ބްލީ ކުރުން ދޫކޮށްނުލާ އެމްޑީޕީ ވެސް މޮޅެއް ނުވާނެ!

އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ހަންނޮޅާލުމަކީ ޑިމޮކްރަސީއެއް ނޫން

ބްލީ ކުރުން ދޫކޮށްނުލާ އެމްޑީޕީ ވެސް މޮޅެއް ނުވާނެ!

އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫނެވެ. އެމްޑީޕީއަކީ މެންބަރޝިޕް ވަކިބައެއްގެ މައްޗަށް ހުއްޓި ހިފެހެއްޓިފައިވާ ޕާޓީއެއްވެސް ނޫނެވެ. އެމްޑީޕީ އުފެއްދި އެންމެންނަކީ މިހާރަކު އެމްޑީޕީ މީހުނެއްވެސް ނޫނެވެ. އެމްޑީޕީއަކީ ފިކުރުގައި ދިރުން ހުރި ޕާޓިއެކެވެ. އުސޫލުތައް ގަބޫލުކޮށް އެމްޑީޕީގައި ހަރަކާތްތެރިވާ ކޮންމެ މީހަކީ އެމްޑީޕީ މީހެކެވެ.

އެމްޑީޕީގެ އަސާސީ ގަވައިދާއި އެއްގޮތަށް މަގާމުތަކަށް ވާދަކުރުމާއި އެމްޑީޕީ ކުރިއަރުވަން މަސައްކަތްކުރުމުގެ ހައްގު އެމްޑީޕީ ކޮންމެ މެންބަރަކަށްމެ ލިބިގެން ވެއެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތަށް ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ހައްގު ވެސް އެމްޑީޕީ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ. ޕާޓީގެ ރަޖިސްޓްރީގައި ނަން އޮވެ ގިނަ ދުވަސްވުމަކުން ނުވަތަ ގިނަ ދުވަސް ނުވުމަކުން މެންބަރަކަށް ލިބިގެންވާ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.

އެމްޑީޕީގެ އުސޫލުތައް ގަބޫލުކޮށް އެމްޑީޕީގެ މަސްލަހަތު ކުރިއަރުވަން މުޅިން އަލަށްގުޅޭ މީހަކުވެސް އެމްޑީޕީގައި ދުވަސްވީ މެންބަރަކަށްވުރެ މަތިވެރި ހިދުމަތްތަކެއް އެމްޑީޕީއަށް ކޮށްދީފާނެއެވެ. އެހަލަ ކިތަންމެ ބަޔަކު އެމްޑީޕީގެ ހަޔާތުގައި ފެނިގެން ގޮސްފައިވެސް އެބަހުއްޓެވެ.

ކުރިން މީހަކު އުޅުނު ޕާޓީއަކުން ވަކިވެ އެމްޑީޕީއާ ގުޅެނީ އެ ޕާޓީއަށްވުރެ އެމްޑީޕީ ރަނގަޅުވުމުންނެވެ. އެމްޑީޕީގައި ތިބެފައި އެމްޑީޕީ ދޫކޮށް ދިޔަ ކިތަންމެ ބަޔަކުވެސް އެބަ ތިއްބެވެ. ދޫކޮށް ދިޔުމަށްފަހު އެނބުރިއައިސް އުޅޭ ކިތަންމެ ބަޔަކުވެސް އެބަ އުޅެއެވެ. މުހިންމީ އެމްޑީޕީގައި އެމީހަކު ހުރެ ދޭ ހިދުމަތަކާއި ދޫކޮށް ދިޔުމަށްފަހު އެމްޑީޕީއާއި މެދު އަމަލުކުރާ ގޮތެކެވެ. 

އެތެރޭގެ އިންތިހާބު ތަކުގައި ވާދަކުރަން މީހަކު ނިކުތުމަކީ އެހެން އުންމީދުވާރުން ބަނޑުނުބައިވެ އެ މީހަކަށް ކުނިފުޅަ ގޮވާ އަބުރުކަތިލާ އިންސާނީ ކަރާމާތް ގެއްލުވާލަންޖެހޭ ސަބަބެއްނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ސިޔާސަތު މެންބަރުންގެ ތެރޭގައި ވިއްކައިގެން މަގުބޫލުކަން ހޯދުމަކަށް ހުރަހެއް އޮތީއެއް ނޫނެވެ. ވަކި ބަޔަކާއެކު ނެތް ކޮންމެ މީހަކީ ދުޝްމަނެއްގެ ގޮތުގައި ދައްކައިގެން އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ހަންނޮޅާލުމަކީ ޑިމޮކްރަސީއެއް ނޫނެވެ. 

އަޖައިބެއް ކަހަލަ ކަމެކެވެ. ޑީއާރުޕީ ދޫކުރައްވާ އޮނަރަބަް ޝާހިދު އެމްޑީޕީ އާއި ގުޅިވަޑައިގެން އެމްޑީޕީގެ ހައްގުގައި ފާޅުކަން ބޮޑުގޮތެއްގައި މަތީފެންވަރުގައި ހިދުމަތް ކޮއްދެއްވާތާ އެތައް އަހަރެއްވީއެވެ. އެހެނެއްކަމަކު ޝާހިދު އަދިވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުން ކަމަކުނުދެޔޯލައެވެ. ރިޔާސީ ޓިކެޓާ ޖެހުމުން ޝާހިދު އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. ފައިސަލް ނަސީމް ވެސް އެމްޑީޕީ މީހަކަށް ނުވިއެވެ. މަޖިލިސްގައި އެމްޑީޕީ ތަމްސީލްކުރާ ޑރ. ޝަމްހީދަކީ ވެސް އެމްޑީޕީ މީހެއް ނޫނޯލައެވެ. މާލެ ސިޓީ މޭޔަރ އާޒިމްވެސް އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. އުފެދުނީއްސުރެ ދެގޮތެއްނުވެ އެމްޑީޕީގެ އިސްސަފުގައި ސިޔާސީ މަސައްކަތްކުރައްވާ އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސްކަން ކުރެއްވި އިބޫ ސޯލިހަކީ ވެސް އަސްލު އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. ކިހާ ވަރުގަދަ އަރަތެއް ހެއްޔެވެ.

ސިޔާސީ ޕާޓީއެއްގެ އެތެރޭގައި އެހާވަރަށް ކުޑައިމީސްކުރުން ބޮޑުވެ ވަކިބައެއްގެ ތެރޭގައި ނުހިމެނޭ އެންމެންނަކީ ތިމާމެންގެ ތެރެއިން ވާބައެއް ނޫންކަމަށް ބުނެ މީހުންގެ ބޯ ދޮއްވުމަށް މަސައްކަތް ކުރުން ހުއްޓާލަންޖެހެއެވެ. ވާދަވެރިކަމުގައި އެކު ނުވެވޭވަރަށް ވަކިވުމަކީ ބަލިކަށިވުމެކެވެ. ގެއްލުމެކެވެ. ވާދަވެރިންނަށް ފަހިކޮށްދޭ ފުރުސަތެކެވެ. އެމްޑީޕީގެ އެތެރޭގައި އަށަގެންފައި ބްލީ ނިޒާމުން މިނިވަންނުވެ ކާމިޔާބީގެ ހުވަފެން އެމްޑީޕީންވެސް ދެކޭނެ ކަމެއް ނެތެވެ.