ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ޑރ. މުސްތަފާއަށް

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ޑރ. މުސްތަފާއަށް

ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފިއެވެ. މިނިވަން ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި ޑރ. މުސްތަފާ އަށް އެ އިއްޒަތް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޑރ. މުސްތަފާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވަރަށް މުހިންމު ހިދުމަތް ތަކެއް ކޮށްދެއްވެވި ބޭފުޅެކެވެ. ރާއްޖެ މިއަދު މި ދެކޭ ތައުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައި އިސްކޮށް އުޅުއްވިއެވެ. މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ގިނަގުނަ މަސައްކަތްޕުޅު ކުރެއްވިއެވެ.

ޝަރަފް އެރުއްވެވީ ތައުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ. ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވެސް ވަޒަންކުރެއްވުމުގެ ގޮތުންވެސް މެއެވެ. 

މިއަދު ރައީސް ސޯލިހު ވިދާޅުވީ ޑރ. މުސްތަފާ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރެއްވުމަށް ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ، ޑރ. މުސްތަފާއަށް ދިވެހި ދައުލަތުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރައްވާފައެވެ