ބޮޑު ހައިބަތު ދައްކަން އަންނި ގޮނޑީގާ ލޮބާޑިލުން
މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު އިނުމަކަށް ހައްގެއްނޫން
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ހޮވިގެން ދާއިރާ ގޮނޑިއެއްގައި އިނުމަކީ ދިވެހި ދައުލަތަށް މަލާމާތް ލިބޭވަރުގެ ހުތުރު ކަމެކެވެ. ގާނޫނު މަނާ ނުކުރާތީ މަޖިލިސް މެންބަރު ކަމަށް ހޮވިގެން ކުރީގެ ރައީސަކު މަޖިލީހުގެ ތިރި ގޮނޑިއެއްގައި އިނުމަކީ ނިކަން ހުތުރު ކަމެކެވެ.
ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކޮށްގެން ބޮޑުވަޒީރުކަން ހޯދުމުގެ އެދުންވެރިކަން ބޮޑުކަމުން އެމްޑީޕީއަށް ރައްޔިތުން ކުރާ ތާއީދުގެ ބޭނުން ކޮށްގެން ކުޑަކުޑަ އިދާރީ ދާއިރާއަކަށް ކުރިމަތިލައިގެން ކުރީގެ ރައީސަކު މަޖިލީހުގެ ގޮނޑިއަކަށް ހޮވުނީތާއެވެ. އެމްޑީޕީ މެންބަރުން ތާއީދުކޮށް ވޯޓުލީތީ އެ ދާއިރާއަށް ނިސްބަތް ނުވިޔަސް މައްޗަށްގޮޅީމެދު ދާއިރާގޮނޑިއަށް ގ. ކެނެރީގެ ނަޝީދު އިންތިހާބުވީއެވެ.
ކުރީގެ ރައީސަކަށް ވީތީ މަޖިލީހުގެ ތިރި ގޮނޑިއެއްގައި ނުބައިންދަން މަޖިލީހުގެ ރައީސް ކަމަށް ކެނެރީގޭ ނަޝީދު އެރުވީ އެމްޑީޕީންނެވެ. އެންޑީޕީގެ ރައީސަށް ވެސް ހުރީ އޭރު އޭނާ ކަމުގައި ވީތީއެވެ. އޭނާއަށް އެ މަގާމު ދިނީ މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުންނެވެ. ހަގީގަތުގައިވެސް މަޖިލިސްގެ ރައީސް ކަމަކީ އެމްޑީޕީގެ ރައީސަށް ވީތީ އޭނާއަށް އެމްޑީޕީން ހޯދާދިން ގޮނޑިއެކެވެ.
އެމްޑީޕީން ވަކިނުވެ އިނދެ މަޖިލިސް ބޭނުން ކޮށްގެން ސަރުކާރަށް އިންތިހާއަށް ޖެއްސުންކޮށް ދަތިކުރިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު ތަކާއި ނުރައްކާތެރި އިލްޒާމްތައް އަޅުވަމުން ދިޔައެވެ. އެހެން ނަމަވެސް ކެތްތެރި ކަމާއެކު މަޖިލީސްގެ ރައީސް ކަމުގައި ބައިންދައިގެން އެމްޑީޕީން ހަނު އޮތީ އެމްޑީޕީގެ ރައީސަށް އޭނާ ވީތީއެވެ.
އެމްޑީޕީގެ ރައީސްކަމާއި އެމްޑީޕީ ދޫކޮށްފައި އޭނާ ދިއުމުން މަޖިލީހުގެ ރައީސް ކަމުގައި އޭނާ އިނުމަކަށް ހައްގެއް ނޫނެވެ. އެމްޑީޕީން ވަކިވުމަށް ފަހު އެމްޑީޕީން ހޯދާދިން ގޮނޑިއެއްގައި ބަގުޑި ބައްދައިގެން އިންނާނީ ނިކަން ހަޔާތް ކުޑަވީމައެވެ. ގޮތެއް ފޮތެއް ނެތީމައެވެ. އެމްޑީޕީ ދޫކޮށްލި ހިސާބުން އޭނާއަށް އެމްޑީޕީން ކުރި އިތުބާރު ވަނީ ގެއްލިފައެވެ.
މަޖިލީހުގެ ގަވައިދަކަށް ގާނޫނަކަށް ބެލުމެއްނެތި ރިޔާސަތުގައި އިދެގެން ހިތުހުރި އެއްޗެއް ހަދަމުން އެގެންދަނީ ކުޑަކުޑަ ކުއްޖަކަށް ވެސް ވާނުވާ ފަހުމް ވާހާ ހުތުރުކޮށެވެ. ދީނަށް ފުރައްސާރަ ކުރުމާ މަޖިލީހުގައި ޖަވާބު ދާރީ ނުވޭނެ އެތައް ބައެއްގެ އަބުރު ކަތިލުމާ ގަވައިދުތައް މުގުރުމުގައި މަގާމުގެ ބޭނުން ކުރަނީ ކަނު މީހަކަށްވެސް ފެންނަ ވަރަށެވެ. މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ތާއީދު ލިބިގެން ހޯދި ގޮނޑިން ނުފައިބާން ބޮޑާހަދަނީ މެޖޯރިޓީގެ އިތުބާރު ގެއްލިފައި ހުރެއެވެ. މަކުނަށް ސައްކެޔޮގަހުން ނުފޭބިފާ އިނީ ނުފައިބާކަށް ނޫނެވެ. ނަގޫފިތިފައި ހުރެގެންނެވެ. ނަޝީދަށް ޖެހިގެން އުޅެނީވެސް އެހާލު ބާއެވެ.
އެކަމަކު ބުނަން ހެއްޔެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޮޑުކޮށް އަދިވެސް އޮތީ އެމްޑީޕީއަށެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއަށް ނަޝީދުގެ އިތުބާރު ވަނީ ގެއްލިފައެވެ. އިތުބާރު ނެތް މީހަކު މަޖިލިސްގެ ރައީސް ކަމުގާ ބައިންދައިގެން އަބަދު ހީގަނެގެން ތިބޭނެ ކަމަށް ހީކުރަނީތާއެވެ. އެހެން އެކަމެއް ނުވާނެއެވެ.
ހަމަތެދެކެވެ. ޑިމޮކްރަސީގެ ކަންފުޅެއް ވެސް ހުރި މީހެއްނަމަ މަގާމު ހޯދާދިން ޕާޓީ ދޫކޮށް ލާއިރު އެޕާޓީން ހޯދާދިން މަގާމުވެސް ދޫކޮށްލާނެއެވެ. ތިމާގެ ބޮޑާކަމާއި ބޮޑު ހައިބަތު ދެއްކުމަށް ގޮނޑީގާ ލޮބާޑިލާކަށް ނުހުންނާނެއެވެ. ފްލޯކްރޮސިންގ ގާނޫނެއް ނެތޭބުނެ މަގާމުގައި ބަގުޑި ބައްދައިގެން ނުހުންނާނެއެވެ. ހުނި ގުރާބު ބަލާ އަމާގަތަށް ވަނުން މަނާކުރާ ގާނޫނެއް ވެސް ނޯވެއެވެ.