ދިޔަރެސް ހިންގީ ދޮގު މައުލޫމާތުގެ ކެމްޕެއިނެއް: އީޔޫ

ނެގޭ ވޯޓަކީ ރާއްޖޭގެ އިސްތިގުލާލާއި މެދު ނެގޭ ވޯޓެއް ކަމަށް ސިފަކުރި

ދިޔަރެސް ހިންގީ ދޮގު މައުލޫމާތުގެ ކެމްޕެއިނެއް: އީޔޫ

"ދިޔަރެސް" ނޫހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް "ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް" ހިންގި ކަމަށް އީޔޫއިން ބުނެފިއެވެ. އީޔޫއިން މިހެން ބުނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މޮނިޓަރ ކުރި ޔޫރަޕިއަން ޔުނިއަންގެ ޓީމުންނެރުނު އިބްތިދާއީ ބަޔާނުގައެވެ. 

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ވެސް ހަގީގަތާ ހިލާފު އެތައް ވާހަކައެއް ފަތުރަމުންދިޔަ ކަމަށް އީޔޫއިން ފާހަގަ ކުރިއެވެ. ހަމަ އެހެންމެ ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ބަހުގެ ހަމަލާ ދީފައިވާކަން އީޔޫ އިން ފާހަގަކުރިއެވެ. 

ސިޔާސީ ޕާޓީތަކާ ގުޅިފައިވާ ނުފޫޒުގަދަ އެތައް ބަޔަކު ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފަތުރައި، ދެ ވަނަ ބުރުގެ ވޯޓަކީ ރާއްޖޭގެ އިސްތިގުލާލާއި މެދު ނެގޭ ވޯޓެއް ކަމަށް ސިފަކޮށް ރައީސް ސޯލިހާ ދެކޮޅަށް ބިޔަ ކެންޕޭނެއް ކޮށްފައިވާ ކަމަށް އީޔޫ ބުނެއެވެ. 

ސޯޝަލް މީޑިއާގެ ގިނަ އެކައުންޓްތަކަުން ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ދިމާކޮށް ހަގީގަތް ނުހޯދާ ދެ ކެންޑިޑޭޓުންނާއި ދެކޮޅަށް ވެސް ބޮޑެތި ތުހުމަތުތައް ފަތުރާފައިވާކަމަށް އީޔޫގެ އިބްތިދާއީ ރިޕޯޓްގައި ބުނެފައި ވެއެވެ. 

ވޯޓުލާ މީހުންގެ ތާއީދު ހޯދުމަށް ކެމްޕެއިނުގެ ތެރޭގައި އޮންލައިންކޮށް ދެއްކި ވާހަކަތައް ވަރަށް ބޮޑަށް ދެބަޔަކަށް ބެހިފައިވާކަމަށާއި ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދުގައި ހަގީގަތާ ހިލާފު މައުލޫމާތާއި ހިޔާލުތައް ފެތުރެމުންދިޔަ ކަންވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.