ބޮކިފަތި ތަކުބީރުން ލިބޭނެ ފަރުވާއެއްނެތް!

ފުޅިބައްތި އަތަށް ލައިގެން މަގުމަތީގައި ތަކުބީރު ނުގޮވާ ވަރެއް ނޫނެވެ. ދިވެހި ބައިތުލްމާލު އޮތީ ފޮރި ބޮއެފައި އޮތް ހިކި މަސްގަނޑެއް ހެންނެވެ. ވަށައިގެން ފެންނަނީ ލޯވަޅުތަކެވެ. އެ ލޯވަޅު ތަކަށް ވަދެ ވަދެފައި ނުކުމެ އުޅޭ ފޮރި ތަކަށް ނަޒަރު ހިންގާލީމެވެ. އެސޮރުމެންގެ ތެރެއިން އެއްބަޔަކު ފިޔަލައިފިއެވެ.
އަނެއްބަޔަކު އަދި ބޮނީއެވެ. މަސްގަނޑު މަތީގައި ދެކޮޅު ދެކޮޅަށް ފިރުކިފައި ބޮނީއެވެ. ފިޔަލީ ސޮރުމެން އުދުހި އުދުހިފައި އައިސް، ގޮސް ވާތަން ފެނެއެވެ. ފަޚުރުވެރިކަމާއެކު މަސްގަނޑު މަށްޗަށް ތިރިކޮއްލާތަން ފެނެއެވެ. އެއްކޮޅުގައި އިންނަ ލޯވަޅުން ވަދެގެން އަނެއްކޮޅު ލޯވަޅުން ނުކުމެ އުދުއްސައިގަންނަ މަންޒަރުން އެސޮރުމެންގެ އުފާވެރިކަން ސިފަ ކުރެވެއެވެ. އެއީ ބައިތުލްމާލުގައި ދޫ ކާއްތާލަން ލިބުމުގެ އުފާވެރިކަމެވެ.
ނަމަވެސް ސަބަބުވެރި ރަށްޔިތުމީހާއަށް ބައިތުލްމާލު ފެނުމުން ގައިން ހީބިހިނަގާނެއެވެ. ލޮލުން ކަރުނަ އަންނާނެއެވެ. އެސޮރުފަކީރުގެ ނިކަމެތި ކަމުންނެވެ. ކަމީނާ ކަމުންނެވެ. މިއީ ޒަމާންތަކަކުން އެފަކީރަށް ޖެހުނު ޙާލެއް ކަމުގައި ވިޔަސް، މިއަދު ގައުމު ހިންގުމާ ޙަވާލުވެ ތިބީ ބައިތުލްމާލަށް ފަރުވާތެރިވެ، ފެންހިލުވާ، އަމާނާތްތެރިކަމާއެކު ލޯވަޅު ބައްދާނެ ކަމުގެ ވަޢުދާ އެކީ ވަޑައިގެންނެވި ފެހި ސިގުނަލްގެ އަހުލުވެރިންނެވެ.
މިފަދަ ނިކަމެތި ކަމުގައި ބައިތުލްމާލު އޮތް އިރު، އަންނަ އަހަރު އެއްބިލިއަން ޑޮލަރު ދަރަނި ދެއްކުމަށް ހޭދަ ކުރަން ޖެހެއެވެ. މިއީ މިހާރު ޑޮލަރުގެ ރޭޓަށް ބަލާއިރު ވިހި ބިލިއަން ދިވެހި ރުފިޔާއެވެ. ދިވެހި ދައުލަތަށް މަހަކު ލިބޭ އާމްދަނީން އެންމެ ރުފިޔާ އެއްގައި ނުޖެހި އެއް އަހަރުވަންދެން ރައްކާ ކުރިއްޔާ ނޫނީ މިޢަދަދު ޖަމަޢެއް ނުކުރެވޭނެއެވެ. މާނައަކީ ބާރަ މަސް ދުވަސްވަހުގެ ތެރޭގައި އަނާ އެއްގެ މިންވަރުވެސް ޚަރަދު ނުކުރެމެވެ.
އާމްދަނީ އިތުރު ކުރެވޭނެ އިތުރު އެއްވެސް ގޮތެއް ފެހިސިގްނަލްގެ އަހުލުވެރިންނަކަށް އަދި ނުހޯދެއެވެ. ދައުލަތުގެ ބާރުތައް އެކެއްގެ މުށުތެރެއަށް ލައިގެން ދައުލަތް ހިންގާ ނިޒާމް ތަކަށް ދުނިޔޭގެ އެއްވެސް މާލީ އިދާރާ އަކުން ފަންޑެއް ނުދޭނެއެވެ. އަދި އެފަދަ ގައުމެއްގައި އިންވެސްޓް ކުރާނެ ބަޔަކުވެސް ނުވާނެއެވެ. ނަތީޖާ އަކަށްވާނީ ގައުމު ބަނގުރޫޓްވުމެވެ.
ބައިނަލް އަޤުވާމީ މީޑިއާގެ ފަލަ ސުރުޚީގައި ދިވެހިންގެ ރާއްޖެ ބަނގުރޫޓް ވުމާ ދިމާލަށް ދަތުރު ކުރަމުންދާ ވާހަކަ ތަކުރާރުކޮށް ދައްކަމުން ގެންދާއިރުވެސް ފެހި ސިގުނަލްގެ އަހުލުވެރީން ތިބީ ޣާފިލު ކަމުގައެވެ. އައި އެމް އެފް ފަދަ ބައިނަލް އަޤުވާމީ މާލީ އިދާރާ ތަކުން ދައުލަތުގެ ޚަރަދުތަށް ކުޑަކޮށް، މާލީ ނިޒާމު އަލުން އިންތިޒާމް ކުރުމަށް ގޮވާލާ ގޮވުން ތަކަށްވެސް ފެހި ސިގުނަލްގެ އަހުލުވެރިންގެ ފުށުން އިޖާބައެއް ނުލިބެއެވެ.
ބަނގުރޫޓް ވުމުގެ ޢަލާމާތްތަށް ފެންނައިރުވެސް ދައުލަތް އިތުރަށް ދަރުވާލަން އަވަދިނެތި އުޅޭ މަންޒަރު ނުފެނޭހެއްޔެވެ؟ ރުފިޔާ ފޮއްޗެއް އަންނަ އަހަރަށް ރައްކާކުރުމުގެ ޙިޔާލު ހުރިމީހަކުވެސް ނެތެވެ. އިސްރާފުތަކުން މާލިއްޔަތު އިތުރަށް ޚަރާބު ކުރަމުން ގެންދާއިރު، ފޮރި އަށް ޖަހާނެ ބޭހެއް ނުހޯދާ ތިބެންވެދާނެ ހެއްޔެވެ؟
މިހާލަތު އޮތް ކަން އެނގި ތިބެ، 28 މިލިޔަން ރުފިޔާ ޚަރަދު ކޮއްގެން ކުޑަ ޢީދުގައި މަގުތަށް ދިއްލުމުގެ އޮތީ ކޮން ބޭނުމެއް ބާއޭ ހިތަށް އަރައެވެ. އެކަމުން ރައްޔިތަކަށް ލިބޭނެ މަންފާއެއް ނޯންނާނެއެވެ. ގައުމުގައި އޮތީ ކަން ދެއްކުމާއި ތިއްތި ދެއްކޭ ފަދަ މާލީ ޙާލަތެއް ވެސް ނޫނެވެ. ފައިބެއަހަރުވެސް އެތަށް މިލިޔަނެއް ޚަރަދު ކޮއްގެން މިކަމެއް ކުޅައެވެ.
އެކަމުން ފައިދާއެއް ވިއްޔާ ވެފައި އޮންނާނީ މި ޕްރޮޖެކްޓް ހިންގައިގެން ނާޖާއިޒު މަންފާ ލިބޭ ބަޔަކަށް އެކަންޏެވެ. ޤައުމު އަނދާ އަޅިއަށްވާއިރު ވެސް މިކަހަލަ މަޝްރޫޢް ތަށް ހިންގަނީ ހަމައެކަނި އެ ސަބަބު އޮވެގެންނެވެ.
މަގު ދިއްލާ، ތަކުބީރު ކިޔާނީ ޤައުމަށް ގެއްލުން ނުވާގޮތަށެވެ. ޢީދު ހަފްލާކޮށް ތަކުބީރު ކިޔާން ކާބަފައިން ބޮޑެތި ⁹އިސްރާފުތައް ކޮއްފައިވާތީ ތާރީޚުން ފެންނާކަށްނެތެވެ. ދިވެހިންގެ ޢުރުފަކީ އަނގައިން ތަކުބީރު ގެ އަޑު އުފުލުމެވެ. ރެކޯޑް ކޮއްގެން އެ އަޑު އިއްވުމެއް ނޫނެވެ. ބޮކިފަތި ތަކުބީރަކީ މުސްލިމުންގެ ސަޤާފަތާ ދުރަށް ގެންދިއުމަށްޓަކައި އީޖާދު ކުރެވުނު ⁰އާލާތެކެވެ.
މާދަމާ ޤައުމު ބަގުރޫޓްވެ އަނގަޔާ އަތާ ދިމާނުވެގެން އުޅޭ އިރު ބޮކިފަތި ތަކުބީރު މަތީން ހަނދާން ހުރި ރަށްޔިތަކު ނުހުންނާނެއެވެ. އަދި ބޮކިފަތީގެ އުފާވެރި ހަނދާނުން ބަނގުރޫޓްގެ ނިކަމެތި ކަން ހިތުން ފިލުވައެއްވެސް ނުލެވޭނެއެވެ. ބޮކިފަތި ތަކުބީރުން ފަރުވާއެއް ލިބޭނޭ މީހަކުވެސް ނުހުންނާނެއެވެ.
މަގު އިތުރަށް ދިއްލާން ކޮންމެހެން ޖެހެންޏާ ކޮންމެ ރަށްޔިތަކު ފުޅި ބައްތިއެއް މަގަށް ނެރޭށެވެ. އެކަމަށް ޚަރަދު ތަކެއް ނުހިނގާނެއެވެ. ތަކުބީރުގެ އަޑުން މަގުތަށް ގުގުމާލަން އެދެންޏާ ރަށްޔިތުން މަގުތަކަށް ނުކުމެ ތަކުބީރު ގެ އަޑުން ޖައްވު ގުގުމާލަންވީއެވެ. އެކަމަކަށް އެއްވެސް ޚަރަދެއް ނުހިނގާނެއެވެ. މިހެން ހެދިއްޔާ ޤައުމަށް ގެއްލުމެއްވާނެހެއްޔެވެ؟ ގައިމުވެސް 28 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. ޤައުމުގައި އޮތީ ފުޅިބައްތި އަތަށް ލައިގެން ރަށްޔިތުން މަގުތަކަށް ނުކުމެ ތަކުބީރު ކިޔާ ޙާލަތެވެ.