މުއިއްޒަށް ރިސޯޓް އޯނަރުން ބޮލެއް ނުލެންބޭނެ
ތަންފީޒު ނުވާ ގާނޫނާ ގަވައިދަކާ އުސޫލަކުން ކެކޭނެ ރިހައެއް ނޯންނާނެ
ރިސޯޓް މުއައްޒަފުންނަށް އިންތިހާބީ ރައީސް ފޮނި އުންމީދު ތަކެއް ދެއްވިޔަސް ކަމަކު ނުދާނެއެވެ. އަމަލީ ގޮތުން ނެރެދެއްވަންވީ ނަތިޖާއެވެ. ފުރަތަމަ ދިވެހިންނޭ ނަމެއްގައި ވިދާޅުވުމަކުން ދިވެހިން ފުރަތަމަ ވީކަމަކަށް ނުވާނެއެވެ. ރައީސް ކަމުގައި ހުންނަވައިގެން ރިސޯޓް އޯނަރުންގެ މަސްލަހަތަށްވުރެ ދިވެހި މުއައްޒަފުގެ މަސްލަހަތު އިސްކުރެއްވޭ ވަރުގެ ކެރުންތެރިކަން މުއިއްޒުގެ ކިބައިގައި ހުރެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.
ގާނޫނަކުން ލާޒިމު ނުކޮށް އޯނަރުންނާ މަޝްވަރާކޮށްގެން ރިސޯޓް މުއައްޒަފުންނަށް ރަނގަޅު ގޮތެއް ނުހެދޭނެއެވެ. ހަދާކަށް ފުރުސަތެއް ނުދޭނެއެވެ. އެންމެފަހުން ސަރުކާރުން ޖެހޭނީ ރިސޯޓު އޯނަރުންނާ އެއްކޮޅަށް ދީލާލާށެވެ. ރިސޯޓް މުއައްޒަފުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ގޮތެއް ހަދާ ދިނުމަކީ ސަރުކާރަށް ކުޅަދާނަ ކަމެއް ނޫނެވެ. ގާނޫނަކުން ކުރަން ލާޒިމު ކުރިޔަސް ވާނީ ކުރަންބޭނުން މަދުކަމެއްގެ ކުޑަ މިންވަރެކެވެ.
މުއައްޒަފުންގެ އަސާސީ މުސާރަ އެކަށީގެންވާ މިންވަރެއްގައި ހިފަހައްޓާ ލެވުނީވެސް މިނިމަމް ވޭޖް ގާނޫނުން ލާޒިމު ކުރުމުންނެވެ. އެކަން ބަދަލުނުވެ މިހާތަނަށް އެއޮތީވެސް މުއައްޒަފުންގެ ވަރުގަދަ ކަމުންނެވެ. މުއައްޒަފުން ކިރިޔާ ދުލެއް ދިނަސް އެކަން ބަދަލުކޮށްލާނެއެވެ. ސާރވިސް ޗާޖް ވަކި ގޮތަކަށް ލާޒިމު ކުރުމުން ވެސް ހުރިހާ ރިސޯޓެއްގައި އެއް އުސޫލަކުން އެކަމެއް ނުހިނގައެވެ. ހާއްސަކޮށް ގިނަ ދިވެހި މެނޭޖުމަންޓްތައް އެކަމުގައި އޮތީ ފޭލިވެފައެވެ. ހަމަގަސްދުގައި ފޭލި ކޮށްލަނީއެވެ. މުއައްޒަފުންނަށް ކޮށްދޭން މަޖުބޫރު ކުޑަ މިންވަރަށްވުރެ އިތުރަށް ރަނގަޅު ނުވާނެ ހުރިހާ ގޮތެއް ރޭވިގެން ދަނީ ހަދަމުންނެވެ.
މުޅި ޓޫރިޒަމް އިންޑަސްޓްރީ އޮތީ ރިސޯޓް އޯނަރުން މުއައްޒަފުން ގާނައިގެން އޯނަރުންގެ ޖީބުތައް ފުރާ އިންޑަސްޓްރީއެއްގެ ގޮތުގައެވެ. މުއައްޒަފުންނަށް ރިސޯޓް ހިއްސާ ދޭންވެސް ސަރުކާރުން މަސައްކަތް ކުރިއެވެ. ދެވުނު ހެއްޔެވެ. ނުދެވެއެވެ. ދިނަކަ ނުވެސް ދޭނެއެވެ. ރާއްޖޭގެ ޓައިކޫނުންގެ ކަމަކީ ދައުލަތުގެ މިލްކިއްޔާތު ބޭނުންކޮށްގެން ކުއްޔާ ޓެކްސްގެ ގޮތުގައި ކުޑަ މިންވަރެއް ސަރުކާރަށް ދައްކައިގެން އެ މީހުންގެ ޖީބުތައް ފުރުމެވެ. އެވަރު ބަޔަކު މުއައްޒަފުންނަށް ކޮށްދޭނީ ކޮން ރަނގަޅު ކަމެއް ހެއްޔެވެ.
އަވަށްޓެރި ގައުމުތަކުން ވަޒީފާއަށް މީހުންގެނެސްގެން އެ މީހުންނަށް ކުޑަ އެއްޗެއް ދީގެން ގެންގުޅެނީ ދިވެހިން ލިބެން ނެތިގެނެއް ނޫނެވެ. ދިވެހިންނަށް އުޅެވޭވަރުގެ އާމްދަނީއެއް ލިބޭނެ ގޮތް ހަދައިދީގެން ގެންގުޅުމަކީ ބޭނުންވާ ކަމަކަށް ނުވާތީއެވެ. ބޭރު މީހުން ގެންގުޅެނީ މުއައްޒަފުންނަށް ކުޑަ ހޭދައެއްކޮށްގެން ބޮޑު ފައިދާއެއް ހޯދުމުގެ ބޭނުމުގައެވެ.
ރިސޯޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔާ ޓެކްސް ނުދައްކާ އެކި ބަހަނާ ދައްކާ ދިވެހި މުއައްޒަފުން ވީހާވެސް މަދުން ގެންގުޅެނީ އޮޅިގެނެއް ނޫނެވެ. ކޮންޓްރެކްޓް އުސޫލުން ބޭރުން މުއައްޒަފުން ހޯދުމުން ޕެންޝަނާ މިނިމަމް ވޭޖާ އެހެންހުރި ކަންކަން ކޮށްނުދީ ފަރު ޖައްސާލެވެއެވެ. މުޅި ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މުއައްޒަފުންނާ ގުޅޭ ހުރިހާ ކަމެއްހެން ހިންގަނީ މަކަރާ ހީލަތުންނެވެ. ކަންކަން ކުރަންވީ ރަނގަޅު ގޮތަށް ކުރެވެން ނެތިގެނެއް ނޫނެވެ. ގަސްދުގައި ރަނގަޅު ނުކުރާން ވެގެންނެވެ.
ރިސޯޓް މުއައްޒަފުންނަށް މުސާރަ އިތުރުކޮށްދީ މަސައްކަތުގެ ރަނގަޅު މާހައުލެއް ހޯދާދީ ޗުއްޓީއަށް ރަނގަޅުގޮތް ހޯދާދީ ހައްދަވާ ދެއްވާނެ ކަމަށް މުއިއްޒު ތިޔަ ވިދާޅުވާ "ރަނގަޅު ގޮތް" ސާފުކޮށް ދެއްވަން އެބަ ޖެހެއެވެ. ރިސޯޓުތަކުގެ އިސް މަގާމު ތަކުގައި ދިވެހިން ބައިވެރި ކުރެވޭ ގޮތާއި މިންވަރު ޝައްކެއް ނެތް މިންވަރަށް ސާފުކޮށް ދެއްވަން ޖެހެއެވެ. މުސާރަތަކާ އިނާޔަތްތައް ތަރުތީބު ވެގެން އަމަލީ ގޮތުން ހިނގާތަން ފެންނަން ޖެހެއެވެ.
ހަމަ ތެދެކެވެ. ހަދާ ތަންފީޒު ނުވާ ގާނޫނާ ގަވައިދަކާ އުސޫލަކުން ކެކޭނެ ރިހައެއް ނޯންނާނެއެވެ. ވެރިކަމުގައި ހުއްޓަސް ރިސޯޓު އޯނަރުންނަށް ކަމެއް ލާޒިމު ކުރުވުމުގެ ހިއްވަރެއް މުއިއްޒެއް ކަމަކު ނުހުންނާނެއެވެ.