ގައްސާނު ކުރެއްވީ މުއިއްޒަށް މަލާމާތާ ފުރައްސާރަ
ފިލާހުރެ ރައީސް މުއިއްޒަށް ފާރަވެރިވާ ހަތުރަކީ ރައީސް ޔާމީން!!
އިއްޒަތްތެރި ދިފާއީ ވަޒީރު ގައްސާނު މައުމޫނެވެ. ވެރިމިހާގެ އަރިހުގައި ހުންނަވައިގެން ވެރިމީހާއަށް މަލާމާތްކޮށް ފުރައްސާރަ ކުރެއްވޭނީ ތިޔަހާކަށް ވަރަށެވެ. ރައީސް ޔާމީނުގެ މައްޗަށް ގިނަ ބައެއްގެ ހިތުލޯބި ހުސްކޮށްލައިގެން ތިބި ތ. ގުރައިދޫގައި ރައީސް މުއިއްޒު ފަލީހަތް ކޮށްލެއްވޭނީ ތިޔަހާކަށް ވަރަށެވެ.
އާދޭހެވެ. ވަރަށް ބޮޑު ތެދުފުޅެކެވެ. ރައީސް މުއިއްޒު ދެކެ މީހުން އިހުލާސްތެރި ލޯބި ނުވަނީ ގަދަބަސް ވިދާޅުވާތީއެވެ. ރައީސް މުއިއްޒު ވަރުގެ ބޭފުޅަކު ދުނިޔޭގައި ނެތްކަމަށް އަމިއްލައަށް ދެކިވަޑައިގެން ކުރައްވާ ކަންކަމުންނެވެ. ރައްޔިތުންނަށް މުއިއްޒު ކުރައްވާ ގަދަ ފަދަ އަމުރު ތަކުންނެވެ.
ތެދުފުޅެކެވެ. ރައީސް މުއިއްޒަކީ މަޑުމައިތިރިކަމާ ލޯތްބާއެކު ރައްޔިތުންނާއި މުހާތަބު ކުރައްވަން ދެނިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ދޫފުޅަކީ ދޮގާއި އޮޅުވާލުމުގައި ވަރަށް ވިހަގަދަ ތޫނު ހަތިޔާރެކެވެ. މޫނުފުޅަށް ރުލެއްވެސް އަރުއްވާ ނުލައްވާ ބުހުތާން ދޮގު ހެއްދެވުމުގައި ލާމަސީލު މިސާލެކެވެ. ގައްސާނުގެ ވާހަކަފުޅު ތަކުން ރައްޔިތުންނަށް ސާބިތު ކޮށްދެއްވެވީ ރައީސް މުއިއްޒުގެ ބަސްފުޅުގެ ދޮގުކަމެވެ. ރައީސް މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކާއި ހިލާފުވެ ވަޑައިގަންނަވާ ކަމާއި އުނބަށް ޖެއްސެވުމުގައި ރައީސް މުއިއްޒަކީ ދެވަނައެއް ނެތް ބޭފުޅެއް ކަމެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް އެއްރަށަކުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ތ. ގުރައިދޫ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓިދިން މައިގަނޑު ސަބަބަކީ ރައީސް ޔާމީނު މިނިވަން ކުރުމެވެ. ގުރައިދޫ ރައްޔިތުންގެ ކުރިމަތީގައި މަތިމައްޗަށް މުއިއްޒު ވެވަޑައިގެން ވައުދަކީ ރައީސް ޔާމީނު މިނިވަން ކުރެއްވުމެވެ. ރައީސް ޔާމީނު މިނިވަން ކުރައްވަން ވެވަޑައިގެން ބުހުތާން ވައުދު ނުފުއްދަވާކަން ގުރައިދޫ ރައްޔިތުންނަށް އެނގެއެވެ. ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތަ ނުދެއްވަން ކުރެއްވެން އޮތްހާކަމެއް ރައީސް މުއިއްޒު ކުރައްވާނެކަން އެންމެނަށް އެނގެއެވެ.
ރައްޔިތުންގެ ބުރަ މަސައްކަތުން ގައުމުގެ އޮއިވަރު ބަދަލު ކުރިނަމަވެސް ގައުމުގެ ދުވެލި ތަރައްގީގެ މިސްރާބާ ދިމާލަށް ބަދަލުނުވާކަން ގައްސާނަށް ވިސްނިވަޑައިގަނެއެވެ. ފުރުސަތުގެ ބޭނުން ރައްޔިތުން ހިފާ ރައީސް މުއިއްޒު ދޫކޮށްލުމަށް ގުރައިދޫ ރައްޔިތުންނަށް ގައްސާނު މެސެޖް ދެވީއެވެ. ރައީސް މުއިއްޒުގެ ކުރިފުޅުމަތީ ހުންނަވައިގެންނެވެ.
ވާނީވެސ އެހެންތާއެވެ. ރައީސް މުއިއްޒުގެ އިއްޒަތާއި އިތުބާރާއި ހައިބަތު މީހުންގެ ކުރިމަތީގައި އުފުލެމުން ނުދާކަން ގައްސާނަށް އެނގިވަޑައިގަންނަވައެވެ. ހަތުރުން ފާރަވެރި ކަޅިއަކުން ހިތްހަމަނުޖެހި ފިލާތިބެ ކަންކަން ބަލަމުންދާ ކަމަށް ގައްސާން މައުމޫނު ވިދާޅުވީ އެހެން ވެގެންނެވެ.
ގައްސާނު އެވިދާޅުވާ ފިލާތިބެ ރައީސް މުއިއްޒު ކަންކަން ބަލަމުންދާ ހަތުރުންނަކީ އިދިކޮޅު އެމްޑީޕީއެއް ނޫނެވެ. އެހެނީ އެމްޑީޕީން ރައީސް މުއިއްޒުގެ ކަންކަމަށް ފާރަވެރިވަނީ ފިސާރި ފާޅުކަން ބޮޑުކޮށެވެ. އެކަމަކު ފިލާތިބެ ރައީސް މުއިއްޒަށް ފާރަވެރިވާ ހަތުރުންނަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ބައިވެރިންނެވެ. ރައީސް ޔާމީނުގެ ވަފާތެރިން ގިނަ ތ. ގުރައިދޫގައި މުއިއްޒު ކުރިފުޅުމަތީ ހުންނަވާ ގައްސާނު ކުރެއްވީ ރައީސް މުއިއްޒަށް މަލާމާތާ ފުރައްސާރައެވެ.