާއެއް ނުނަގާ އުޅުނީ ސިޔާސީ ގޮތުން ދެއްކުންތެރި ވާށެވެ. ވެދާނެ ގެއްލުމަކަށް ނުބަލައެވެ. އަމިއްލައަށް ގޯސްތައް ހަދަމުން މިހުންލައްވާ ބޮޑެތިގޯސްތައް ހެއްދީ އަމިއްލަ ނަފްސް މަސްހޫރު ކުރުމަށެވެ. ދަންނަކަމެއް ނުދަންނަކަމެއް ނެތެވެ. އެހުމުން ވައްކަންކޮށްގެން ހޯދާ ތާރީހީ މައުލޫމާތު ބޭނުން ކުރަނީ އެވަގުތަކަށް ޖައްސަން ބޭނުން ކުލައެއް ޖައްސާފައެވެ. އޭރަކު އޮތް ސަރުކާރެއް ނުބައި މީސްކުރުމަށް ގަސްދުގައި ބޮޑެތިގޯސްތައް ހަދާ ޖަލުގެ ތޭރިތަކުގެ ފަހަތަށް އެތައް ފަހަރަކު ދިޔައީ މަންޑޭލާ ހެދިގެންނެވެ. މަސްހޫރުވެ ފިސާރި މީހެއްކަމަށް ދެއްކެން ވެގެނެވެ.
އެވަރު ފޮތްތެރިއެއް އެވަރު ނޫސްވެރިއެއް އެވަރު ލިޔުންތެރިއަކު ހުރިކަމަކަށް ނުވެއެވެ. މީހުންގެ ސަމާލުކަން ހޯދަން އެކި ފަހަރު އެކި ޗަރުކޭސް ކުޅުނީ ގައުމަށާއި މީހަކަށް ލިބިދާނެ ގެއްލުމަކަށް ނުބަލައެވެ. މައުމޫނުގެ ވެރިކަން ބަލިކަށިކޮށްލުމަށް އެކްޓިވިސްޓުން ވަދެ ޖަލުތައް ފުރާލުމަށް ބާރުއަޅާ ބަޔަކު އެމަޅީގައި ޖެއްސިއެވެ. ގައުމުތެރެ ހަލަބޮލިކޮށް ފާލުންނައްޓާ ލުމަށް ދިރިއުޅޭތާ ހުޅުޖެހުމަށް މީހުންނަށް ނަސޭހަތްތެރިވެ ހިތްވަރު ނުދޭ ކަމަކަށް ނުވާނެއެވެ. އެމްޑީޕީ އުފެދި އެމްޑީޕީގެ ވެރިކަމެއްގައި ވެސް ރާއްޖޭގެ ވެރިކަން ނުކުރާނެ ކަމަށް އޭރު ނަޝީދު ބުނަމުން ދިޔައީ އެއްތާކު ދެތާކު ނޫނެވެ. އާހިރުގައި އެމްޑީޕިއަށް ވެރިކަން ލިބުނު އިރު ވެރިކަމުގައި އިނީ ނަޝީދެވެ. ވެރިކަން ހަމަ ލިބުމާއެކު ހަށިޕޮޅާލާ ވެރިކަން ހޯދާދިން ކޯލިޝަން ރޫޅާ ފަޅާއަޅާލިއެވެ. އިންސާފަކީ ހަމަޔަކީ އެވަގުތަކު ނަޝީދަށް ފެނުނު ގޮތެކެވެ.
2006ގައި މައުމޫނު ވެރިކަމުގައި ދެއްވަން ފެއްޓެވި ފޮތްލިސްޓާއި ޖީސީއީ ފީއަކީ ނަޝީދު ކޮށްދިން ކަމަކަށް ހެދިއެވެ. މައުމޫނު ފެއްޓެވި މަދަނަ އިންސުއަރެންސް ނިޒާމް އާސަންދައަށް ބަދަލުކޮށް ހިލޭ ބޭސްފަރުވާ ދިނުމުގެ ނަން ހޯދިއެވެ. މާލޭ ސިނަމާލެ ފްލެޓްތަކުން މައުމޫނު ފާއްޓަވާ ހުޅުމާލެ ހިއްކާ ފްލެޓައި ރޯހައުސް ބިނާކޮށް އެތައް ސަތޭކަބަޔަކަށް ދޫކުރައްވާފައި ވަނިކޮށް ކުއްލިޔަކަށް ފްލެޓް ދޮންބެ ފާޅުވިއެވެ. ދަތުރުފަތުރުން ރަށްތައް ގުޅާލުމުގެ ނަމުގައި ރައްޓެހި ކުދިންލައްވާ ކުންފުނިތަކެއް ހައްދާ ފެރީ ނިޒާމާއި ފެނާ ނަރުދަމާ އެޅުމުގެ ނަމުގާ ކަންކުރުމުގެ ގާބިލްކަމެއް ތަޖުރިބާއެއް ނެތް މީސް މީހުނަށް ފަޅުރަށް ތަކެއް ބަހާލިއެވެ. ދަތުރުފަތރުގެ ނިޒާމް ރަނގަޅަށް ނުހިންގުނުތާ ފެނާ ނަރުދަމާގެ މަސައްކަތް ނުކޮށް ފަޅުރަށްތައް ހޯދި ގިނަ ކުދީންނަށް ރިސޯޓު ނުހެދި ރައްތައް ވިއްކާ ދެމިގެންވާ ބުރައަކަށް ދައުލަތަށް އެކަން ހެދިއެވެ. ކަންމަތީ ފިހާރައިގެ ދަރަނި ކަޑާދޭން ނިކުމެ ޓެކުސް ތައާރަފްކޮށް ކަންމަތީ ފިހާރަތަކާއި ރައްޔިތުމީހާ އަތުން ޓެކޭނެ ނިޒާމެއް ތައާރަފް ކުރިއެވެ. ޕެންސަން ސްކީމްގެ ނަމުގައި ވަޒީފާ އަދާކުރާ އެންމެންގެ މުސާރައިން އެމީހުންގެ ނުރުހުމުގައި ފައިސާ ނެގުމަށް މަޖުބޫރު ކުރުވިއެވެ.
ވެރިކަމުގައި ބޮޑެތިބޮޑެތި ގޯސްތައް ހައްދަވާ ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުންނަށް ދަތިކޮށް ފުރައްސާރަކޮށް ނުބައިނުލަފާކަން ދައްކާ މަގުމަތީ ކޯޓްހަދާ އެއްފަހަރާ ކެބިނެޓް އިސްތިއުފާ ދީ އެންމެ ފަހުން ދައުރުގެ މެދުތެރޭން ވެރިކަމުން އިސްތިއުފާ ދިނީއެވެ. ދޫކޮށްލި ވެރިކަމުގެ ޖަޒްބާތުގައި ރާއްޖޭގެ އެތަން މިތާ ހުޅުޖެހުނީ ހަމަ ހުރެފައެއް ނޫނެވެ. ކުއްލި ދަރުބާރަކުން ފެށި ހިނގާލުން ނިންމާލީ ބޮޑުހުޅުންނެވެ.
ނަޝީދަށް އަނބުރާ ވެރިކަން ހޯދާދޭން 7 އަހަރު އެތައް ހާސް ބަޔަކު މަގުމަތިވެ ގުރުބާން ވިއެވެ. އެތައް ބަޔަކު އުމުރަށް މަސައްކަތް ނުކުރެވޭ ވަރަށް އަނިޔާލިބި ބަނގުރޫޓްވެ ފުނޑުނެވެ. ބައެއް މީހުން މަރުވެ އާއިލާތައް ބިކަވިއެވެ. ނަޝީދު ހުރީ އިނގިރޭސި ވިލާތާއި ދުނިޔޭގެ އެތަން މިތާ މަޝްހޫރުކަން ހޯދަން އުދުހި އުދުހެއެވެ. ގަދަ ހިއްވަރާ ބުރަމަސައްކަތުން 2018ގައި އެމްޑީޕީއަށް ވެރިކަން ލިބެން ވީއިރު ނަޝީދު ހުރީ އަމިއްލައަށް ހެދި ގޯސްތަކާހުރެ ވެރިކަން ކުރުމުގެ ޝަރުތު ގެއްލިފައެވެ. ޖަލު ހުކުމެއްގައެވެ. އިބޫ ސޯލިހަށް ވެރިކަން އެމްޑީޕީން މަތިކުރީ އެހިސާބުންނެވެ. ވަކި އެކަނި މީހަކަށްޓަކައި އެތައް ހާސް ބައެއްގެ އުންމީދާއި ހައްގުގައި ކޮޅުފައިން ނުޖަހާން ވެގެންނެވެ.
ނަޝީދުގެ އެންމެ ޕީކް ޓައިމްގައި 2013 ވަނަ އަހަރު 2ވަނަ ބުރުންވެސް ނަޝީދަކަށް ރާއްޖޭގެ ވެރިކަމެއް ނުހޯދުނެވެ. ނަޝީދުގެ މައްޗަށް ގަދަވީ ޔާމީނެވެ. އެހެނަސް 2018 ގައި ޔާމީނުގެ މައްޗަށް އިބޫ ގަދަވީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އެއްބުރުންނެވެ. ނަޝީދަށް ރާއްޖެ އާދެވި ދައުލަތުގެ އެއްތަނބަށް ވުމަށް ފުރުސަތު ދެއްވީ ރައީސް ސޯލިހެވެ. ނަޝީދުގެ ދެދުނިޔޭގެ ރަހުމަތްތެރި އިބޫ އެވެ. އެކަމަކު ކުރަނީ ކީއްހެއްޔެވެ. ގިތެޔޮއެޅި ގުޅިއަކުން ވަހެއް ނުފިލާނެތާއެވެ. އިބޫ ސޯލިހު ރީތި އަމާން ސުލްހަވެރި ދައުރެއް ނިންމާލަންދެން ވެސް ނަޝީދަކަށް ކެތެއް ނުވިއެވެ. ޕާޓީގެ ހުރިހާ ޑިމޮކްރެޓިކް ވެލިއުތައް މުގުރާލީއެވެ.
ޑިމޮކްރޭޓުންގެ ހަން ގައިގައި ލައްވާފައި އޮޓޮކްރެޓުން ރައްޔިތުން ތެރެއަށް ނެރުނަކަސް އެޖާދޫގައި ޖެހޭ ވަރަށް ވުރެ ދިވެހިން ކުރި ތަޖުރިބާ ސާފެވެ. ފިކުރެއްގެ ދިރުންކިޔަސް އަތޮޅު ސަރުކާރު ކިޔަސް "ދި ޑިމޮކްރޭޓްސް" ކިޔަސް ހިލަނީ އެއްފުޢްގަޑެވެ. ނަޝީދު ނޫން ގޮތެއް ނެތް ކަލްޓެއް އުފަން ކުރުވަނީއެވެ. ކޮންމެ ނަމެއްގައި ނިކުތަސް ފިރުއައުނީ ނިޒާމްގެ ފިކުރެއް ނުދިރޭނެއެވެ.