ޝިޔާމަށް: މަސްވެރިކަމުގެ ސިނާއަތު ފުޑާލަން ނޫޅޭތި!
ޗައިނާ ދަތުރަކީ މަސްވެރިކަމުގެ ސިނާއަތަށް މުހިންމު ދަތުރެއްތަ
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކޮށް ދިނުމުގެ ރަނގަޅު ނިޔަތް ޗައިނާ ސަރުކާރުގައި އޮތެއް ކަމަކު ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ކިބައިގައި އޮތް ހެނެއް ހިޔެއްނުވެއެވެ. ރައީސް މުއިއްޒުގެ ޗައިނާ ދަތުރަކީ މަސްވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ދަތުރެއް ކަމަށް މިނިސްޓަރ ޝިޔާމް ދުލުކުރިން ބުންޏަސް އެކަމަށްޓަކާ ކުރެވޭ ކަމެއް ބުނެއެއް ނުދެވެއެވެ.
އާނއެކެވެ. ޗައިނާ ސަރުކާރާ އެކީގައި ކުރެވޭނެ މަސައްކަތްތައް ޔަގީނުން ވެސް ހުންނާނެއެވެ. ޝިޔާމް ނުބުންޏަސް އެންމެނަށްވެސް އެކަން އެނގޭނެއެވެ. ފުޖިއާން ޕްރޮވިންސްގެ މޭޔަރާ ބައްދަލުކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ކުރީ ކޮން މަޝްވަރާތަކެއް ކަމެއް ނުބުނެވެނީ ވަކިކަމެއް ވަކިގޮތަކަށް ކުރަން އެއްބަސް ނުވެވޭތީކަން ޔަގީނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މިވަގުތު ހުރި މައްސަލަތައް ހައްލުވާ ތަން ޝިޔާމަށް ފެންނަން ފެށީ ރައީސްގެ ޗައިނާ ދަތުރުފުޅާ ގުޅިގެން ކަމަށްވާނަމަ ކުރިން ޝިޔާމް އެދެއްކީ ކޮން ވާހަކަ ތަކެއް ހެއްޔެވެ. ރާއްޖޭގެ މަސްވެރިކަމަށް ހުރި ދަތިތައް ހައްލުނުވެގެން އުޅެނީ ޓެކްނޮލޮޖީ އާއި އެކްސްޕަޓީޒް ނެތިގެނެއް ނޫނެވެ. ކިރިމަހަށް ފައިސާ ނުދެވިގެން އުޅެނީ ކޮން ޓެކްނޮލޮޖީ އަކާއި އެކްސްޕަޓީޒްއެއް ނެތިގެން ހެއްޔެވެ. ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހިންގައިގެން މަސްވެރިންނަށް އައިސް ނުދެވެނީ ކޮން އެކްސްޕަޓީޒްއެއް ނެތިގެންހެއްޔެވެ.
ޗައިނާގައި ހުރި އެންމެ ބޮޑު މަސްވެރިކަމުގެ ކޯޕަރޭޝަނަށް ހޮންދޮން ފިޝަރީޒް ކޯޕަރޭޝަންއަށް ވަދެލެވުނީމާ އާސޯހުވެ ސޮނިވެއްޓި އާގަމަ ވާނެއެވެ. އެތަނުގެ އުފެއްދުންތަކާއި އެތަން ދުނިޔޭގެ އެހެން ގައުމުތަކަށް ފުޅާވެފައި އޮތް މިންވަރު އެނގި ސިއްސައިގެން ދާނެއެވެ. ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޗައިނާގައި ކަންކުރާގޮތަށް ރާއްޖޭގައި ކަންކަން ކުރެވޭނެ ކަމަށް ހީކޮށް ރާއްޖޭގައި އޮތް ކަޅުބިލަމަހާއި ކަންނެލީ މަސްވެރިކަން ނޫން އެހެން ގޮތެއް ހޯދަން އުޅެގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޑާލަން ކޮންމެސް ނޫޅެއްޗެވެ.
ތިޔަހެން ކޮށްލާ ދަތުރަކުން ފެންނަ ތަނަކުން ޒަމާނުއްސުރެ ދިވެހިން ކުރަމުންއައި ކަޅުބިލަ މަހާއި ކަންނެލީގެ މަސްވެރިކަން ދޫކޮށް އެހެން ގޮތަކަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުރޮޅާލަން ނުވިސްނައްޗެވެ. ޝިޔާމް މެންނަށްވުރެ ކުރިން ރާއްޖޭގައި ވެރިކަން ކުރި މީހުންވެސް ތިޔަ ތަންތަން ދުއްޓެވެ. ބަޔަކު ކަމެއް ކުރިޔަސް އެންމެނަކަށް ބަޔަކު ކުރާހާ ކަމެއް ނުކުރެވޭނެއެވެ.
ޗައިނާއަކީ މު ޅިދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް އިގްތިސާދެވެ. މީގެ ހައެއްކަ އަހަރު ކުރިން ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. ސައިންސާ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރީގައި އޮތް އެއްގައުމެވެ. އެމީހުން ކުރިއަރާ ދިޔައީ އެއް ދުވަހަކުން ދެދުވަހަކުން ނޫނެވެ. އެމީހުން ކުރާހާކަމެއް ރާއްޖެއަކަށް ނުކުރެވޭނެއެވެ. އެ ވަސީލަތެއް އެ ހަކަތައެއް އެ ކުޅަދާނަކަމެއް ރާއްޖެއަކު ނެތެވެ.
މީގެ މާނައަކީ އައު ފުރުސަތުތައް ހޯދާ އައުގޮތައް ތަޖުރިބާ ކުރަން މަސައްކަތް ނުކޮށް ހުއްޓި ތިބޭ ވާހަކައެއް ނޫނެވެ. ނެތްވަރުން ބަޔަކު ކުރާހާ ކަމެއް ކުރަން ނޫޅޭ ވާހަކައެވެ. ރާއްޖެ އޮތީ ވަރަށް ބޮޑަށް ކަޅުބިލަމަހާއި ކަންނެއްޔަށް ލިމިޓްވެފައި ކަމަށް ދެކިގެން އެކަން ހުއްޓާލަން ކޮންމެސް ނޫޅެއްޗެވެ. ހޮންދޮން ފިޝަރީޒް ކޯޕަރޭޝަނުން އެ ކުރާ ޒާތުގެ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެބަހުއްޓޭ ކިޔާފާ އެފާޑަށް އުޅެ ނުގަންނައްޗެވެ.
މަސްވެރިންނަށް މިވަގުތު ދިމާވެފައި ހުރި ދަތިތަކުގެ ތެރެއިން އައިސް ލިބުމުގެ ދައްޗާއި ދޯނި ފަހަރުގައި މަސް މެނޭޖް ކުރުމަށްޓަކައި ހުރި ދަތިތައް ހައްލުކުރަން ކުރެވެން އޮތްކަމެއް ކުރާށެވެ. ކިރާ މަހަށް އަވަހަށް ފައިސާ ދެވޭނެ ގޮތެއް ހޯދާށެވެ. ސްޓޯރޭޖްގެ އިތުރުކޮށް ފަސޭހައިން އައިސް ލިބޭނެ ގޮތް ވޭތޯ ބަލާދޭށެވެ. ބައިހަދާފައި ފޮޓޯނަގާ ސޯސަލް މީޑީއާގައި ސްނެޕްކޮށް ކައިބޮއެ މަޖާކޮށް ހަދަން ގޮސްއުޅޭ ކާނިވަލަކަށް ނުހަދާށެވެ.