ރޮޒައިނާގެ މަގުބޫލުކަން ގެއްލުވައެއް ނުލެއްވޭނެ
ރޮޒައިނައާއި ރައީސް ނަޝީދު ވާދަކުރިޔަސް ނަޝީދު ވާނީ ބަލި
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދެކެ ރައީސް ނަޝީދު ބިރުފުޅުގެން ވަޑައިގަންނަވަނީ ހާދަ ވަރަކަށެވެ. ރައްޔިތުންގެ މަޖިލިހަށް ރޮޒައިނާ އިންތިހާބު ކުރުމަކީ ކުރެވުނު "ވިޔާ ނުދާ" ކަމެއް ކަމުގެ އިހުސާސް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވުމުން އެ ކަމަނާގެ މަގުބޫލުކަން ނަޝީދަށް ވުރެ މާބޮޑުކަން ހާމަ ވެގެން ހިނގައްޖެއެވެ.
ދަ ޑިމޮކްރެޓިކް ވިއްކަން ކުރައްވާ ދަތުރުފުޅުގައި މެމްބަރު ރޮޒައިނާ އާދަމްގެ ދާއިރާގައި އެ ކަމަނާއަށް ކުޑައިމީސް ކުރައްވާ ނަޝީދު ވާހަކަފުޅު ދައްކަވާނީ ގައިމު އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. ރޮޒައިނާ މީދޫ ދާއިރައަށް ހޮއްވަވާ ދެއްވީ ރައީސް ނަޝީދު ކަމަށް ދޭހަވާ މޭރުމުން ކޮންމެ ވާހަކަފުޅެއް ދެއްކެވިޔަސް އެ ކަމަނާއަށް ދާއިރާގެ ތާއީދު އޮތްކަން އޮތީ ސާފުކޮށް ފެންނާށެވެ. ނަޝީދު ދައްކަވާ ވާހަކަފުޅަކުން ރޮޒައިނާގެ މަގުބޫލު ކަމެއް ގެއްލުވައެއް ނުލެއްވޭނެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބަލިވެ ވަޑައިގެން އިރު ރޮޒައިނާ ހުންނެވީ ނަޝީދާ ދެކޮޅަށެވެ. އެމްޑީޕީގެ ޗެއަރޕަރސަން އިންތިހާބުގައި ރައީސް ނަޝީދު ހުންނެވީ އިމްތިޔާޒް ފަހުމީއާއި އެކުގައެވެ. ރޮޒައިނާ ހުންނެވީ ފައްޔާޒް އިސްމާއީލާއެކުގައެވެ. މުޅި އިންތިހާބު ވެސް އަދި މީދޫ ދައިރާވެސް ކާމިޔަބު ކުރީ ރޮޒައިނާ ހުންނެވި ފަޅިއެވެ. ރައީސް ނަޝީދުގެ ފަޅި ފެއިލް ވީއެވެ.
ހޮދު އަންހެނުންގެ ރޫހުގެ ރައީސާކަމަށް އެމްޑީޕީން އިންތިހާބު ކުރީވެސް ރޮޒައިނާއެވެ. ރައީސް ނަޝީދު އެ އިންތިހާބުގައި ތާއީދު ކުރެއްވި ކެންޑިޑޭޓް ވީ ބައްޔެވެ. އަހަންމައިދީ ލައްވާ ރައީސް ނަޝީދު ހޮއްވަވަން ބޭނުންފުޅުވީ ހުރިހާ ކެންޑިޑޭޓުން ނުހޮއްވެވުނީ ކީއްވެ ހެއްޔެވެ. ރައީސް ނަޝީދަށް ރާއްޖޭގައި ކުރިން އޮތް ތާއީދު މިހާރު ވަނީ ގެއްލިފައެވެ.
ރައީސް ނަޝީދު އިންތިހާބެއްގައި ވާދަކުރައްވައިގެން އެއްވެސް ފެންވަރެއްގެ ކާމިޔާބެއް މިހާރު ނުހޯއްދެވޭނެކަން އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވާ ކަހަލައެވެ. ކާމިޔާބެއް ވެވަޑައިގެންފާނެ ކަމުގެ ކުޑަވެސް އުންމީދެއް އޮތްނަމަ ދަ ޑިމޮކްރެޓީކްސް ގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބަކަށް ނުދެއްވީހެވެ. 17 އަހަރު އަތްޕުޅުގައި އޮތް ޕާޓީ ގެއްލި ސިޔާސީ ބުރަދަން މަދޮއްޓަކަށް ލުއިވެ ބޭކާރުވީމާ ހޭއްވެ ވޭނީ ހަޑިއެވެ. އިންތިހާބެއްގައި ރޮޒައިނައާ ރައީސް ނަޝީދު ވާދަކުރެއް ވިޔަސް ބޮޑުތަނުން ނަޝީދު ބަލިވެ ވަޑައި ގަންނަވާނެއެވެ.
ރައީސް މައުމޫނުގެ ޑީއާރުޕީ ބައިކޮށް ޑރ. ވަހީދު ބަލިކޮށް ރައީސް ނަޝީދު ސައިޒް ކުރެވޭނީ ރޮޒައިނާމެން ލައްކަ މޮޅުވީމައެވެ. ލައްކަ ހުޝިޔާރު ވީމައެވެ. ދެރަ ކަމަކީ ރައީސް ނަޝީދު ޖަލުން ނެރެ އާރާބާރު ހޯދާ ދެއްވަން ރޮޒައިނާމެން އުޅުއްވިއިރު އެއީ ދެވަނައެއް ނެތް ޖަވާހިރެކެވެ. ގެދޮރަށް ވަންނަވާ ތަނު އެޅި ކުނަލަށް ނަޝީދު ވެވަޑައިގެން ފެމެލީ ފޮޓޯ ނަންގަވާ ހެއްދެވިއިރު ގޯހަކަށް ނުވެއެވެ. ރައީސް ނަޝީދު ޖައްސަވާ ބެރަށް ނައްޓަވާ އަލީ އާޒިމަކީ ރޮޒައިނާމެން ތެރެއިންވާ މީހެއް ކަމަކަށް މިހާރަކު ނުވެއެވެ.
ނަފްރަތާ ހަސަދައިން ފޯވެފާ ހުންނެވި ވަރުން ހެއްދެވޭ ނުހެއްދެވޭ އެނގިވަޑައެއް ނުގަންނަވައެވެ. ދެއްކެވޭ ނުދެއްކެވޭ ވާހަކަފުޅެއް އެނގި ވަޑައިނުގަންނަވާ ވަރަށް ނަޝީދު ހުންނަވަނީ ބުއްދި ފަސްވެފައެވެ. ރޮޒައިނާގެ ސަޕޯޓް ބޭސް އެންމެ ބޮޑު ތާނގައި ހުންނަވާ ރޮޒައިނާއަށް ބަދުބަސް ރައީސް ނަޝީދު ރައްދު ކުރުމެކޭ ކެނެރީގެއަށް ވަދެ ކެނެރީ ސައްތާރަށް ފުޅަހޮއްލުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. ނަފުރަތުގެ ހުޅުން ރޯވެ އަނދާނީ ހުޅުޖެހި މީހާގެ ފަސްބައެވެ.